މުރުތައްދުވާ މީހުންނަށް ދައުލަތުގެ ފައިސާއިން އާސަންދަ ދޭކަށް ނުޖެހޭ: ރައީސް ޔާމީން

އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތަކަށް ރައްޔިތުންގެ ފައިސާ ޚަރަރުކޮށްގެން ދައުލަތުން އާސަންދައިގެ ޚިދުމަތް ދޭން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސް ޔާމީން މިހެން ވިދާޅުވީ އިދިކޮޅު ކޮންގްރެސް ކޯލިޝަން ގުޅިގެން އަލިމަސް ކާނިވާ ސަރަހައްދުގައި "އަންނަނީ އަންނަނީ" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ އިސްލާމީ ޝަރީޢަތުގައި ވެސް ކަނޑައަޅާފައި ވަނީ މުރުތައްދުވާ މީހާއަށް އޭނާގެ ބައްޕަގެ މުދަލުން ވާރުތަ ނުވާ ގޮތަށް ކަމަށެވެ.އެހެން ކަމުން ދިވެހި ދައުލަތުގެ ޚަޒާނާގައިވާ ގައުމުގެ މާލިއްޔަތުން ވެސް އެފަދަ މީހުންނަށް އެއްޗެއް ހައްޤު ނުވާކަމަށެވެ. އެއާއެކު އެމަނިކުފާނު ވަނީ މާތްވެގެންވާ އިސްލާމް ދީނާއި މާތް ނަބިއްޔާއަށް ބަދު ބަސް ރައްދުވާ ގޮތަށް ރިޕޯޓް ތައްޔާރުކޮށްގެން ނެރުނު އެމްޑީއެންގެ ރައީސާ ޝަހިންދާ އިސްމާއީލަށް އާސަންދަ ދިނުމާއި މެދު ސުވާލު އުފައްދަވާފައެވެ.މި ޖަލްސާގައި ރައީސް ޔާމީން ވަނީ އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓް ނެރުނު މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.އެމްޑީއެންގެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ސަރުކާރުން ބުނުމާމެދު ސުވާލު އުފައްދަވަމުން ރައީސް ޔާމީން ވަނީ އެމީހުންނާއި މެދު ފިޔަވަޅު އަޅަން ސަރުކާރަށް ނުކެރޭނެ ކަމަށާއި އެކަން ނުވެސް ކުރާނެ ކަމަށް އަދި އެ ހިތްވަރުވެސް މިހާރު އޮތް ސަރުކާރުގައި ނުހުންނާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު އެންމެ ކަންބޮޑުވެ ވަޑައިގަންނަވަނީ ދިވެހިރާއްޖޭގައި ޣައިރު ދީންތައް ފެތުރިގެން ހިނގައިދާނެތީ ކަމަށް ވިދާޅުވިއެވެ.ރައީސް ޔާމީން މިފަދައިން ވާހަކަފުޅު ދެއްކެވިއިރު އެމަނިކުފާނުގެ ވެރިކަމުގައި ވަނީ ދީނަށް ފުރައްސާރަކުރާ މީހުންނާއި މުރުތައްދުވާ މީހުންނަށް ދައުލަތުން އިނާޔަތް ނުދޭ ގޮތަށް ޤާނޫނު ފާސްކުރަން މަސައްކަތް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ