ޝިއުރާ އަށް ހަވީރު އެވޯޑުގެ ރެކޯޑެއް

ހަވީރުން ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހާސިލްކޮށް، ހަވީރު ސްޕޯޓްސް އެވޯޑްސްގެ އާ ރެކޯޑެއް އައިމިނަތު ޝިއުރާ ރޭ ހެދިއިރު ފިރިހެން މޮޅު ކުޅުންތެރިޔާގެ މަގާމް މުހައްމަދު ޒިލާލް ދިފާއުކޮށްފި އެވެ. ދަރުބާރުގޭގައި ރޭ އޮތް ހަވީރު ސްޕޯޓްސް އެވޯޑްސް ދިނުމުގެ ކުލަގަދަ ރަސްމިއްޔާތުގައި ޝިއުރާ އަށް ހަވީރުގެ ޓްރޮފީ އާއި 15،000ރ. ގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގެ 19 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ތިން އަހަރު އެވޯޑް ހާސިލްކުރުމުގެ ޝަރަފް ޝިއުރާ ރޭ ހޯދިއިރު މި ފަހަރުގެ އެވޯޑް އޭނާ ކާމިޔާބުކުރީ ފަނޑިޔާރުންގެ 1،000 މާކްސް ހޯދައިގެންނެވެ. ފަނޑިޔާރުންގެ 638 މާކްސްއާ އެކު ޝިޒްނާ ރަޝީދު (ޝިޒޫ) ދެ ވަނަ ހޯދިއިރު ތިން ވަނަ އަކީ 477 މާކްސް ހޯދި ނަޝްފާ އާމިރާ (ނައްފަ) އެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި ޒިލާލަށް ހަވީރުގެ ޓްރޮފީ އާއި 20،000ރ. ގެ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އާދަމް އާޒިމެވެ. މި އެވޯޑް 2008 ވަނަ އަހަރު ވެސް ހޯދި ޒިލާލް މި ފަހަރު އެވޯޑް ކާމިޔާބުކުރީ 1،708 މާކްސް ހޯދައިގެންނެވެ. ދެ ވަނަ ލިބުނީ 1،416 ޕޮއިންޓާ އެކު ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ) އަށެވެ. ތިން ވަނަ އަށް ދިޔައީ މި އެވޯޑް އެންމެ ފުރަތަމަ، 2007 ގައި ހާސިލްކުރި އަހުމަދު އަފްސަން ރަޝާދެވެ. އޭނާ އަށް ލިބުނީ 742 މާކްސް އެވެ. މިދިޔަ އަހަރުގެ 21 އަހަރުން އެންމެ މޮޅު ފިރިހެން ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ 2011 ވަނަ އަހަރު ވެސް އެވޯޑް ހޯދި އިސްމާއިލް ވިލްދާން ޔޫސުފެވެ. އޭނާ އަށް އެވޯޑް ހަވާލުކޮށްދެއްވީ ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ރިޔާޒެވެ. ވިލްދާން ވަނީ 1،722 މާކްސް ހޯދައިފަ އެވެ. އޭނާއާ ވާދަކުރި އިބްރާހިމް ރަޝްވާން އަށް 906 މާކްސް ލިބުނުއިރު މުހައްމަދު ސަމޫހަށް ލިބުނީ 753 މާކްސް އެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ބާސްކެޓް ކުޅުންތެރިޔާގެ މަގާމް ލިބުނީ އައިމިނަތު ސަމްހާ އާއި އައިމިނަތު ނަޒްރާ އަށެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ ކުޅުންތެރިއަކަށް އެވޯޑް ލިބުނީ ދެ ކުޅުންތެރިންގެ މާކްސް އެއްވަރުމުންނެވެ. ދެ ކުޅުންތެރިންނަށް ވެސް ލިބުނީ 873 މާކްސް އެވެ. މި ދެ ކުޅުންތެރިންނާ ވާދަކުރި މަރިޔަމް މަނާލް އަށް ލިބުނީ 654 މާކްސް އެވެ. ސަމްހާ އާއި ނަޒްރާ އަށް އެވޯޑް ހަވާލުކޮށްދެއްވީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްގަނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ