ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކުއްލި ހާލަތު އިއުލާންކޮށްފައިވާ އިރު އެ ގަރާރުގެ ދަށުން މަޖިލީހާއި ޝަރުއީ ދާއިރާގެ ބާރުތައް ހިފެހެއްޓިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުއްލި ހާލަތު އިއުލާންކޮށްފައިވާތީ އެ މައްސަލައާއި މެދު ގޮތެއް ނިންމަން މަޖިލީހަށް މިއަދު ހުށަހެޅުމުން އެ މައްސަލާގައި ވާހަކަ ދައްކަވަމުން މެންބަރު ނަޝީދު ވިދާޅުވީ ގާރާރުގައި ހިފަހައްޓާފައި ހުރި ނަމަވެސް ޝަރުއީ ދާއިރާއާއި މަޖިލީހުގެ ބާރުތައް ހިފެހެއްޓިދާނެ ކަމަށް ގާނޫނީ ގޮތުން ގަބޫލު ކުރަން ފަސޭހަ ނޫން ކަމަށެވެ. ނަޝީދު މިސާލުތަކެއް ވެސް ދެއްކެވިއެވެ. އެގޮތުން 99، ވަނަ މާއްދާއާއި 100 ވަނަ މާއްދާއާއި 101 ވަނަ މާއްދާއާއި، 113 ވަނަ މާއްދާ އަދި 228 ވަނަ މާއްދާ ނަޝީދު ފާހަގަ ކުރެއްވިއެވެ.
"ކުއްލި ހާލަތުގެ މިގަރާރުގެ ދަށުން މަޖިލީހަށް ލިބިގެންވާ ބާރުތައް، އަދުލު އިންސާފުގެ ދާއިރާއަށް ލިބިގެންވާ ބާރުތައް މިގޮތަށް ހިފެހެއްޓިދާނެ ކަމަށް އެއީ އެހާ ފަސޭހައިން ގާނޫނީ ގޮތުން ދެންނެވިދާނެ ވާހަކައެއް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މަޖިލީހަށް ރައީސް ހުށަހަޅުއްވާ އެ ގަރާރު ވަކި ބައެއް އުނި ކުރުމަށްފަހު ވެސް ފާސް ކުރެވިދާނެ ކަމަށެވެ. އެހެންކަމުން ކޮމިޓީ މަރުހަލާގައި އެކަމާ މެދު ވިސްނުމަށް ނަޝީދު ގޮވާލެއްވިއެވެ.
މެންބަރު ނަޝީދު އެހެން ވިދާޅުވުމުން އެކަމާ ހިތްހަމަ ޖެހިވަޑައިނުގެން ވިލުފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕީޖީގެ އެއް ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ނުސީދާކޮށް ނަޝީދަށް ރައްދު ދެއްވާފައެވެ.
ގާނޫނު އަސާސީގެ ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭ ބާބުގައި ބުނެފައިވާ ގޮތުގައި ވެސް ގާނުނު އަސާސީގެ ދެވަނަ ބާބު(އަސާސީ ހައްގުތަކާ ބެހޭ ބާބު)ގައި ހުރި ބައެއް ހައްގުތަކާއި އެ ބާބުގެ ދަށުން ހެދިފައިވާ ބައެއް ގާނޫނުތައް ހިފެހެއްޓިދާނެއެވެ.
މިއީ ކުއްލި ހާލަތާ ބެހޭ ގަރާރާ މެދު ވެރިކަން ކުރާ ކޯލިޝަންގެ މެންބަރަކު ސުވާލު އުފެއްދެވި ފުރަތަމަ ފަހަރެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ޖަލްސާ އިދިކޮޅުމެމްވަރުން ވަނީ ބޮއިކޮޓްކޮށްފައެވެ. އެމެމްބަރުން ބޮއިކޮޓްކުރައްވާފައިވަނީ ސުޕްރީމްކީޓުން ގޮނޑިނުގެއްލޭ ކަމަށް ކުރި އަމުރު ތަންފީޒުކުރުން ފަސް ކުރުމަށް ރޭ އަމުރު ނެރެފައިވަނިކޮށް މިއަދު އެ މެމްްބަރުންވެސް މަޖިލީހަށް ވަޑައިގެންނެވުމުން ވަނަ ނުދީ ހިފެހެއްޓުމުންނެވެ.
ރޭ ސުޕްރީމް ކޯޓުން އެ ހުކުމަށް އަމަލު ކުރަން ފަސް ކުރި އިރު، މަޖިލީހުގެ އިދާރާއިން ވަނީ އެ ބާރަ މެމްބަރުންނަށް ވެސް މިއަދުގެ ޖަލްސާގެ ދައުވަތު އަރުވާފައެވެ. ނަމަވެސް ސުޕްެީރީމް ކޯޓުން ރޭގެ އެ އަމުރު ނެރުނު ފަހުން މަޖިލީހުގެ އިދާރާއިން ވެސް ވަނީ 12 މެމްބަރުންނަށް ފޮނުއްވި ދައުވަތު ކެންސަލް ކުރެވިފައިވާ ކަމަށް އެމެމްބަރުންނަށް އަންގާފައެވެ
39 މެމްބަރުންނާއެކު ކުރިއަށް ގެންދިޔަ ޖަލްސާ އިދިކޮޅު ފަރާތްތަކުން ބަލައިގެންފައި ނުވާއިރު، ވެރިކަން ކުރާ ޕީޕީއެމްގެ ކޯލިޝަން މިއަދު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދެމެހެއްޓުމަށެވެ.
މަޖިލީހާއި ޝަރުއީ ދާއިރާގެ ބާރުތައް ހިފެހެއްޓިދާނެ ކަމަށް ގަބޫލެއް ނުކުރަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ