އެއްވުމުގެ އަޑީގައި ހުންނެވީ ގާސިމް، ކިތަންމެ މަސައްކަތެއް ކުރިއަސް ވެރިކަން ނުވެއްޓޭނެ: ޕީޕީއެމް

ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި މާދަމާ ބާއްވާ އެއްވުމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފިއްލަވައި ހުންނަވައި، ކޮންޓްރެކްޓް އުސޫލުން ހިންގާ ކަމެއް ކަމަށާއި އިދިކޮޅު މީހުން ކިތަންމެ މަސައްކަތެއް ކުރިއަސް ވެރިކަން ނުވެއްޓޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަހްމަދު އަދީބް މިއަދު ވިދާޅުވެއްޖެ އެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން މުލިއާގޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އަދީބު ވިދާޅުވީ "އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީގެ ގޮތުގައި ދައުވާކުރާ" އެމްޑީޕީ އަަށް ވެސް އެއްވުމުގެ ޒިންމާ ނަގަން ނުކުރުނު ކަމަށެވެ. އަދާލަތު ޕާޓީން އެ ޒިންމާ ނެގީ، އަދީބް ވިދާޅުވި ގޮތުގައި، ފައިސާ ދޭނެ ކަަމަށް ބުނެ ކޮންޓްރެކްޓް އުސޫލުންނެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނިއުސް ކޮންފަރެންސްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން "މީގެ ހިތާމައަކީ ދީނީ ކާޑު ބޭނުންކޮށް، ޝޭހް އިމްރާން ބުނެދެމުން މި ގެންދަނީ، މިހާރު މި ގައުމުގައި ޖިހާދު ހައްގު ވެއްޖެޔޭ، މީހުން ނުކުމެ ރައީސުލް ޖުމްހޫރިއްޔާ ވެސް ގެއްލުވާލަންވީއޭ. މިފަދަ މޭރަމަކުން މި ވާހަކަ ދައްކަވަނީ،" އަދީބް ވިދާޅުވި އެވެ. އަދީބް ވިދާޅުވި ގޮތުގައި ސަރުކާރާ ދެކޮޅަށް، އިދިކޮޅު ޕާޓީތަކުން މަގުމައްޗަށް ނުކުންނަނީ އެއްވެސް ސަބަބެއް އޮވެގެންނެއް ނޫނެވެ. ކިތަންމެ މަސައްކަތެއް ކުރިއަސް ވެރިކަން ނުވެއްޓޭނެ ކަމަށާއި ސަރުކާރު އޮތީ އެއަށްވުރެ ބަދަހިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ. "ގާސިމް އިބްރާހިމް ބެންކޮކުގައި ފިލައި ހުރެގެން، މި އެއްވުމަށް ގާސިމް ފަންޑް ކުރާކަން ވެސް އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެން ސުލްހަ އަށް ލޯބިކުރާ، ޑިމޮކްސީގެ ރީތި އުސޫލްތަކަށް ލޯބިކުރާތީ މިއަށް ވެސް ޖާގަ ދެނީ،" އަދީބް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީ އާއި އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީން ބާއްވަން އުޅެނީ ސުލްހަވެރި ހަރަކާތެއް ނޫނެެވެ. ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވީ އެއްވުމުގައި ހަމަނުޖެހުން ހިންގައި، ރައްޔިތުންގެ އަމާންކަން ނަގާލަން ކުރާ މަސައްކަތަށް ޖާގައެއް ނުލިބޭނެ ކަމަށެވެ. އަދި ރާއްޖޭގައި ގާނޫނާ ހިލާފު ކަންކަން ކުރުމުގެ ފުރުސަތު މި ސަރުކާރުން ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ގާނޫނު ތަންފީޒުކުރުމަކަށް މި ސަރުކާރު ފަހެއް ނުޖެހޭނެ. އަދި ގާނޫނު ތަންފީޒުކޮށް ދިވެހި ރާއްޖެ އަށް ހަމަޖެހުން ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރާ ކޮންމެ މަސަައްކަތެއްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕާއި ކައުންސިލާއި އަޅުގަނޑުމެން އެންމެން މިތިބީ ވަރަށް ސާބިތުކަމާއެކު،" އަބްދުއްރަހީމް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި ރިޔާސީ ދައުރުގެ މުއްދަތު ކަނޑައަޅާފައި ވަނީ ރައްޔިތުންގެ ވޯޓަކުންނެވެ. ވެރިކަން ބަދަލުކުރަން ކަނޑައަޅާފައި އޮންނަނީ ފަސް އަހަރު ނިމުމުން ވޯޓަކުން ކަމަށްވާއިރު އެއީ ސިޔާސީ ޕާޓީތަކުން ވެސް ބަލައިގަންނަން ޖެހޭ ކަމެއް ކަމަށް މަސީހް ވިދާޅުވި އެވެ. "ވެރިކަމުގެ ގޮނޑީގައި އިނުމަށް ލަސްވެގެން، މި ކަންތައް [ސަރުކާރު ބަދަލުކުރުން] ކުރާ ކަމުގައި ވަންޏާ އަޅުގަނޑު ގޮވާލާނީ ރައްޔިތުންގެ މަޖިލީހަށް ކަމާއި ގުޅޭ ބިލް ހުށަހެޅުއްވުމަށް. އެއީ ރިޔާސީ ދައުރަކީ އެއް އަހަރު ކަމަށް ވަންޏާ އެއް އަހަރަށް. ހަ މަހަށް ކަމަށް ވަންޏާ ހަ މަހަށް. ދެ އަހަރަށް ކަމަށް ވަންޏާ ދެ އަހަރަށް،" އޭނާ ވިދާޅުވި އެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނިއުސް ކޮންފަރެންސްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ދިފާއުކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ކުރާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށް ކަންކަން ނިންމުގެ ޖާގަ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ކުރިން ވެސް އޮންނާނީ އެމްޑީޕީ ބަލިކޮށްފައި. މާދަމާ ވެސް އަޅުގަނޑުމެން ނަސްރާއި ކާމިޔާބު ލިބޭނެ،" ރިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރު ވައްޓާލުމުގެ ގާބިލްކަން އިދިކޮޅު ފަރާތްތަކުގައި ނެތެވެ. ސަރުކާރެއް ވައްްޓާލުމުގެ ޓްރޭނިން ހަދާފައި ތިބި މީހުންނާއި ގާބިލްކަން ލިބިގެން ވަނީ ޕީޕީއެމަށް ކަމަށް ރިޔާޒް ވިދާޅުވި އެވެ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ މާދަމާގެ މުޒާރާ ވާނީ "އުތުރު ގަޑުބަޑު" ކަހަލަ އެއްޗަކަށެވެ. އެއީ ބޮޑުންނަށް އަނިޔާ ލިބި، ދެން ތިބޭ މީހުންނަށް ކުދި އަނިޔާ ލިބޭ މުޒާހަރާއަކަށް ކަމަށް ވިދާޅުވި އެވެ. "ވެރިކަމެއް ނުވެއްޓޭނެ. ވެރިކަން ބަދަލުކުރެވޭނީ ވެރިކަން ބަދަލުކުރަން އޮންނަ އުސޫލްގެ ތެރެއިން ވޯޓަކުން. މާދަމާ މުޒާހަރާ ރޫޅާލުމަށްޓަކައި އަޅުގަނޑުމެންގެ ވަރުގަދަ މިނިސްޓަރު އަދީބު އަތުގައި ހުރިހާ އިންޖެކްޝަނެއް އެބަހުރި. ބޭސް އެބަހުރި. މަލަން އެބަހުރި،" އޭނާ ވިދާޅުވި އެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ޕްރެސް ކޮންފަރެންސެއްގައި، ހުކުރު ދުވަހުގެ މުޒާހަރާއާ ގުޅޭގޮތުން އެ ޕާޓީން ދެކޭގޮތުގެ ބަޔާނެއް ވެސް ވަނީ އާއްމުކޮށްފަ އެވެ. އެ ބަޔާން އިއްވަވައިދެއްވަމުން، މެމްބަރު އަލީ އާރިފް ވިދާޅުވީ އެ މުޒާހަރާ އަކީ ސުލްހަވެރި ހަރަކާތެއް ނޫން ކަމަށެވެ. އަދި އެއީ ބައެއްގެ ޒާތީ މަސްލަހަތުތަކެއް ހިމާޔަތްކޮށް، ނާޖާއިޒް ފައިދާ ނެގުމަށް ބާއްވާ އެއްވުމަށް ކަމަށް ވެސް ބަޔާނުގައިވެ އެވެ. މާދަމާގެ މުޒާހަރާގައި ޕީޕީއެމާއި ސަރުކާރަށް ތާއީދުކުރާ އެއްވެސް ރައްޔިތަކު ބައިވެރިނުވުމަށް ޕީޕީއެމުން ގޮވާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ