އެންމެ އިންސާފުވެރި ގޮތަކީ އަޅުގަނޑު ވަކި މީހަކަށް ތާއީދުކުރާކަން ހާމަނުކުރުން: މައުމޫން

އަންނަ ހޮނިހިރު ދުވަހު އޮންނަ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަށް ދެ ކެންޑިޑޭޓުން ކެމްޕޭން ކުރަމުން އަންނައިރު، މުޅި ޕާޓީގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ވަކި މީހަކަށް ތާއީދުކުރާކަން ހާމަނުކުރެއްވުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. މައުމޫން މިގޮތަށް ވިދާޅުވީ ގަލޮޅު އަވަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާއެއްގައި، މައުމޫންގެ ބޭފުޅުން ކަމަށްވާ ފާރިސް މައުމޫނާއި ޣައްސާން މައުމޫނާއި ދުންޔާ މައުމޫންގެ އިތުރުން ދަނބިދަރިކަލުން މުހައްމަދު ނަދީމު ޔަގީން ޓީމާ ރަސްމީކޮށް ގުޅިވަޑައިގެންފައި ވަނިކޮށެވެ. އެ ބޭފުޅުން ވަނީ ޔާމީނަށް ތާއީދު ކުރައްވާކަން ހާމަކުރެއްވުމުގެ ގޮތުން ޔާމީނާ އެކު އަތް ގުޅުއްވާލައްވައިފަ އެވެ. ޔާމީންގެ އިތުރުން ޕްރައިމަރީގައި ވާދަކުރައްވަނީ އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސްކަން ކުރެއްވި އުމަރު ނަސީރެވެ. މައުމޫންގެ ބަޔާނުގައި ވިދާޅުވީ ދެ ކެންޑިޑޭޓުންގެ ތެރެއިން ބޭފުޅަކަށް ތާއީދުކުރައްވާ ވޯޓު ދެއްވުމަކީ މެމްބަރެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް ވެސް ލިބިވަޑައިގެންފައިވާ ހައްގެއް ކަމަށެވެ. އެހެން ނަމަވެސް އެންމެ މަސްލަހަތު ހުރި ގޮތަކީ ވަކި ކެންޑިޑޭޓަކަށް ތައީދުކުރައްވާކަން ހާމަނުކުރެއްވުން ކަމަށް ވާތީ، އެމަނިކުފާނު ދެމިހުންނަވާނީ އެގޮތުގައި ކަމަށް މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑު މިހެން ހުރި ކަމުގައިވީ ނަމަވެސް އަޅުގަނޑުގެ ދަރިންނަކީ ތަސައްރަފު ފުދިފައިވާ އަދި ސިޔާސީ ކަންކަމުގައި އަމިއްލަ ގޮތް ނިންމުމުގެ ހައްގު އޮތް ބައެކެވެ. ވީމާ ޕްރައިމަރީގައި ވެސް އަދި ސިޔާސީ އެހެން ކަންކަމުގައި ވެސް އަޅުގަނޑުގެ ދަރިން ނިންމާ ނިންމުންތަކަކީ އެ މީހުން އަމިއްލަ އަށް ނިންމާ ނިންމުންތަކެވެ،" މައުމޫންގެ ބަޔާނުގައިވެ އެވެ. މައުމޫން ވިދާޅުވީ އެމަނިކުފާނުގެ އިތުރުން ޔުމްނާ މައުމޫން ވެސް ވަކި މީހަކަށް ތާއީދުކުރައްވާކަން ހާމަނުކުރައްވާނެ ކަމަށެވެ. އެގޮތަށް ޔުމްނާ ނިންމެވީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ވާތީ ބަޔާނުގައިވެ އެވެ. މައުމޫން ވިދާޅުވި ގޮތުގައި ޕްރައިމަރީގައި ވާދަކުރައްވާ އުމަރާއި ޔާމީނަކީ ވެސް ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ޕާޓީ އަށް ގިނަގުނަ ހިދުމަތްކުރައްވާފައިވާ އިޚްލާސްތެރި ދެ ބޭފުޅުންނެވެ. "އެހެންކަމުން އެންމެ ރަނގަޅު އަދި އެންމެ އިންސާފުވެރި ގޮތަކީ އަޅުގަނޑު ވަކި ބޭފުޅަކަށް ތާއީދުކުރާކަން ހާމަނުކުރުމެވެ. ވީމާ އަޅުގަނޑު ދެމިހުންނާނީ މިގޮތުގަ އެވެ. އަދި ޕްރައިމަރީގައި ކުރި ހޯއްދަވައިގެން ޕާޓީގެ ރިޔާސީ ޓިކެޓު ކާމިޔާބުކުރައްވާ ކޮންމެ ބޭފުޅަކާ އެކު ވެސް ޕީޕީއެމް އިން މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި މާތްﷲގެ ވާގިފުޅާ އެކު އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަރް ކުރާނެ ވާހަކަ މި ފުރުސަތުގައި ހާމަކުރަމެވެ،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ