ހައި ކޯޓުން އަމީން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ސަރުކާރާ ދެކޮޅަށް މި މަހު 1 ގައި ކުރި މުޒާހަރާއާ ގުޅިގެން ބަންދުކުރި އިދިކޮޅު ތިން ލީޑަރުންގެ ތެރެއިން ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ދޫކޮށްލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް، ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. "ހަވީރަ"ށް ކަށަވަރު ވެފައިވާ ގޮތުގައި އެ މައްސަލަ އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އިއްޔެ ސުޕްރީމް ކޯޓަށް ފޮނުވައިފަ އެވެ. އެކަމަކުު، ކޯޓުން އެ މައްސަލަ ބަލައިގަތް ކަމެއް އަދި ނޭނގެ އެވެ. އަމީންއާ އެކު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ހައްޔަރުކޮށް، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން 15 ދުވަހަށް ބަންދުކުރި އެވެ. އެ މައްސަލަ އެ ތިން ބޭފުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވުމުން، ހައި ކޯޓުން ދޫކޮށްލީ ހަމައެކަނި އަމީނެވެ. އަމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ އަމުރެއް ކަމަށް ހައި ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ބެއްލެވި ފަނޑިޔާރު އަބްދުލް ޢަނީ މުހައްމަދާއި އަބްދުއްރައޫފު އިބްރާހިމްގެ އިތުރުން އައްބާސް ޝަރީފުގެ އިއްތިފާގުންނެވެ. ހައި ކޯޓުން ފާހަގަކުރި ގޮތުގައި އަމީން ކޮށްފައިވާ ކުށަކީ ބިރު ދެއްކުން ކަމަށް ޕިޖީ އޮފީހުންނާއި ފުލުހުން ބުނެފައިވީ ނަމަވެސް ކްރިމިނަލް ކޯޓުގައި ހެކީގެ ގޮތުގައި ދީފައިވާ ލިޔުމަކީ އަމީން ދެއްކެވި ކަމަށް ބުނާ ވާހަކަތަކުގެ ލިޔުމެކެވެ. އަދި އެ ވާހަކަތަކަށް އަމީން އިންކާރު ކުރެއްވިއިރު، ކްރިމިނަލް ކޯޓުގެ ޝަރީއަތަށް ގެންދިޔަ އެ ވާހަތަކުގެ ވީޑިއޯ ރިކޯޑިން ގާޒީ ބައްލަވާފައި ނުވާކަން ވެސް ހައި ކޯޓުން ފާހަގަކޮށްފައިވެ އެވެ. އަމީން ދޫކޮށްލަން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ހުށަހަޅާފައި ވާއިރު، އަލީ ވަހީދާއި އިމްރާންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު އިތުރުކޮށްދީފަ އެވެ. އެ ގޮތުން، އިމްރާނަށް 10 ދުވަސް އަދި އަލީ ވަހީދަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ