ދައުލަތުގެ މައިގަނޑު ސިޔާސަތު އޮންނަން ޖެހޭނީ ގާނޫނީ ބާރު ލިބފައިވާ އެއްޗެއްގެގޮތުގައި: މިލަންދޫ މެމްބަރު

ގައުމުގެ ކަންކަން ހިނގަމުންދާގޮތަށްބަލާއިރު ދައުލަތުގެ މައިގަނޑު ސިޔާސަތުތައް އޮންނަން ޖެހޭނީ ގާނޫނޫ ބާރު ލިބިފައިވާ އެއްޗެއްގެގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރ އަލީ ރިޒާ ވިދާޅުވެއްޖެ އެވެ.
ހިތަދޫ ދެކުނު ދާއިރާގެ ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ރިޒާ ވިދާޅުވީ އެތައްހާސް ރައްޔިތުންގެ ތާއިދު ލިބިގެން ހިންގާ މަސައްކަތްތައް ވެސް އިރު އަރާ އޮއްސޭއިރަށް ބަދަލުކުރާ ބަޔަކު އުޅޭއިރު، ގައުމުގެ ތަރައްގީގެ މައިގަނޑު ސިޔާސަތު އެކުލެވޭ ގާނޫނެއް މަޖިލީހުގެ މެމްބަރުން ފާސްކޮށްދެއްވަން ޖެހިވަޑައިގަންނަވާކަމަށެވެ.
"މި ކަހަލަ ގާނޫނެއް އެބަޖެހޭ ފާސްވެފައި އޮންނަން. އެހެން ނޫނިއްޔާ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އާ ސިޔާސަތު ކުރީ ފަސް އަހަރު ކުރި ހުރިހާކަމަކާއި ހުރިހާ ހަރަދެއް އަނބުރާ ގޮސް މިޖެހެނީ ސުމަކުން ފަށަން. މިއީ އުފުލޭވަރުގެ ބުރައެއް ނޫން ގައުމަކަށް. އެހެންވެ ގާނޫނެއް ފާސްކުރަން ޖެހެނީ،" ރިޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅަން ޖެހިފައިވަނީ ކައުންސިލްތަކުން މެމްބަރުން އުނިކުރަން ނޫން ކަމަށާއި އެ ގާނޫނަށް ބަދަލު ގެންނަން ބޭނުން ނަމަ ގެންނަން ޖެހެނީ ރައްޔިތުންގެ އެދުންތައް ހާސިލުވާނެ ބަދަލުތައް ގެންނަންކަމަށެވެ.
ރިޒާ ހަސަން ލަތީފުގެ ބިލަށް ފާޑު ވިދާޅުވެވާހަކަ ދެއްކެވިއިރު ސަރުކާރަށް ތާއިދުކުރައްވާ މެމްބަރުން ވަނީ އެ ބިލަށް ތާއިދު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ