ލިސްޓްތަކުގައި ސޮއިކުރަނީ ގައުމު ބަނޑަށް ޖެހުމުން ސަލާމަތްކުރަން: ގާސިމް
އަންނަ ހޮނިހިރުދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓްތަކުގައި ސޮއި ކުރަނީ އޭގައިވާ މައުލޫމާތު ސައްހަކަން ކަނޑައެޅުމުގެ ގޮތަކުން ނޫން ކަމަށާއި ބޭނުމަކީ ރާއްޖެ ބަނޑަށް ޖެހުމުން ސަލާމަތް ކުރުމަށް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. "ހަވީރަ"ށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މިއަދު ރާއްޖޭގެ ހާލަތު އޮތީ ކާޑާއި ތެޔޮ ނުގަނެވޭ ފަދަ ދަރަޖައަކަށް ގޮސްފައި ކަމަށާއި އެހެންވެ އިންތިހާބީ ހައްގުތައް ލިބިވަޑައިނުގަތަސް އިންތިހާބުގެ ހުރަހަކަށް ވާން ބޭނުން ނުވާ ކަމަށެވެ. "ހައްގު ލިބުނަސް ނުލިބުނަސް، އިންސާފު ލިބުނަސް ނުލިބުނަސް، އެންމެ ފުރަތަމަ ކަމަކީ ރައްޔިތުން ބަނޑަށް ނުޖެހި ސަލާމަތުން ތިބުން ކަމަށް އަޅުގަނޑު ގަބޫލުކުރާތީ [ވޯޓާސް ލިސްޓްތަކުގައި ސޮއިކުރަން ނިންމީ]. އެހެންވީމާ އަޅުގަނޑަކަށް ދެން ނެތް އިތުރަކަށް ބަލާނެ އެއްޗެއް،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގައުމުގެ އިގްތިސާދު ބަލިކަށިވެ ބަނޑަށް ޖެހޭ ހިސާބަށް ދިއުމުން ސިޔާސީ ފަރާތްތައް ތަޅާފޮޅައިގެން ގައުމަށް ހަމަޖެހުމެއް ނާންނާނެ ކަމަށާއި އަދި އިގްތިސާދަށް ދިރުމެއް ވެސް ނުލިބޭނެ ކަމަށެވެ. "މިހިސާބަށް ގައުމު ދިޔައީމަ އަޅުގަނޑުމެންގެ ތަޅާފޮޅުމުގައި ރާއްޖެ އަށް ނިކަމެތިކަން އައިސްގެން ނުވާނެ. އެހެންވީމާ ގައުމު މި ހިސާބަށް ދިޔައީމާ އަޅުގަނޑު ގޮތްދޫނުކޮށް ހިފަހައްޓައިގެން ލިސްޓްގައި ސޮއި ނުކޮށް ހުންނަން ބޭނުމެއް ނޫން،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ތަނަވަސް ކަމާއި ހަމަޖެހުން ހޯދައިދީ އިންސާފު ގާއިމު ކުރުމަށެވެ. ސެޕްޓެމްބަރު 7 ގައި ބޭއްވި އިންތިހާބު ބާތިލުކުރަން ހުށަހެޅުއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ މި ފަހަރުގެ އިންތިހާބު ވެސް އިންސާފުވެރިކޮށް ގެންދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާ ގޮތުން އިންތިހާބެއް ބާއްވަން އެ ކޮމިޝަނުން އުޅޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ކޮމިޝަނުން އުޅެނީ ވަކި މީހަކު ވެރިކަމުގައި ބެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނާ އެއްގޮތަށް އިންތިހާބުގެ ކަންކަން ނުދާ ކަމަށް ގަބޫލުކުރައްވާއިރު، މިފަހަރު ނާކާމިޔާބުވެވަޑައިގެންފި ނަމަ ނަތީޖާ ގަބޫލުނުކުރައްވައި ކޯޓަށް ވަޑައިގަންނަވާނަންތޯ ސުވާލު ދެންނެވުމުން ގާސިމް ވިދާޅުވީ އެ ވާހަކަ ދައްކަވަން އެނގިވަޑައިގަންނަވާނީ އެހިސާބަށް ދިއުމުން ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކުރަން އޭރު ވެސް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އިންސާފުން ކަންކަން ގެންދިއުމުގެ ބޭނުމުގަ އެވެ. އޭނާ ވިދާޅުވީ މި ފަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ 100 ޕަސެންޓް ޔާގީންކަން އެބަ އޮތް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ވޯޓުން ހޮވާ މީހެއްގެ ނަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރައްވަފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އިންތިހާބު ކާމިޔާބު ކުރެއްވީ ގާސިމް ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފި ނަމަ އެކަން ގަބޫލުކުރައްވާނަންތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެކަން ކޮށްފި ނަމަ އެއީ މުއުޖިޒާތެއް ކަމަށެވެ. "އަޅުގަނޑުގެ ނަން އޭނާ [އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު] އިއުލާން ކޮށްފިއްޔާ އެއީ ދެން އަޅުގަނޑު ދެކޭނީ މުއުޖިޒާތެއްގެ ގޮތަށް،" ގާސިމް ވިދާޅުވި އެވެ. ނޮވެމްބަރު 11 ގައި ވެރިޔަކު އިންތިހާބު ނުކުރެވިދާނެ ކަމުގެ ބިރު އުފެދި ގައުމު ހާސް ކަމަށް ވެއްޓުނީ ވެސް އިލެކްޝަންސް ކޮމިޝަނުން ކަންކުރި ގޮތުން ކަމަށާއި އޭގެ ކުރިން އިންތިހާބުގެ ދެ ބުރު ބޭއްވުމަށް ޕާޓީތަކުން ހުށަހެޅި ނަމަވެސް އެކަން އެ ކޮމިޝަނުން ގަބޫލު ނުކުރި ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ