ރައީސް މައުމޫން މާލެ ގެނެސް ލޮލުގެ ޑޮކްޓަރަކަށް ދައްކައިފި

ޖަލުގައި ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި އެވެ.
ރައީސް މައުމޫން މިއަދު މާލެ ގެނެސް ދައްކާފައިވަނީ ފަރީދީ މަގުގައި ހުންނަ ވިޝަން އޮޕްޓިކަލްގެ ކްލިނިކަށެވެ.
ރައީސް މައުމޫން ލޮލުގެ ޑޮކްޓަރަކަށް ދެއްކެވި އެމަނިކުފާނުގެ ލޮލަށް ކުރިމަތިވި މައްސަލައެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ރައީސް މައުމޫން މާލެ ގެނެސް މިދިޔަ ހުކުރު ދުވަހު ވަނީ އޭޑީކޭގެ ޑޮކްޓަރުންނަށްވެސް ދައްކައިފި އެވެ.
ރައީސް މައުމޫނަކީ ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ ނުވަތަ އަނބުރާ ގޮތްވުމުގެ ބަލި ތަހައްމަލު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާ އެކަމުގެ ސަަބަބުން ވަރަށް ގިނަ އުދަނގޫތައް އެމަނިކުފާނަށް ކުރިމަތިވެވަޑައިގަންނަވަމުން ގެންދަވާ ކަމަށްވެސް ރައީސް މައުމޫންގެ އާއިލާ އިން މީގެކުރިން ވަނީ ބުނެފަ އެވެ.
ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅާއި އެމަނިކުފާނުގެ އުމުރުފުޅަށް ބެއްލެވުމަށްފަހު އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދެއްވުމަށް ރައީސް މައުމޫން ވަނީ ކޯޓުގައި އެދިވަޑައިގެންފަ އެވެ. ނަމަވެސް ކޯޓުން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ