އިއްޔެގެ މުޒާހަރާ އިން ހައްޔަރުކުރި މެމްބަރު ޝާހިދާއި ލަތީފް ދޫކޮށްލައިފި

އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި، ރައްޔިތުންގެ މަޖިލީހުުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މިއަދު ދޫކޮށްލައިފި އެވެ.
ޝާހިދާއި ލަތީފް މިއަދު ހަވީރު ދޫކޮށްލި އިރު، އެ ދެ ބޭފުޅުންގެ މައްޗަށް ފުލުހުން ވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތު ކޮށްފަ އެވެ.
އެ ބޭފުޅުންނާ އެކު ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް އިއްޔެ ހައްޔަރުކުރި އެވެ. އެކަމަކު އޭނާ އަދި ދޫކޮށެއް ނުލަ އެވެ. ރިޔާޒް ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ފުލުހުން ވަނީ އަންގައިފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރާ މީހުން ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަކަށް ނުގެންދެ އެވެ.
ޝާހިދާއި ލަތީފާއި ރިޔާޒްގެ އިތުރުން އާންމުންގެ ބައެއް މީހުން ވެސް އިއްޔެގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ބައެއް މީހުން ކުރިން ވަނީ ދޫކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ