އަބްދުﷲ ގާޒީ އަށް ފިޔަވަޅު ނާޅަން ނެރުނު އަމުރު ސުޕްރީމް ކޯޓަށް

ސްޕީރިއާ ކޯޓްގެ ފަނޑިޔާރެއްގެ މައްސަލައެއް ސްޕީރިއާ ކޯޓަކުން ނުބެލޭނެ ކަމަށް ބުނެ، ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) މައްސަލައިގައި ސިވިލް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްޗަށް ނެރުނު އަމުރު ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމައިފި އެވެ.
ސިވިލް ކޯޓްގެ އަމުރު ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމީ މިއަދު ޖޭއެސްސީގެ ހަތް މެންބަރުން ހާޒިރުވި ޖަލްސާގައި ނެގި ވޯޓްގެ އަގުލަބިއްޔަތުންނެވެ.
ބަންޑާރަ ނައިބު އަދި ޖޭއެސްސީގެ ނައިބު ރައީސް އަބްދުﷲ މުއިއްޒު މިއަދު ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ބުނާ އަބްދުﷲ ގާޒީގެ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރަމުން ދަނިކޮށް ކޯޓަށް އެ މައްސަލަ ނުވެއްދޭނެ ކަމަށެވެ. ސިވިލް ކޯޓުން ޖޭއެސްސީގެ މައްޗަށް އެފަދަ އަމުރު ނެރުމުން ފަނޑިޔާރުނާމެދު ފާރެވެރިވާ ޖޭއެސްސީގެ މަސައްކަތަށް ބުރޫއަރައި، ކޮމިޝަންގެ ބާރު ކެނޑިދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިކަން މިހެން ހަމަޖެހިއްޖެނަމަ މައްސަލައެއް ތަހުގީގު ކުރުމަށް ކޮމިޝަނުން ނިންމާ ނިންމުން ވެސް ކޯޓަށް ލައިގެން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބާރު އެއްކޮށް ކެނޑިދާނެ. އެއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭނެ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސްޕީރިއާ ކޯޓްގެ ފަނޑިޔާރެއްގެ މައްސަލަ ބެލޭނީ ސުޕްރީމް ކޯޓަށް ކަމަށެވެ. "ސްޕީރިއާ ކޯޓްގެ ފަނޑިޔާރެއްގެ މައްސަލައެއް އަނެއްކާ ވެސް ސްޕީރިއާ ކޯޓް ލެވެލްގެ ކޯޓަކުން ގޮތެއް ނިންމިގެން ނުވާނެ. އަދި އެހީ ހަމަޖެހޭ ކަމެއް ނޫން. މިކަމުގައި ގޮތެއް ކަނޑައެޅަންޖެހޭނީ އަދު އިންސާފުގެ އެންމެ މަތީ ފަރާތް ސްޕްރީމް ކޯޓުން،"
ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަބްދުﷲ ގާޒީ ދިޓީވީއަށް އިންޓަވިއުއެއް ދެއްވި ކަމަށް ބުނެ ޖޭއެސްސީން ނިންމާފައިވާ ނިންމާއެކު އަބްދުﷲ ގާޒީއާމެދު ފިޔަވަޅުއެޅުން ފަސް ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ.
ދައުވާ ހުށަހެޅުއްވި ދުވަހު ސިވިލް ކޯޓްގެ ގާޒީ މަރިޔަމް ނިހާޔަތު ނެރުއްވެވި ވަގުތީ އަމުރުގައި ބުނެފައި އަބްދުﷲ ގާޒީގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައިވާ ދައުވާއަކީ ޖޭއެސްސީން އޭނާގެ މައްޗަށް ނިންމާފައިވާ ނިންމުމަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައަކަށް ވުމާއެކު އެ ދައުވާ ޝަރީއަތުގައި އޮވެ، ޝަރީއަތުން މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން މައްސަލައިގައި އެކަންކަމުގެ މައްޗަށް ބަލައި ފައިސަލާ ކުރެވޭނެ ކަންކަން ކުރިޔަށް ގެންދިއުމަށް އެއް ފަރާތަށް ފުރުސަތު ދެވިފައި އޮތުމަކީ އަދުލުވެރިކަމާ ގާތް ގޮތް ކަމުގައި ނުވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 16، 19، 20، 27، 42، 43، 59، 61، 65، އަދި 69 ވަނަ މާއްދާ އަށާއި ފަނޑިޔާރުންގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނަށް ރިޔާއަތް ކުރާއިރު ހުށަހެޅިފައިވާ ދައުވާގެ ހުކުމް ކުރަންދެން ކްރިމިނަލް ކޯޓްގެ އިސް ގާޒީ ކަމުގައި ހުންނެވި އަބްދުﷲ ގާޒީއާ ގުޅިގެން ޖޭއެސްސީން ބަލަމުންދާ އަދި ބަލާ ނިމިފައިވާ މައްސަލައިގައި އިތުރު އެއްވެސް ފިޔަވަޅެއް ނާޅަން ޖޭއެސްސީގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ