މި ދަލުގައި ނުޖެހޭތި! ޕްރޮމޯޝަންތަކުގެ ނަމުގައި ފޯނަށް ފައިސާ ޖަމާކުރުވުން އިތުރުވެއްޖެ

މި ރޯދަ މަހު އެކި ފަރާތްތަކުން ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގެ ނަމުގައި އެކި ނަންބަރުތަކުން ގުޅައި ބޮޑެތި އަދަދުތަކުން މޯބައިލް ފޯނަށް ފައިސާ ރީލޯޑްކޮށްދޭން ނުވަތަ ރާސްޓަސްއެޅައިދޭން އެދުން އިތުރުވެފައިވާތީ އެކަމަށް ސަމާލުވާން ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ. ހުރިހާ ރައްޔިތުން ސަމާލުކަން ދެއްވައި އެއްވެސް ފަރާތަކުން ގުޅިޔަސް ވެސް އެ މީހަކީ ކާކުކަން ކަށަވަރުނުކޮށް އަދި ފޯނުން ގުޅާފައިވަނީ ކޮން ނަމްބަރަކުންކަން ކަށަވަރު ނުވާނަމަ ކޮންމެ ފަދަ ޕްރޮމޯޝަނެއްގެ ނަމުގައި ގުޅިޔަސް އެކައުންޓަށް ފައިސާ ޖަމާކޮށްދީ ރީލޯޑްކޮށް ރާސްޓަސް އަޅުއްވައި ނުދެއްވުމަށް އިލްތިމާސް ކުރަމެވެ.-- ފުލުހުން ފުލުހުން ބުނީ އެކިއެކި ނަންނަމުގައި ގުޅައި އެކި ކަންކޮޅުތަކުން ރީލޯޑާއި ރާސްޓަސް އަޅައިދިނުމުން، އޭގެ ބަދަލުގައި ލިބެންޖެހޭ ފައިސާ ނުލިބޭ މައްސަލަ ފުލުހުންނަށް ހުށަހެޅުން އިތުރުވަމުން އަންނަ ކަމަށެވެ. މި ރޯދަ މަސް ފެށުނު ފަހުން ކޮންމެ ދުވަހަކު އޭގެ 6-7 މައްސަލަ ނުވަތަ ބައެއް ދުވަސް ދުވަހު އެ އަށް ވުރެ ގިނަ މައްސަލަ ވެސް ހުށަހަޅާ ކަމަށް ފުލުހުން ބުންޏެވެ. "ހުރިހާ ރައްޔިތުން ސަމާލުކަން ދެއްވައި އެއްވެސް ފަރާތަކުން ގުޅިޔަސް ވެސް އެ މީހަކީ ކާކުކަން ކަށަވަރުނުކޮށް އަދި ފޯނުން ގުޅާފައިވަނީ ކޮން ނަމްބަރަކުންކަން ކަށަވަރު ނުވާނަމަ، ކޮންމެ ފަދަ ޕްރޮމޯޝަނެއްގެ ނަމުގައި ގުޅިޔަސް އެކައުންޓަށް ފައިސާ ޖަމާކޮށްދީ ރީލޯޑްކޮށް ރާސްޓަސް އަޅުއްވައި ނުދެއްވުމަށް އިލްތިމާސް ކުރަމެވެ،" ފުލުހުންގެ ވެބްސައިޓުގައިވެ އެވެ. ފުލުހުން ބުނިގޮތުގައި ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ވިސްނައި ހޭލުންތެރިވެއްޖެ ނަމަ އޮޅުވާލައިގެން ފައިސާ ހޯދުން ހުއްޓޭނެ އެވެ. އެހެންކަމުން އެ މީހަކަކީ ކާކު ކަން ކަށަވަރުނުވާ އެއްވެސް މީހަކާ އެކު ފައިސާގެ މުއާމަލާތްތައް ނުހިންގަން ފުލުހުން އެދެ އެވެ. ފުލުހުން ބުނީ ރާއްޖޭގައި ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ފޯނުން ގުޅައި ވަކި އަދަދަކުން ރީލޯޑްކޮށް ނުވަތަ ރާސްޓަސް އަޅައިދިނުމާއި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުން ފަދަ ކަންކަން ކުރިއަށް ނުގެންދާނެ ކަމަށް ކުންފުނިތަކުން އަންނަނީ ތަކުރާރުކޮށް ރައްޔިތުންނަށް ހަނދާން ކޮށްދެމުން ކަމަށެވެ. ޕްރޮމޯޝަނެއްގެ ނަމުގައި އެކި މީހުން އަތުން އޮޅުވާލައިގެން ފައިސާ ހޯދަމުން ދިޔަ މައްސަލައެއް ދާދި ފަހުން "ހަވީރު"ގައި ވަނީ ރިޕޯޓްވެސް ކޮށްފަ އެވެ. އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅި ނަމަވެސް އެ މީހުން ދެނެގަނެ ފިޔަވަޅު އަޅަން ދަތިތަކެއް ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ