އިންތިޚާބާއި ރިޔާސީ ކެންޑިޑޭޓުންނާއި ގުޅޭ މައްސަލަތައް ކުއްލި މައްސަލަތަކުގެ ގޮތުގައި ބަލަނީ

އިންތިޚާބުގެ ދުވަސްވަރު، އިންތިޚާބާ ގުޅުންހުރި އަދި ރިޔާސީ ކެންޑިޑޭޓުންނާއި ގުޅޭ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށައަޅާ މައްސަލަތައް ކުއްލި މައްސަލަތަކުގެ ގޮތުގައި ބެލުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަންގެ ޤާނޫނުގައި ކޮމިޝަނަށް ހުށައަޅާ މައްސަލަތައް ބަލަން ދެމަސް ދުވަހުގެ މުއްދަތެއް ލިބިފައިވާކަމަށާއި، އެހެންނަމަވެސް، ރިޔާސީ އިންތިޚާބު ފެށެން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، ރިޔާސީ ކެންޑިޑޭޓުންނަށް ނިސްބަތްވާ މައްސަލަތަކާއި އެންޓި ކެމްޕޭނާ ގުޅުންހުރި މައްސަލަތައް ދެމަސްދުވަސް ތެރޭ ބަލަންވެއްޖެނަމަ، ކެންޑިޑޭޓުންގެ ހައްޤުތަކަށް އުނިކަމެއް އައިސްދާނެކަމަށް އެމް.ބީ.ސީ ނިއުސް އާ ވާހަކަދައްކަވަމުން ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހަންމަދު ޝަހީބު ވިދާޅުވިއެވެ.
ޝަހީބު ވިދާޅުވީ ބްރޯޑްކާސްޓިންގ ކޮމިޝަނުން ފާސްކޮށްފައިވާ، އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިންގައި ބްރޯޑްކާސްޓް ކުރާ ފަރާތްތަކުން ރިޔާސީ ކެންޑިޑޭޓުންނާ ދޭތެރޭ ހަމަހަމަ އުސޫލަކުން ކަންކަން ކުރުމަށާއި، އެއްވެސް ސިފައެއްގައި އެންޓި ކެމްޕޭން ނުކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާނެ ކަމަށެވެ. މި ގައިޑްލައިންއަކީ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މައްޗަށް ބިނާކޮށް  އެމެރިކާގެ ކޮންސަލްޓަންޓެއްގެ ލަފާގެ މަތިން އެކުލަވާފައިވާ ގައިޑްލައިނެއް ކަމަށްވެސް ބްރޯޑްކާސްޓިން ކޮމިޝަނުން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ