އަބްދުﷲ ޝާހިދުގެ މައްސަލައެއް އޭސީސީއަށް

ޚާރޖީ ވަޒީރު އަބްދުﷲ ޝާހިދު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުގައި، އެ ޤައުމުގެ ބޮޑުވަޒީރު ޑރ. ސާދު، ވަޒީރު ޝާހިދަށް ދެއްވި ވަރަށް އަގުބޮޑު ކާޕެޓުތަކެއް މިނިސްޓަރު ގެޔަށް ގެންދެވި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމުގެ އަޑުތަކެއް ފެންމަތިވެއްޖެ އެވެ.
މިކަމާ ގުޅޭ ގޮތުން ސީއެންއެމަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. ސީއެންއެމަށް މައުލޫމާތު ދެއްވަމުން މިޑިއާ އޮފިޝަލް ވަނީ އެ މައްސަލަ އޭސީސީ އިން ބަލައިގަތް ކަން ކަށަވަރުކޮށް ދީފަ އެވެ.
އަދި އޭސީސީން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހުގައި އެ މައްސަލައަކީ އޭސީސީން ބަލަންޖެހޭ މައްސަލައެއްތޯ ނުވަތަ ނޫންތޯ ނިއްމާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނަނީ މޮރޮކޯ އިން ލިބުނު ކާޕެޓު ޚާރޖީ ވުޒާރާ އާއި ހަވާލު ނުކުރައްވާ، ޝާހިދު ވަނީ އެ ކާޕެޓު ގެއަށް ގެންދަވައިފަ އެވެ. ރަސްމީ ހައިސިއްޔަތުން، އެހެން ޤައުމުތަކަށް ކުރާ ޒިޔާރަތްތަކުގައި އެގޮތަށް ހަދިޔާގެ ގޮތުގައި ލިބޭ ތަކެތި ވާނީ ދައުލަތުގެ މުދަލަށެވެ.
އަދި އެގޮތަށް ލިބޭ ތަކެތި ސަރުކާރާ ހަވާލުކުރުން ޤާނޫނު ލާޒިމް ކުރެއެވެ. އެފަދަ ގޮތަކަށް ލިބޭ ހަދިޔާ، ސަރުކާރާއި ހަވާލު ނުކޮށްފި ނަމަ ކޮރަޕްޝަން މަނާ ކުރުމުގެ ޤާނޫނުގެ ދަށުން އެގޮތަށް އަމަލު ކުރާ މީހަކަށް ދައުވާ ކުރެވޭނެ އެވެ. އޭސީސީން ވަނީ ބަންޑާރަ ކަފައިގެ ނަމުގައި ބޮޑު ކެންޕެއިނެއް ކޮރަޕްޝަނާ ދެކޮޅަށް ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ