އަދީބާއި ޒިޔަތަށް ދައުވާކުރަން ފޮނުވި މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގެންފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ. އެމްއެމްޕީއާރުސީން ގަވާއިދާ ޚިލާފަށް ރަށްތަކެއް ދޫކޮށް، އެކަމުން ލިބުނު ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އަދީބުގެ މައްޗަށް ދައުލަތުން ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ. ޒިޔަތަށް ކުރަނީ ޚިޔާނާތުގެ ދައުވާ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަގު 60-100 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ. އޭސީސީން ބުނެފައި ވަނީ އެއީ އެ ކޮމިޝަނުން ތަހުގީގުކުރާ ހިޔާނާތުގެ އެންމެ ބޮޑު މައްސަލަ އަށް ވެސް ވެދާނެ ކަމަށެވެ. ކްރިމިނަލް ކޯޓުން ބުނީ އަދީބާއި ޒިޔަތުގެ މައްސަލަ މިދިޔަ ހޯމަދުވަހު ބަލައިގެންފައިވާ ކަމަށާއި ނަމަވެސް ޝަރީއަތް ފަށާނެ ދުވަހެއް ކަނޑައަޅާފައިނުވާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އަދީބާއި ޒިޔަތުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ފުލުހުން ކަމަށްވިޔަސް އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ތަހުގީގުކުރަމުންނެވެ. އަދީބު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ އޭނާގެ މައްޗަށް އެހެން ދައުވާއެއް ވެސް ދައުލަތުން ވަނީ އުފުލައިފަ އެވެ. އަދި އެ މައްސަލަ ބަލަން ތިން ފަނޑިޔާރުންގެ ބެންޗެއް ވެސް ކޯޓުން ވަނީ އެކުލަވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ