"ގޭސް ކައްކާ" ނޫސްވެރިކަން އައީ ނަޝީދުގެ ސަރުކާރުން އަޅައި ނުލުމުން!

ނޫސްވެރި ކަމުގައި އޮތް ހިފެހެއްޓުންތައް ދޫކޮށްލައި މިނިވަން ކޮށްލަން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން މިހާރު ހިތާމަ ކުރައްވާ އެއްވެސް ކަމެއް ނެތް ކަމަށާއި ނަމަވެސް ރާއްޖޭގެ ނޫސްވެރިކަން މި އޮތް "ގޭސް ކައްކާ" ހާލަތަށް އައީ ފެށި މަސައްކަތަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އަޅައި ނުލުމުން ކަމަށް ކުރީގެ އިންފޮމޭޝަން، ލީގަލް ރިފޯމް މިނިސްޓަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވީމީޑީޔާގެ ވީޓީވީގެ "މަލާފަތް" ޝޯގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ނޫސްވެރިޔާ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ކުޅުއްދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ވިދާޅުވީ ވަޒީރު ކަމުގައި ހުންނަވައިގެން މީޑިއާ ފުޅާ ކުރަން ކުރެއްވި މަސައްކަތުން ނުކުތް ނަތީޖާއާހެދި މިއަދު އެކަންކަން ނުކުރެވުނު ނަމައޭ ހީވާ އެއްވެސް ކަމެއް ނެތް ކަމަށެވެ.
"ބަދަލުތަކާމެދު އުފާ ކުރަން ބޮޑެތި މީޑިއާތައް ސްޓޭޝަންތައް ހެދީ އަޅުގަނޑަށް އިތުބާރު ކޮށްގެން. ވީޓީވީ ދިޓީވީން ހަރަދުތައް ކުރީ އަޅުގަނޑު ހުރެއްޖެ ނަމަ ދެރަ ގޮތެއް ނުވާނެތީ! މީޑިއާ ފްރީޑޮމް ކަށަވަރުކޮށްދޭން އަޅުގަނޑު ނުކުންނާނެ ކަމަށް ގަބޫލު ކޮށްގެން އެހެންވީމާ އޭރު ކުރެވުނު އެއްވެސް ކަމަކާ އަޅުގަނޑު ދެރައެއް ނުވޭ! އަޅުގަނޑު މިހާރު އުފާވޭ ބޮޑެތި ސިޔާސީ ލީޑަރުން ތަންތަނަށް ވަޑައިގަންނަވާއިރު ވަށަވަށައިގެން މައިކްތަކާއި ކެމެރާތަކާއި ފޯނުތަކާ އެއްޗެހި ހުންނައިރު އަޅުގަނޑަށް އެނގޭ އެއީ އަޅުގަނޑުމެނަށް ކޮށްދެވުނު ހިދުމަތެއްކަން،" ރާއްޖޭގެ ނޫސްވެރި ކަމަށް ޒަމާނީ އިންގިލާބެއް ގެނެސް ދެއްވި ވަޒީރު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން އޭރު ބެލީ މީޑިޔާގެ ވެއްޓެއް ބިނާ ކުރުމަށް ކަމަށާއި އޭރުގެ ޝަކުވާއަކަށް ވެފައި އޮތީ ނޫސްވެރި ކަމުގައި ހިފެހެއްޓުންތަކެއް އޮތުމުގެ ޝަކުވާ ކަމަށެވެ.
"އަޅުގަނޑުމެން ބެލީ ކުރަޔަށް ހޫނު ފެން އަޅާފައި ބެހެއްޓުމަށްފަހު ކުއްލިއަކަށް މަތި ނެގީމާ ވަރަށް ބޮޑަށް އާވި އަރާނޭ، އާވިގަނޑު ދިއުމަށް ފަހު ހޫނުކޮށް ހުންނަ ވަގުތުކޮޅެއް ވެސް ދާނޭ، އޭގެ ފަހުން އެ ފެނުން ސައި ހަދައިގެން ބޯން ނުކެރޭ ވަރަށް ހިހޫވެ ފިނިވެސް ވާނޭ. އަޅުގަނޑުމެން އެބައި ގެނައިތަނުން މައުމޫންގެ ސަރުކާރު ބަދަލުވީ،" ތަސައްވުރުގެ މިސާލެއް ނަޝީދު ދެއްވި އެވެ.
ނޫސްވެރިކަމުގެ ތަފާތު މެނުއަލްތައް ލިޔުއްވެވި އަދި މިހާރު ވެސް ބްލޮގް ލިޔުއްވާ ނަޝީދު ވިދާޅުވީ އޭނާގެ ވަޒީރު ކަމުގައި ގެނައި ބަދަލުގެ ތެރޭގައި އުޅެނިކޮށް ސަރުކާރު ބަދަލުވެ، ފަހުން އައި ސަރުކާރުން ރައީސް މައުމޫންގެ ސަރުކާރުގެ އިސްލާހީ ބަދަލުތައް ކޮންޓިނިއު ނުކުރެއްވި ކަމަށާއި އެކަން ކުރެއްވި ނަމަ ނޫސްވެރި ކަމުގައި މިއަދު މިދެކޭ "ގޭސް ކައްކާ" ދުވަސް ނައީސް ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރީ ޓައިމްލައިނެއް ކަނޑައަޅައިގެން ވަރަށް ޕްރެޝަރުގައި އަމާޒެއް އޮވެގެން އެ އަމާޒަށް ވާސިލުވާނެ ވަގުތު ވެސް ކަނޑައަޅައިގެން ފުރަތަމަ ހުޅުވާލީ، މިސްޓޭކް ހަދަން ވަގުތު ކޮޅެއް ދިނީ، [އެހެންވީމާ] ދެން އޭގެ ފަހުން ޒިންމާދު ކުރުވުމުގެ ރެގިއުލޭޓަރީ ބައިވެސް ވަގުތުން ގެނެވެންވާނެ. އެހެން ނަމަވެސް އަޅުގަނޑުމެން އެކަން ކޮށްފައި ނޭވާ ނުލެވިގެން އުޅެނިކޮށް އިންތިހާބެއް އައިސް ސަރުކާރު ބަދަލު ވެގެން ދިޔައީ،" ނަޝީދު ވިދާޅުވި އެވެ. "އަލަށް ވަޑައިގެންނެވި ރައީސަކަށް ރައީސް މައުމޫންގެ އޮތް ވަރުގެ ޒިންމާއެއް ނެތް. އިސްލާހީ ޕްރޮގްރާމް ކޮންޓިނިއު ކުރާކަށް. ރައީސް މައުމޫން އެހާ ގިނަ ދުވަހު ހުންނަވައި އިސްލާހީ މަސައްކަތް ފައްޓަވައިފައި އޮތުމުން އެބޭފުޅާގެ ޒިންމާއެއް އޮތް. އޭރު އެހެން މީހުން ބުނަމުން ދިޔައީ މިކަމެއް ނުވާނޭ ރައީސަކަށް ރައީސްގެ އިހުލާސްތެރި ކަމެއް ނެތޭ. ވަގުތެއް ވެސް ނެތޭ. އާ ގާނޫނު އަސާސީ ގެނެސް ޑިމޮކްރަސީ ގެންނާކަށް،"
ނަޝީދު ވިދާޅުވީ އެ މާހައުލުގައި ރައީސް މައުމޫން ވަރަށް ބޮޑު ޗެލެންޖެއް ނެންގެވި ކަމަށާއި އެކަން ކުރައްވައި ދައްކަވާފައި އިންތިހާބަކަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެމަނިކުފާނު އެކަން ކުރައްވައިފި ކަމާއި ކުރައްވާނެ ކަން ދުނިޔެއާ ރާއްޖެއަށް ދައްކަން މަސައްކަތް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމެވެސް ވިދާޅުވީ އިންތިހާބުގައި ނަތީޖާ އައި ގޮތުން ރައީސް ކަމަށް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން ރައީސް ނަޝީދަށް ރައީސް މައުމޫނަށް އޮތް ކަހަލަ މަސްއޫލިއްޔަތެއް ނެތް ކަމަށެވެ.
"އެބޭފުޅައާކަށް ނެތް އެއްކަލަ މަސްއޫލިއްޔަތު އަދާކޮށްފައި ދައްކަންވީ ސަބަބެއް ވެސް. އަލަށް ވަޑައިގެންނެވި ބޭފުޅެއް، އެއްވެސް އެކްސެސް ބެގެޖެއް ނެތް! ކޮނޑުގައި އުފުލަންޖެހޭ ލަގެޖެއް ދާގީނާއެއް ނެތް! ފްރެޝްކޮށް އާ އިންތިހާބަކާއެކު ފުލް މެންޑޭޓަކާއެކު ވަޑައިގަތީ،"
އެގޮތަށް ރައީސް ނަޝީދު ވަޑައިގެންނެވުމުގެ ނަތީޖާއެއްގެ ގޮތުން އެމަނިކުފާނު ވެރިކަމުގައި ހުންނެވި ތިން އަހަރު ތެރޭގައި މީޑިއާ ރިފޯމް ކުރުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"[ރައީސް ނަޝީދު] އެ ހުންނެވި ތިން އަހަރަކު ނެތް ޑިމޮކްރެޓިކް ގަވަނަންސް ވަރުގަދަ ކުރެއްވުމަށް ނުވަތަ މިޑިއާ ރިފޯމް ވަރުގަދަ ކުރެއްވުމަށް، މީޑިއާ ރެސްޕޮންސިބިލިޓީ ވަރުގަދަ ކުރުވުމަށް ވަކި ހާއްސަ މަސައްކަތެއް ޕްލޭން ކުރައްވައިގެން ކުރައްވާފައެއް. އެހެންވީމާ ހުޅުވާލި ހުޅުވާލުން އޮތް ގޮތަށް ދެމިގެން ދިޔައީ. އެހިސާބުން ޒިންމާދާރު ކުރުވުމުގެ ރޫހު އާލާ ކުރުމުގެ ފުރުސަތު ނެތިގެން ދިޔައީ. އަޅުގަނޑުމެން ތިބި އިރު ހުޅުވާލުމާއެކުގައި ނޫސްވެރިންނަށް ތައުލީމާއި ތަމްރީނުގެ މަސައްކަތް ގެންދިޔައިން ނޫސްވެރިންގެ މެދުގައި އިތުބާރު އާލާ ކުރުމުގެ ޕްރޮގްރާމްތައް ގެންދިޔައިން އާ ސްޓޭޝަންތަކާއި މީޑިއާއަށް ނުކުމެވޭނެ ގޮތްވެސް ހަދައިދިނިން އެކަމަކު މިދިއަ ތިން އަހަރަކު އެކަމެއް ނުފެނުނު،" ނަޝީދު ވިދާޅުވި އެވެ. "އޭގެ ފަހުން އެމީހަކު ކުރާނެ ގޮތަކަށް ކަންތައް ކުރަމުން ދިޔައީ މިއަދު އަޅުގަނޑު މިދަންނަވާ ގޮތަށް ކަންތައް ގޮސްފައިވާއިރު ހަސަދައާ ނަފުރަތާ ދެކޮޅުވެރި ކަމާއި އުދާސްތައް ކެއްކުމަށް ބޭނުން ކުރާ އެއްޗަކަށް ވެސް މީޑިޔާ އެބަވޭ،"
މެންބަރު ނަޝީދު ވިދާޅުވީ މީޑިއާ އަނެއްކާވެސް ބަދަލުވާން ވެއްޖެ ކަމަށައި ޒިންމާދާރުވާން ޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ވަގުތުން ވަގުތަށް ވެސް "ޕީސް ޖާނަޒިލަޒަމް" އަށް ދާން ޖެހިފައިވާ ކަމަށާއި ދިވެހިންގެ ތެރޭގައި ހުރި އެއް ގޮތް ކަންތައްތަކަށް ފޯކަސް ކޮށް، ފަރަގު ގެނެސްގެން ތަޅުވާ ގޭސްކައްކާ ހެދުން ހުއްޓައިލަން ޖެހިފައިވާ ކަމަށެވެ.
"މާ ރަނގަޅުވާނެ އެއްގޮތް ކަންކަމަށް ފޯކަސްކޮށް މި ގައުމު އެއްތަން ކޮށްލެވޭތޯ އިރުކޮޅަކަށް ބެލުން ވެސް. އަޅުގަނޑުމެނަކީ ވަރަށް ކުޑަ ގައުމެއް. އަޅުގަނޑުމެނަށް ކެތްވާވަރުގެ ކަމަކަށް ނުވާނެ އަބަދު ތަޅާފޮޅަފޮޅާ ތިބޭކަށެއް. މިހާރު އަށް އަހަރުވީ މިހެން ތަޅާފޮޅާތާ ދެން އަދި އަށް އަހަރު މިހެން ތަޅަން އުޅެން ވެއްޖިއްޔާ އަޅުގަނޑުމެން ހަލާކުވެ ހިނގައިދާނެ،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ