ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން މީރާއިން އަދިވެސް ވަކިއެއްޗެއް އަންގާފައެއް ނެތް: ވިލާ

ވިލާ ގުރޫޕްގެ ތިން ރަށަކާއި ދެ ފަޅަކާ ގުޅޭގޮތުން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުން ދައުލަތުން އުވާލާ ރަށްތަކާއި ފަޅުތައް އަތުލީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ކުރި ނަމަވެސް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވިލާ ގުރޫޕަށް އަދި އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށް ވިލާ ގުރޫޕުން ބުނެފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިލާ ގްރޫޕްގެ އެކައުންޓްތައް މީރާ އިން ފްރީޒްކޮށް، ވިލާ އިން 2.9 ބިލިއަން ރުފިޔާ ހޯދުމަށް މީރާއިން ވިލާއާ ދެކޮޅަށް ސިވިލް ކޯޓުގައި މިދިޔަ އަހަރު ދައުވާކުރީ ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ.
ޓޫރިޒަމް މިނިސްޓްރީއާއި ވިލާއާއި އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން މިރަށްތަކާއި ފަޅުތަކަށް ކުލި ދައްކަން ފަށަންޖެހެނީ މިއަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެެވެ.
ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ވިލާ ގުރޫޕަށް ސަރުކާރުން ދޫކުރި ތިން ރަށާއި ދެ ފަޅު ސަރުކާރުން އަތުލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާ ވިލާގެ ރަށްތަކުގެ މައްސަލަ ނިންމާފަ އެވެ.
ސުޕްރީމް ކޯޓުގެ މިހުކުމާ ގުޅިގެން ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިލާ ގުރޫޕްގެ ކޮމްޕެނީ ސެކްރެޓަރީ އިބްރާހީމް ރަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ވިލާ ގުރޫޕުން މީރާއަށް ދައްކަންޖެހޭ ފައިސާއެއް ނެތް ކަން ސާފުވެގެން ހިނގައްޖެ ކަމަށެވެ. ނަމަވެސް މީރާ އިން ވިލާ ގުރޫޕްގެ އެކައުންޓްތައް ފްރީޒްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ވިލާ ގުރޫޕަށް އަންގާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް މީރާ އިން އަމަލުކުރާނެ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް ރަޝީދު ވަނީ ވިދާޅުވެފަ އެވެ.
ވިލާގެ ރަށްތަކާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެން ދުވަހު ނޫސް "މިހާރު" އަށް މީރާގެ އޮފިޝަލަކު މިއަދު ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ވިލާ އިން 2.9 ބިލިއަން ރުފިޔާ މީރާއަށް ދައްކަން ނުޖެހޭ ކަަމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމް ރަސްމީކޮށް މީރާއަށް ލިބުމާ އެކު ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާނެ ކަމަށްވެސް މީރާގެ އޮފިޝަލް ވިދާޅުވެފައިވެ އެވެ.
ވިލާއަށް ދީފައިވަނިކޮށް ސަރުކާރަށް ނަގާފައިވާ ތިން ރަށަކީ ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އެވެ. ވިލާއަށް ދީފައިވަނިކޮށް ސަރުކާރަށް ނަގާފައިވާ ދެ ފަޅަކީ ކ. މާދިއްގަރުފަޅާއި، ކ. ބޮލިދުއްފަރުފަޅެވެ. މިތަންތަނުގެ އެއްބަސްވުން ބާތިލްކޮށް މިތަންތަން ދައުލަތަށް ނެގިކަން ސަރުކާރުން ވިލާ އަށް އެންގީ 2015 ވަަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ވިލާގެ ތިން ރަށާއި ދެ ފަޅުގެ މައްސަލަ ވިލާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ ވިލާފެ ރަށްތަކާއި ފަޅުތަކުގެ މައްސަލަ ސިވިލް ކޯޓުން ވިލާއާ އެއްކޮޅަށް ނިންމާފައި ވަނިކޮށް، ހައިކޯޓުން 2015 ވަނަ އަހަރު ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް ވިލާއާ ދެކޮޅަށް މައްސަލަތައް ނިންމުމުންނެވެ.
ވިލާގެ ތިން ރަށާއި ދެ ފަޅުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް، މިރަށްތަކާއި ފަޅުތަކުން ލިބެންޖެހޭ ކުއްޔާއި ޖޫރިމަނާ ކަމަށް ބުނެ 188 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ ފަރާތުން މީރާ އިން ވަނީ ވިލާއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އަދި ސިވިލް ކޯޓުގައި މި މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުން ވަނީ ވިލާގެ ތިން ރަށާއި ދެފަޅުގެ މައްސަލާގައި ހައިކޯޓުން މީގެކުރިން ނިންމާފައިވާ ނިންމުންތައް ތަންފީޒު ކުރުމުގެ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނުނިންމަނީސް ސިވިލް ކޯޓުން އެއްވެސް ކަމެއް ނުކުރުމަށް އަންގާފަ އެވެ. ވިލާގެ ތިން ރަށާއި ދެ ފަޅުގެ މައްސަލާގައި ވިލާ އިން އެއްވެސް ފައިސާއެއް ދެއްކުމަށް މިހާތަނަށް އެއްވެސް ކޯޓަކުން ވިލާގެ މައްޗަށް ހުކުމްކޮށްފައި ނުވި ނަމަވެސް ވިލާ އިން ދައުލަތަށް ފައިސާތަކެއް ދައްކަންޖެހޭ ކަމަށް ބުނެ މީރާއިން ވަނީ ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ. މިކަމުގެ ސަބަބުން ވިލާއަށް ވަނީ މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ