ތަދު ނުވާ ގޮތަށް އޭޑީކޭގައި ވިއްސަން ފަށައިފި

ޕެއިންލެސް ލޭބާގެ ހިދުމަތް ނުވަތަ ތަދު ނުވާ ގޮތަށް ވިއްސުމުގެ ހިދުމަތް އޭޑީކޭގައި ރަސްމީކޮށް ދޭން ފަށައިފި އެވެ.
އެ ހިދުމަތާ ގުޅޭގޮތުން ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" އަށް ދިން އިންޓަވިއުއެއްގައި އޭޑީކޭގެ ހޭނައްތާ ޑޮކްޓަރު، ދުސޫމާ އަބްދުއްރައްޒާގު ވިދާޅުވީ މަންމަ ވިހަން ތައްޔާރުވުމުން، ބުރަކައްޓަށް އިންޖެކްޝަނެއް ޖަހައި، ކެތީޓާއެއް ލެއްވުމަށް ފަހު ބޭސް ދީގެން ތަދުނުވާ ގޮތް ހަދާނެ ކަމަށެވެ. އެހެންވެ، ވިހެއުމުގެ ވޭންވަރު އަޔަސް، އެއްވެސް ތަދެއް ނެތި މަންމައަށް ވިހެވޭނެ ކަމަށް ދުސޫމާ ވިދާޅުވިއެވެ.
"މިއީ ހަމަ ނޯމަލް ޑެލިވަރީއެއް. އެއްވެސް ތަދެއް ނެތް ނަމަވެސް ދަރިފުޅު ޕުޝްކުރާހާ ބާރު މަންމަގެ ހުންނާނެ. ކޮންޓްރެކްޝަން އަންނާނެ. އަދި ބޭބީއަށް ގެއްލުން ނުވާ، ވަރަށް ސޭފް ގޮތެއް މިއީ،" އޭޑީކޭގައި މި ހިދުމަތް ދެއްވާ ޑޮކްޓަރު ވިދާޅުވި އެވެ.
އަދި ދަރިފުޅުގެ ސިއްހީ ކަންކަން ޑޮކްޓަރުން މޮނީޓާ ކުރާނެ ކަމަށާއި އޮޕަރޭޝަން ނުކޮށް، ވިއްސޭތޯ ޑޮކްޓަރުން މަސައްކަތް ކުރާނެ ކަމަށްވެސް ދުސޫމާ ވިދާޅުވިއެވެ،
އޭޑީކޭގައި އެ ހިދުމަތްދޭން މަސައްކަތް ކުރާތާ ދެމަސްވެފައިވާ ކަމަށާއި ކުއްލި ގޮތަކަށް އިއްޔެ އެ ހިދުމަތް ދޭން ފެށީ އެކަމަށް ޕޭޝަންޓަކު އެދުމުން ކަމަށާއި މިހާރު، މާބަނޑު ކޮންމެ މީހަކަށް ވެސް މި ހިދުމަތް އޭޑީކޭއިން ލިބެން ހުންނާނެ ކަމަށްވެް ދުސޫމާ ވިދާޅުވިއެވެ.
ދުސޫމާ މިހެން ވިދާޅުވެފައިވާއިރު އިއްޔެ އޭޑީކޭގައި ވަނީ ތަދު ނުވާ ގޮތަށް އަންހެނަކު ވިއްސާފައެވެ.
އޭޑީކޭގައި މި ފަހުން ވަނީ ވަރަށް ގިނަ އާ ހިދުމަތްތަކެއް ތައާރަފްކޮށްފަ އެވެ. އެގޮތުން ހިތުގެ ބައިޕާސް ދެ ސާޖަރީ އާއި އޯޕަން ހާޓް ސާޖަރީއެއް ވެސް، ކާމިޔާބުކަމާއެކު ވަނީ ކޮށްފަ އެވެ. އަދި މި މަހުގެ ނިޔަލަށް ހިތުގެ ބަލިތަކަށް އެ ހޮސްޕިޓަލުން ފަރުވާ ދެވޭނެކަމަށް އޭޑީކޭއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ