ދިވެހި އަންހެނަކު ބަލިވެފައިވާ ބައްޕަގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާ ކަމުގެ ތުހުމަތު

ރާއްޖޭގެ ދެކުނުގެ ރަށަކަށް ނިސްބަތްވާ މެދު އުމުރުގެ އަންހެނަކު އޭނާގެ ބަލިވެފައިވާ ބައްޕަ އަށް އެހީ ހޯދުމުގެ ނަމުގައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދާ ކަމަށް ތުހުމަތު ކުރެވިއްޖެއެވެ.
މިއަންހެން މީހާ ވަނީ އޭނާގެ ބައްޕަ އަށް އެހީ ހޯދުމަށް ރާއްޖޭގެ ހުރިހާ އޮންލައިން ނޫހަކަށް މިހާތަނަށް މައުލޫމާތު ދީގެން ގިނަ ރިޕޯޓްތައް ނޫސްތަކުގައި ޝާއިއު ކޮށްފައެވެ. ފާއިތުވި ދެތިން މަސްތެރޭގައި ހުރިހާ ނޫހެއްގައި ރިޕޯޓްތައް ގެނެސްދީގެން ވެސް އޭނާ ބުނާ ގޮތުން ލިބިފައި ވަނީ ވަރަށް މަދުއަދަދެއްގެ ފައިސާ އެވެ.
އަންހެން މީހާ އާއި ގާތް ގުޅުމެއް އޮންނަ ބައެއް މީހުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ގިނަ ބަޔަކު ފައިސާ ހަދިޔާ ކުރަމުން ދިޔަ ނަމަވެސް ލިބޭ އެހީގެ އަދަދު އޮޅުވާލާ އޭނާ އިތުރު ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ވަގުތު" އިން ހޯދި މައުލޫމާތު އެނގުނު ގޮތުގައި އެއަންހެން މީހާ ބުނާ ގޮތުން އޭނާ އަށް އެހީގެ ގޮތުގައި ލިބިފައި ވަނީ ބައިލައްކައެއްހައި ރުފިޔާއެވެ. ބައްޕަގެ ބައްޔަށް ފަރުވާ ހޯދަން އަދި އަށްހާސް ޑޮލަރު ބޭނުންވާ ކަމަށް އޭނާ ބުނެއެވެ. މީގެ ދެތިން މަސް ކުރިން ވެސް އޭނާ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ބައްޕަގެ ބައްޔަށް ބޭސްކުރަން އަށް ހާސް ޑޮލަރު ބޭނުންވާ ކަމަށެވެ.
އަންހެން މީހާ އާއި އޭނާގެ ބައްޕަގެ މައުލޫމާތު "ވަގުތު" އަށް ކަށަވަރުވެފައި ވީނަމަވެސް އެމީހުންގެ މައުލޫމާތު ނަމާއި އެކު ހާމަކުރެވެން ނެތީ ރާއްޖޭގެ ޤާނޫނުތައް އެކަމަށް ތަންނުދޭތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ