ރައްޔިތުން ވާވައްދައިގެން އަނެއްކާވެސް ގޮޅިއަށް!

މަޤުޞަދަކީ ސަރުކާރުން ބަދަލުކޮށްލުން ނަމަވެސް އެހެން ސާފު ސީދާ ބަހުން ބުނަން ނުކެރި ކޮންމެވެސް އެހެން ވާހަކައެއް ދައްކައިގެން އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް މާދަމާ މަގުމައްޗަށް ނިކުތުމަށް މިވަނީ ތައްޔާރު ވެފައެވެ.
ކުރިއަށް ރަމަޟާން މަސް އޮތް އިރު މާދަމާގެ މުޒާހަރާގައި ހަމަނުޖެހުން ހިންގާ އެތައް ބަޔަކު އަނެއްކާވެސް ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް ދާން ޖެހިއްޖެނަމަ އެއީ އިދިކޮޅު ލީޑަރުން އިސްވެ ތިބެ ނިކަމެތި ރައްޔިތު މީހާއަށް ދޭ ވަރަށް ބޮޑު އަނިޔާއަކަށް ވެގެން ދާނެއެވެ.
މުޒާހަރާގައި ހަމަނުޖެހުން ހިންގައި، ތަންތަނުގައި ރޯކޮށް، އެތައް ބަޔަކަށް އަނިޔާ ކުރި ނަމަވެސް އެކަމުގެ ޒިންމާ އުފުލަން ޖެހޭ ބޭފުޅުން މިފަހަރުވެސް ފިލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ހަރަކާތްތަކުގެ މަޤުޞަދު
މިއަދާއި ހަމަޔަށްވެސް މުޒާހަރާ ކުރާ މަޤުޞަދެއް، ޙާޞިލް ކުރަން ބޭނުންވާ ލަޑުދަޑިތަކެއް ނޭގި އޮޅުވަލުމެއްގެ ތެރެއިން ހިންގަމުންދާ މިފަދަ ސިލްސިލާ ހަރަކަތްތަކަކީ ރައްޔިތުންނަށް ބޮޑެތި އަނިޔަތަކެއްދީ ވެރިކަން ހޯދުމަށް ހިންގާ ހަރަކާތެއްކަން ބުނުމުގެ ފުރުޞަތު އެބަ އޮތެވެ.
މުޒާހަރާ ކުރަން ނިކުންނަ މީހުން ބުނާ ގޮތުގައި ޖަލުގައި ހުންނެވި ކުރީގެ ރައީސް ނަޝީދު އާއި ކާނަލް ނާޒިމް އަށް ސަރުކާރުން ކުރަނީ އަނިޔާއެވެ. ޖަލުގެ ގޮޅިއެއްގައި ނުވަތަ އެހެން ވެސް ބަންދެއްގައި މީހަކު ކުރުމަކީ އަނިޔާއެކެވެ. އެކަމަށް އެއްބަސް ވަމެވެ.
ނަމަވެސް ޤާނޫނުތަކުން މަނާ ކޮށްފައި އޮތް ކަމެއް ނުވަތަ ޤާނޫނެއްގައި ކުށެއް ކަމަށް ބުނެފައި އޮތް ކަމެއް ކުރިކަން ސާބިތުވެފައިވާ މީހަކު އޭނާގެ ސިޔާސީ ބާރުވެރިކަމަށް ބަލާ ދޫކޮށްލުމުން އެފަދަ ބާރުވެރިކަމެއް ނެތް މީހުންގެ ތެރެއިން ބަންދުގައި ތިބެން ޖެހިފައި ތިބި މީހުންގެ ޙައްޤު ކޮބައިތޯއެވެ.
މަޤާމު ނުވަތަ ބާރުގެ ބޭނުން ކޮށްގެން ބަންދުގައި ތިބި ބަޔަކު މިނިވަން ކުރުމަކީ މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރުން ނޫން އެހެން ކަމަކަށް ނުވާނެއެވެ. އެހެންކަމުން ޖަލުގައި ތިބި ވަކި “ބޭފުޅުން ކޮޅެއް” މިނިވަން ކުރަން ބަޔަކު ގޮވާލުމަކީ އަދި އެކަން އެގޮތައް ކުރުމަކީ ވެސް ޤާނޫނީ ކުށެއް ނޫންތޯއެވެ.
މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ކޮބާ؟
ސަރުކާރާއި ދެކޮޅަށް މާދަމާ މުޒާހަރާއެއް ބާއްވާނެކަމަށް ބުނަމުންދާއިރު މި ހަރަކާތުގައި ނަގައިކިޔަން ތިބި ބޭފުޅުން މިހާރު ތިއްބެވި ތަނަކާއި މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.
ޤާސިމް އިބްރާހިމް: ސަރުކާރާއިދެކޮޅަށް ބޮޑެތި ޖަރާމާތަކެއް ހިންގައި، ސަރުކާރާއި ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ސާބިތުކަމާއިއެކު ހުންނަވާނެކަމަށް ވިދާޅުވުމަށްފަހު މިއަދު ޤާސިމް ފިއްލަވައިގެން ހުންނެވި ތަނެއް އެނގޭ މީހަކުވެސް އިދިކޮޅު ހަރަކާތުގެ ތެރޭގައި ނެތެވެ. ނަމަވެސް ފިއްލަވައި ހުންނަވައިގެން ވެސް ޤާސިމް މިފަދަ ހަރަކާތްތަކަށް ފަންޑުކުރަމުންދާކަމުގެ ތުޙުމަތު ކުރެވެއެވެ. އެއީ މީގެ ކުރިން ވެސް ޤާސިމް ފިއްލަވައި ހުންނަވައިގެންވެސް މިފަދަ ކަންތަކަށް ޚަރަދު ކުރަށްވާފައި ވާތީއެވެ.
އަލީ ވަޙީދު: ސަރުކާރު ބަދަލުކޮށްލުގެ ތާރީޚުތަކެއް އެކިފަހަރުމަތިން ދެއްވައި އެންމެ އަޑަށްބާރުލާފައި ވާހަކަ ދައްކަވާ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަޙީދު ޖަލުން ދޫކޮށްލިފަހުން އެޕާޓީގެ އިސްފަރާތް ތަކަށްވެސް އޭނާ ވީތަނެއް އަދާއި ހަމަޔަށް ވެސް ނޭގޭ ކަމުގައި އެމްޑީޕީގެ ބައެއް މަސްދަރުތައް ބުނެއެވެ. ބައެއް އަޑުތަކަށްބަލާއިރު އަލީ ވަޙީދު މިހާރު ހުންނެވީ ސަރުކާރާއިއެކު ޑީލްތަކެއް ހައްދަވައިގެންނެވެ.
ސޮބާހު ރަޝީދު: ޖަލުން ދޫކޮށްލުމާއިއެކު ބޭރުގެ ޤައުމަކުން ހިމާޔަތް ހޯދައިގެން ހުރިކަމަށް ޚިތާބެއް ދެއްވި ސޮބާހު ހުރި ތަނެއް އިދިކޮޅު ފަރާތްތަތަކަށް ވެސް ނޭގެއެވެ. ސޮބާހުގެ މިހާރުގެ މަސައްކަތަކީ ދުނިޔޭގެ ބޮޑެތި ޓެރެރިސްޓު ޖަމައަތްތަކުގެ ލީޑަރުން ފަދައިން ދޭތެރެ ދޭތެރެއިން ސިފަ ބަދަލުކޮށްލައިގެން ތަފާތު އެކި ޚިތާބު ދެއްވުން ކަމަށް ވެދާނެއެވެ.
އަމީން އިބްރާހިމް: ތިމަންނާއަކީ މުޒާހަރާގައި އެންމެ ފަހުމީހާގެ ގޮތުގައި ސާބިތުވެ ހުންނާނޭކަމަށް އެތައްފަހަކު ވިދާޅުވެފައިވާ އަމީން އިބްރާހިމް މިއަދު ހުންނެވި ތަނެއް ޚުދު އޭނާއަށްވެސް ނޭގޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. ދަމަކުން ބަޑިއެއް ޖަހާހެން އަމީންގެ ޓްވީޓެއް ދޭތެރެއަކުން ފެނުނު ނަމަވެސް އަމީންގެ އިތުރު ޚަބަރެއް މިހާރު ނުވެއެވެ.
ފާއިތުވެދިޔަ މުޒާހަރާތަކުގައި ކަންހިގާފައިވާ ގޮތް
2012 ފެބްރުއަރީ 08 ވަނަ ދުވަހުގެ ފަހުން އޭރުގައި އޮންނަ ސަރުކާރެއް ބަދަލުކޮށް ވެރިކަން ހޯދުމަށް އެމްޑީޕީ އިސްވެ އޮވެ ހިންގާ އެއްވެސް ހަރަކާތެއްގެ މަޤުޞަދެއް އަމާޒެއް ނެތި ކުރިއަށްދާއިރު މި ހަރަކާތްތަކުގައި އަނިޔާލިބި، އަނިޔާ ތަޙައްމަލު ކުރަންޖެހިފައިވަނީ އާންމު ރައްޔިތު މީހާއެވެ.
އާންމު ރައްޔިތުންލައްވަލައި ފުލުހުންނާއި ކުރިމަތިލައި، ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ ސަރުކާރުގެ އިމަރާތްތަކުގައި ހުޅުޖަހައި ހިންގި އެއްވެސް ޖަރީމާއެއްގައި މިފަދަ ބޮޑެއް ނެތްކަމީ މިކަމާއި އާންމު ރައްޔިތުން ވިސްނާލަން ޖެހޭ ކަމެކެވެ. އަދި މިއިން ކަމެއްގައި ބަންދުވެ އަނބިދަރިންނާއި، މައިންބަފައިންނާއި ވަކިވެ އެތައް އަހަރަކު ޖަލުގެ ތޭރިތަކުގައި އުޅެންޖެހިފައިވާ އާންރައްޔިތު މީހާގެ ޙައްޤުގައި ވާހަކަދައްކާނޭ ފަރާތެއް ނެތްކަމީވެސް މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ކުރިން ތިމާ އަމިއްލަ ނަފްސާއި ކޮށްލަން ރަގަޅު ސުވާލެކެވެ.
ޔަޤީނުންވެސް އެނގެން އޮތް ކަމަކީ 08 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ފަހުން މިހާތަނަށް ސަރުކާރުތަކާއި ދެކޮޅަށް ހިންގި ހަރަކާތްތަކުގައި ދައުލަތަށާއި އާންމު ރައްޔިތުންނަށް ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ވުން ނޫންކަމެއް ވެފައިނެތްކަމެވެ.
މިއުޅެނީ އިދިކޮޅު ފަރާތްތަކުގެ ތާޢީދު ގެއްލިދާނެތީ!
ޤާނޫނޫގެ ބާރު ހިންގުން އެއީ އަނިޔާ ކަމަކަށް ޤަބޫލު ކުރެވޭނެ އެއްވެސް ހަމައެއް ނެތެވެ. އަމަލު ކުރަން ޖެހޭނެ ޤާނޫނެއް ޤަވައިދެއް ނެތް ނަމަ މުޖުތަމައުގައި އޮންނާނީ ވަލު ޖަނަވާރުގެ އުޞޫލެވެ. އެއީ ބޮޑު ޖަނަވާރު އައިސް ކުޑަ ޖަނަވާރު ކާލުމުގެ އުޞޫލެވެ.
އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އަރައި ސަރުކާރާއި ދެކޮޅަށް ފުރަތަމަ ނިކުތީ ޤާނޫނޫ އަސާސީގެ ހިމާޔަތުގައި ކަމަށް ވިދާޅުވެއެވެ. ޤާނޫނާއި ޚިލާފަށް ސަރުކާރުން ކުރި ކަމެއް ނުދެއްކިގެން އުޅެނިކޮށް ދެން ވިދާޅުވީ މިއުޅެނީ އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން ޤާސިމް އިބްރާހިމް ވެރިކަމަށް ގެންނަން ކަމަށެވެ.
ދެން ވިދާޅުވީ މިއުޅެނީ އަވަސް އިންތިޙާބެއް ބާއްވައި ޤާސިމް އިބްރާހިމް ވެރިކަމަށް ގެންނަން ކަމަށެވެ. ދެން ވިދާޅުވީ މިއުޅެނީ ޤާސިމް އިބްރާހިމްގެ މުދާ ހިމާޔަތް ކުރަން ކަމަށެވެ. ދެން ވިދާޅުވީ މިއުޅެނީ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓުވަން ކަމަށެވެ. ދެން ވިދާޅުވީ ބޭނުންވަނީ ސަރުކާރާއި މަޝްވަރާ ކޮށްގެން ސިޔާސީ ނުތަނަވަސް ކަމަށް ހައްލެއް ހޯދަން ކަމަށެވެ. ދެން ވިދާޅުވީ މަޝްވަރާ ކުރާނީ ނަޝީދު އަށް މަޝްވަރާ ތަކުގައި ބައިވެރި ވެވޭނަމަ އެކަނި ކަމަށެވެ.
ޙަޤީގަތަކީ އިދިކޮޅު ފަރާތްތަކުން ސިފަކުރަމުންދާ އަނިޔާއެއް އަދާއިހަމައަށްވެސް ހާމަކުރެވިފައި ނުވާކަމެވެ. ވެގެން މިއުޅޭ ގޮތަކީ ސަރުކާރުން ބޭނުންވާ ގޮތައް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ފަށައި 2018 އާއި ހަމައަށް ރައީސް ޔާމީން އަށް ފުރުޞަތު ދެވިއްޖެ ނަމަ އިދިކޮޅު ފަރާތްތަކުގެ ފަހަތައް ދާނެ އާންމު ރައްޔިތަކު ނުހުންނާނެ
ކަމުގެ ބިރު ހީވުމެވެ. އެހެން ކަމުން ކޮންމެވެސް ވާހަކައެއް ދައްކައިގެން ޤައުމު ހަލަބޮލިކޮށް ތަރައްޤީގެ މަޝްރޫޢުތަކާއި ދިމާއަށް ހުރި ސަރުކާރުގެ ފޯކަސް އެހެން ދިމާތަކަށް އެނބުރުމަކީ އިދިކޮޅު ފަރާތްތަކުގެ މަޤުޞަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ