ތ ގުރައިދޫ ރައްޔިތުންނަށް ދުވާލު ކަރަންޓް ލިބެނީ 20 މިނިޓަށް

ތ ގުރައިދޫގެ ރައްޔިތުންނަށް ދުވާލުގެ ވަގުތު ކަރަންޓް ލިބެނީ 20 މިނިޓުން 20 މިނިޓުން ކަމުގައި ގުރައިދޫ ކައުންސިލްގެ ރައީސް އިސްމާއިލް ރަޝީދު ވިދާޅުވެއްޖެއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލްގެ ރައީސް އިސްމާއީލް ރަޝީދު ވިދާޅުވީ، ފެނަކައިން ހިންގާ ގުރައިދޫ އިންޖީނުގޭގައި ހުރި 3 ޖަނަރޭޓަރުގެ ތެރެއިން އެންމެ ބޮޑު ޖަނަރޭޓަރު ހަލާކުވެ ކަރަންޓްގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހަލާކުވެފައިވާ 400 ކިލޯވޮޓްގެ ޖަނަރޭޓަރު ހެދުމުގެ މަސައްކަތް މިހާރު ފެނަކައިގެން ޓެކްނީޝަނުންގެ ޓީމެއް އެރަށަށް ގޮސް މަސައްކަތް ކުރަމުންދާއިރު އެ ޖެނެރޭޓަރު ހަލާކުވެފައި ހުންނަތާވެސް 2 މަސް ދުވަސް ވެއްޖެ ކަމަށެވެ.
" 4 ލޭނު އޮންނަ އިރު އަބަދުވެސް ދެލޭނަކުން ކަނޑާފައި އަނެއް ދެލޭނަށް ދެނީ. އެއް ދެލޭނަށް 20 މިނިޓް ކަރަންޓްދީފައި އެދެ ލޭނުން ކަނޑާލާފައި އަނެއް 20 މިނިޓު އަނެއް ދެލޭނަށް ދެނީ. ދުވާލު ވަގުތުގައި ލޯޑު ނުހިފަހައްޓާތީ އެގޮތަށް ކޮންމެ 20 މިނިޓަކުން ކަރަންޓް ކަނޑަނީ" އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއީލް ރަޝީދު އިންޖީނުގޭގައި ހުރި، 270 ކިލޯވޮޓާއި 360 ކިލޯވޮޓްގެ ދެޖަނަރޭޓަރުން ދުވާލު މުޅިރަށަށް ބޭނުންވާ ކަރަންޓް ފޯރުކޮށް ނުދެވޭތީ ކަރަންޓް ކެނޑި ނަމަވެސް ރޭގަނޑަށް އެ ދެޖަނަރޭޓަރުން ހިފަހައްޓާކަމަށެވެ. އެކަމަކު ރޭގަނޑުގެ ވަގުތުގައިވެސް ކަރަންޓް ކެނޑޭކަމުގައި އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެގޮތަށް ކަރަންޓް ދޭން ޖެހޭތީ އެއާކޯނާއި ފްރިޖާއި ޓީވީފަދަ އަގުބޮޑު އިލެކްޓްރޯނިކް ސާމާނުތައް ހަލާކުވެ ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާކަމަށެވެ.
އަދި މިހުސްވި ހަފްތާގައި ރަށުގެ ރައްޔިތުން އެކަމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް މުޒާހަރާވެސް ކޮށްފައި ވާކަމަށެވެ.
އިސްމާއީލް ރަޝީދު ވިދާޅުވީ، ހަލާކުވެފައިވާ 400 ކިލޯވޮޓްގެ ޖަނަރޭޓަރު ހެދޭނެ އިރެއް ނޭނގޭކަމަށާއި، އަދި އިތުރު ޖަނަރޭޓަރެއް ގުރައިދޫއަށް ފޮނުވުމުގެ މަސައްކަތް ފެނަކައިން ކުރަމުންދާކަމުގެ މައުލޫމާތުވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ގުރައިދޫއަކީ ޕީޕީއެމަށް ހާއްސަކޮށް ރައީސް މައުމޫނަށް ބޮޑު ތާއީދެއް އޮންނަ ރަށެކެވެ.
ގުރައިދޫގެ އިތުރުންވެސް ރާއްޖޭގެ އެހެން ބައެއް ރަށްތަކަށްވެސް ކަރަންޓްގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ