އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމެއްކަން އަދި ބުނާކަށް ނޭނގޭ: ފުލުހުން

މާލޭގައި ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ރާވައިގެން ބަޔަކު ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމުގައި ބައެއް ފަރާތްތަކުން ބުނި ނަމަވެސް ފުލުހުންގެ ތަހުޤީޤަށް އެފަދަ ކަމެއް ފާހަގަވެފައި އަދި ނެތްކަމަށް ފުލުހުން ބުނެފިއެވެ.
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ފުލުހުން ހިންގާ ތަޙުޤީޤާއި ގުޅޭގޮތުން ވީނިއުސްއިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ހިންގި އަމަލެއްކަން ފުލުހުންގެ ތަޙުޤީޤަށް އަދި ސާބިތުވެފައި ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުން ތަހުޤީޤު ހިންގަމުން ދަނީ ހާދިސާ ހިންގަން މެދުވެރިވި ސަބަބު ދެނެގަތުމަށް، ކަން ހިނގާފައި ވެދާނެ ހުރިހާ ގޮތަކަށްވެސް ބަލައިގެން ކަމަށެވެ. އަދި ތަހުޤީޤަށް ބޭނުން ހިފިދާނެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް އެނގޭނަމަ އެމައުލޫމާތެއް ފުލުހުންނާއި ހިއްސާކޮށް ދެއްވުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެންނަށް މިހާތަަނަށް ބެލި ބެލުމުން ނެތް އެކަމާއި (ބަޔަކު ގަސްތުގައި ކުރިކަމަކާއި) ގުޅޭނެ އެއްވެސް ކަމެއް ފާހަގައެއް ނުވޭ. އެހެން ނަމަވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން އަޅުގަނޑުމެންގެ ތަހުޤީޤު މިގެންދަނީ، ހުރިހާ ޕޮސިބިލިޓިސްތަކެއް، ހުރިހާ އެންގަލް އަކުން ބެލިގެން. އެކަމުގެ ޔަޤީންކަން އަޅުގަނޑުމެން ދެން" ހަސަން ޝިފާއު ވިދާޅުވިއެވެ.
މާލޭގައި ހުކުރު ދުވަހުގެ ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާއަކީ ބަޔަކު ރާވައިގެން ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމުގައި ވިދާޅުވެފައިވަނީ، އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޢިއްޒެވެ. އެހެން ވިދާޅުވުން ފިޔަވައި އިތުރު އެއްވެސް އެއްޗެއް އޭނާ ވިދާޅެއް ނުވެއެވެ.
މެމްބަރު މުއިއްޒު މިހެން ވިދާޅުވުމާއި ގުޅިގެން، ގޮވުންތައް ގޮވީ ގުދަނުގައި ނޫންކަމަށާއި ފުރަތަމަ ރޯވީ ގުދަނުގައި ނޫންކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ވާހަކަދައްކަން ފަށާފައެވެ.
މަންޒަރުދުށް މީހުން ބުނެފައިވަނީ، ފުރަތަމަ ރޯވީ، ތިލަފުށިގޭގައި ހުރި ގުދަނުގައި ކަމަށާއި ފަހުން މަގުމަތީގައި ހުރި ސައިކަލުގައި ރޯވެ އަލިފާންގަނޑު ފެތުރުނީ ކަމަށެވެ. އެ މަންޒަރުތައް ފެންނަ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން ދެއެވެ.
އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެ، 4 ގުދަނާއި 7 އިމާރާތް އަދި 21 ސައިކަލާއި އެއް ޕިކަޕް އަނދައި ބޭނުން ނުކުރެވޭ ވަރުވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ