ރައީސް މައުމޫން ދޫނިދޫ އިން އެހެން ތަނަކަށް ބަދަލު ކުރަނީ

ފުލުހުންގެ ހައްޔަރުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދޫނިދޫ އިން އެހެން ތަނަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ ވަކީލެއް ކަމަށްވާ މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫން އެހެން ތަނަކަށް ބަދަލު ކުރަން ހަމަޖެހިފައިވާކަން އަންގާފައިވާ ކަމަށާއި ނަމަވެސް އެމަނިކުފާނު ބަދަލުކުރަނީ ކޮން ތަނަކަށްކަން ކަސްޓޯޑިއަލްގެ އޮފިސަރުން ހާމަނުކުރައްވާ ކަމަށެވެ.
އަދި ރައީސް މައުމޫން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިވަގުތަށް މަޑު ޖައްސާލާފައިވާ ކަމަށް ކަސްޓޯޑިއަލްގެ އޮފިސަރުން އަންގާފައިވާ ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހުގެރޭ ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މި ދެ ބޭފުޅުން ވެސް ހައްޔަރު ކޮށްފައި ވަނީ ރިޝްވަތު ދިނުމާއި ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް މި ތުހުމަތުތަކަށް ރައީސް މައުމޫން އިންކާރު ކުރައްވައެވެ.
ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ވިދާޅުވެފައިވާއިރު ރައީސް މައުމޫން ހައްޔަރުކޮށްފައި ހުރީ ދޫނީދޫ ގޮޅިއެއްގައި ނޫން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ