އެއާޕޯޓް ލިބުމުގެ އުފާ ފާހަގަކުރަން ސަރުކާރުން ހުރަސް އަޅައިފި - ގައުމީ އިއްތިހާދު

ޖީއެމްއާރް އަތުން އިބްރާހިން ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އަތުލިތާ އެއްއަހަރު ފުރުން ފާހަގަކުރުމަށް ބާއްވާން ހަމަޖެއްސި ޖަލްސާއަށް ސަރުކާރުން ހުރަސްއަޅައިފި ކަމަށް ގައުމީ ހަރަކާތުން ބުނެފި އެވެ.
ސަރުކާރަށް ތާއިދު ކުރާ ގިނަ ފަރާތްތަކެއް ހިމެނޭ ގައުމީ ހަރަކާތުން ވަނީ ހައުސިންގް މިނިސްޓްރީގައި އެއާޕޯޓް ދިވެހިންނަށް ލިބުނުތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް އެއް ދުވަހުގެ މުއްދަތަށް އާޓިފިޝަލް ބީޗް ދޫކޮށްދިނުމަށް އެދިފަ އެވެ. ހައުސިންގް މިނިސްޓްރީ އެ ހުއްދަ ގައުމީ ހަރަކާތަށް ދޫކުރިނަމަވެސް ސަރުކާރުން އެ ހުއްދަ ބާތިލްކޮށްފައިވާ ކަމަށް ބުނެ އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ އަށް އިއްޔެ ހައުސިން މިނިސްޓްރީން ވަނީ ސިޓީއަކުން އެކަން އަންގަވައިފަ އެވެ.
އެސިޓީގައި ބެނެފައި ވަނީ އާޓިފިޝަލް ބީޗް ދޫކުރުމާ ބެހޭ ގޮތުން ސަރުކާރުގެ ސިޔާސަތެއް ކަނޑައަޅަންދެން އެ ސަރަހައްދު އެއްވެސް ފަރާތަކަށް ދޫނުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ގައުމީ ހަރަކާތުން އިއްޔެ ވަނީ ބަޔާނެއްވެސް ނެރެފަ އެވެ.
އެބަޔާނުގައި ބުނެފައި ވަނީ އެއާޕޯޓް ލިބުމުގެ އުފާ ފާހަގަކުރުމުގެ ޖަލްސާ ބޭއްވިޔަ ނުދިނުމަށް ސަރުކާރުގެ ފަރާތްތަކުން އެކި ގޮތްގޮތުން އިންޒާރު ދީފައިވާ ކަމަށާއި އެ ޖަލްސާ ބޭއްވުމަށް އާޓިފިޝަލް ބީޗް ދޫކުރުމަށް ހުއްދަ ދިނުމަށްފަހު އެ ހުއްދަ ސަރުކާރުން ބާތިލުކުރީ ސަރުކާރު ބަންދު ދުވަހެއްގައި ކަމަށެވެ. އިއްޔެ ގައުމީ ހަރަކާތުން ނެރުނު ބަޔާނުގައި ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއްވެސް ވަނީ ދީފައި ވެއެވެ.
ގައުމި އިއްތިހާދުގެ ފަރާތުންނާއި ރައްޔިތުން ބައިވެރިގެން ކުރި ބުރަ މަސައްކަތުން ޖީއެމްއާރް އަތުން އެއާޕޯޓް އަތުލިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުމަށް އިންތިޒާމްކުރި ޖަލްސާއަށް ސަރުކާރުން ހުރަސްއަޅައި އެ ޖަލްސާ ކުރިއަށް ނުގެންދެވޭ ވަރަށް ދަތިކުރުމަކީ ގައުމީ ހަރަކަތުން ހިތާމަކުރަ ކަމެއް ކަމުގައިވެސް ބަޔާނުގައި ވެއެވެ. އަދި ސަރުކާރުން މިގޮތަށް ދަތިކުރުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް ވާ ކަމާމެދު ގައުމީ ހަރަކާތުގެ ބައިވެރިންގެ ހިތުގައި ސުވާލު އުފެދޭނެ ޖާގަ އޮތް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ހަރަކާތުން ބުނީ އެއާޕޯޓް އަނބުރާ ލިބުނު ކަމުގެ އުފާ ފާހަގަކުރުމުގެ ހަފުލާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00 ޖަހާއިރު ބޭއްވުމަށް މިހާރު ނިންމާފައިވާ ކަމަށާއި މި ޖަލްސާ ބާއްވާނެ ތަނެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
ޖީއެމްއާރް އަތުން އިބްރާހިން ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އަތުލިތާ އެއްއަހަރު ފުރުން ފާހަގަކުރުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ގައުމީ ހަރަކާތުން ކުރިން ނިންމީ މިރޭ 9:00 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ