ހަވީރު އެވޯޑަށް ވާދަކުރަނީ ދަގަނޑޭ، ސެންޓޭ، އުމެއިރު، ނިޔާ އަދި ބަކާ

ހަވީރު ސްޕޯޓްސް އެވޯޑްސްގައި ހިމެނޭ މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ކޯޗު، ރެފްރީ އަދި 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން "ހަވީރުން" އިއުލާންކޮށްފި އެވެ. ހަވީރުގެ ޓްރޮފީއާ 30،000ރ. ހުށަހަޅާފައިވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ނިއު ރޭޑިއަންޓުގެ އަލީ އަޝްފާގް (ދަގަނޑޭ) އާއި 2012 ވަނަ އަހަރު އެވޯޑް ހޯދި މުހައްމަދު އުމެއިރު އާއި އަހުމަދު ނިޔާޒް އާއި އަލީ ފާސިރު (ސެންޓޭ) އަދި މާޒިޔާގެ މުހައްމަދު އާރިފް (ބަކާ) އެވެ. ހަވީރުގެ ޓްރޮފީއާ 15،000ރ. ހުށަހަޅާފައިވާ ހަވީރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރަނީ މިދިޔަ ސީޒަނުގައި ނިއު އަށް ދިރާގު ދިވެހި ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްދިން ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް އާއި މާޒިޔާގެ އިސްމާއިލް މަހަފޫޒް (އިންމަ) އަދި އޭވައިއެލްގެ އަހުމަދު ނާޝިދު (ނާދު) އެވެ. ހަވީރުގެ ޓްރޮފީއާ 15،000ރ. ހުށަހަޅާފައިވާ އެންމެ މޮޅު ރެފްރީގެ މަގާމަށް ވާދަކުރަނީ 2012 ވަނަ އަހަރު އެވޯޑް ކާމިޔާބުކުރި އަހުމަދު އަސްލަމް އާއި ކުރިން ތިން ފަހަރު އެވޯޑް ކާމިޔާބުކޮށްފައިވާ އަހުމަދު އަމީޒް އަދި ޝިފާން އަބްދުއްރަހީމެވެ. މިދިޔަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ވެލެންސިއާގެ މުޖްތާޒް މުހައްމަދު (މުޖޭ) އާއި އަބްދުލްވާހިދު އިބްރާހިމް (ވާޑު) އަދި އީގަލްސްގެ އަހުމަދު ނޫމާން (ހެލްމެޓް) އެވެ. ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންޔެރިޔާ އަށް ރަންބޫޓާ އެކު 25،000ރ. ދޭއިރު މި މަގާމް ކަށަވަރުކޮށްފައިވަނީ ދަގަނޑޭ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސް ދިނުމުގެ ހަފުލާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގަ އެވެ. ޓީވީއެމް އިން ވަގުތުން ދެއްކުމަށް ހަމަޖެހިފައިވާ މި ހަފުލާގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް އޮންނާނެ އެވެ. ރާއްޖޭގައި ދޭ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑުގައި މި ފަހަރު ވެސް ފުޓްބޯޅަ އާއި ވޮލީބޯޅަ އަދި ބާސްކެޓްބޯޅަ އިން ޖުމްލަ 23 އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަފުލާގައި ހަވީރުގެ ޚާއްސަ އެވޯޑް ވެސް ކުޅިވަރަށް ހިދުމަތްކޮށްދީފައިވާ ހާއްސަ ފަރާތަކަށް މި ފަހަރު ވެސް ދޭނެ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގައި ހިމެނޭ ވޮލީ ބޯޅަ އާއި ބާސްކެޓުން އެވޯޑަށް ވާދަކުރާ ކުޅުންތެރިން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރުންނަކީ ދިރާގާއި މޯލްޑިވިއަން އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. އެސޯސިއޭޓް ސްޕޮންސަރުންނަކީ ސޮނީ ސްޕޯޓްސް އާއި އެލައިޑް އިންޝުއަރެންސް އާއި ސަލްސާ ކޭޓަރިންނާއި ސީ ހައުސް އަދި އެމްއެޗްއޭ އެވެ. މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އެވެ. އެޑްވަޓައިޒިން ޕާޓްނަރަކީ ތިންކް އެޑްވަޓައިޒިން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ