ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ނަގާ ވޯޓް ސިއްރު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވުމުން އެމައްސަލަ މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވި ނަމަވެސް އެއީ ސުޕްރީމް ކޯޓުގެ ހުކުމް ދިރާސާ ކުރުމަށް ފޮނުވި މައްސަލައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
މަޖިލީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމައްސަލަ މަޖިލީހުގެ ރިޔާސަތުން އާންމު ކޮމިޓީއަށް ފޮނުވީ ސުޕްރީމް ކޯޓުގެ ހުކުމަށް އިހްތިރާމް ކުރާތީ އެހުކުމާއި ގުޅިގެން މަޖިލީހުގެ ޤަވައިދަށް ގެންނަން އިސްލާހު ތަކަކީ ކޮބައިތޯ ބަލާ އެކަމާއި ގުޅޭ ރިޕޯޓެއް ތައްޔާރު ކުރުމަށެވެ.
އާންމު ކޮމެޓީއަށް ރިޔާސަތުން ފޮނުވާފައި ވަނީ ސްޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން މަޖިލީހުގެ ގަވާދަށް އެއްވެސް އިސްލާހެއް ގެންނަން ޖެހޭނަމަ އެކަމެއް ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ގަވާއިދުގެ މަތީން އެކަމާއި ގުޅޭ ރިޕޯޓެއް ތައްޔާރު ކުރުމަށް ކަމަށެވެ.
"އެ މަސްއޫލިއްޔަތަކީ ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 94 ވަނަ މާއްދާގެ ދަށުން އާންމު ކޮމެޓީގެ މަސްއޫލިއްޔަތެކެވެ" ބަޔާނުގައި ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެމައްސަލަ އާންމު ކޮމިޓީއަށް ފޮނުވާފައިވަނީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހާ އުސޫލުތަކުގެ ތެރެއިން ކަން ފާހަގަކުރައްވާ މަޖިލީހުގެ ބަޔާނުގައި ބުނެފައިވަނީ ސިއްރު ވޯޓުގެ މައްސަލައިގައިވެސް މަޖިލީހުގެ ރައީސް އަމަލު ކުރައްވާފައިވަނީ މަޖިލީހުގެ ޤަވައިދާއި އެއްގޮތަށް ކަމަށެވެ.
އަދި މިމައްސަލައިގައި ޚަބަރު ފަތުރާ ވަސީލަތްތަކުން ހަޤީގަތް އޮޅޭ ގޮތަށް ޚަބަރުތައް ގެނެސްދީފައިވާތީ އެކަމާ ހިތާމަކުރާ ކަމަށްވެސް މަޖިލީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެމްޑީޕީން ހޯމް މިނިސްޓަރު ޑރ. މުޙައްމަދު ޖަމީލް އަޙްމަދުއާއި، ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމްއާއި ދެކޮޅަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ މިމަހުގެ 8 ވަނަ ދުވަހު ބޭއްވުނު މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކުރި ނަމަވެސް އެދުވަހުގެ ޖަލްސާ ވަނީ ވަކި ހިސާބަކުން ހުއްޓާލާފައެވެ.
އެދުވަހުގެ ޖަލްސާ ވަކި ހިސާބަކުން ހުއްޓާލީ ޖަލްސާގެ ބައެއް ސިއްރުކުރުމަށާއި އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލައިގައި ސިއްރު ވޯޓެއް ލާންޖެހޭނެ ކަމަށް ބުނެ އެމްޑީޕީން މަޖިލީހުގެ ނިޒާމް ގެއްލުވާލާ މަޖިލީހުގެ ރައީސްއަށް ފިއްތުއްތައް ކުރިމަތިކުރުމުންނެވެ.
މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި އެމްޑީޕީން މަޖިލީހުގައި ސިއްރު ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުންދާއިރު، އެފަދަ ވޯޓެއް ނުނެގޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ސިއްރު ވޯޓުގެ މައްސަލަ ކޮމިޓީއަށް ފޮނުވީ ސުޕްރީމް ކޯޓުގެ ހުކުމަށް އިހްތިރާމް ކުރުމަށް: މަޖިލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ