މައުމޫން ނުކުމެ ހުންނެވީ ވޯޓުން ވެރިޔަކު ހޮވުމުގެ ސަގާފަތެއް ގާއިމްވިޔަ ނުދިނުމަށް: ނަޝީދު

ރާއްޖޭގައި ރައްޔިތުންގެ ވޯޓަކުން ވެރިޔަކު އިންތިހާބު ކުރުމަށާއި ޑިމޮކްރެޓިކް ނިޒާމެއް ކަށަވަރު ވިޔަ ނުދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މަސަކަތްޕުޅު ކުރައްވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. ޅ. ނައިފަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ އެންމެ މުހިއްމު ވަސީލަތަކީ ވޯޓު ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީއާ އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަނީ ޑިމޮކްރެޓިކް ނިޒާމް ރާއްޖޭގައި ގާއިމްކުރިޔަ ނުދިނުމަށް ކަމަށާއި އެކަމުގައި މައުމޫން ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. "އެ ބޭފުޅުން ގެންދަވަނީ ވޯޓުލިޔަ ނުދެމުން، ވޯޓު ހިފަހައްޓަމުން. ރައީސް މައުމޫނަކީ ދުވަހަކު ވެސް ވޯޓަކުން މޮޅުވެ ވަޑައިގެންފައިވާ ބޭފުޅެއް ނޫން. މި ރަށްރަށުގައި ވޯޓު އެޅުއްވިއިރުގައި 90 ޕަސެންޓުން ކާމިޔާބު ހޯއްދެވީމާ އެއީ މުއުޖިޒާތެއް. އެއީކީ އިންތިހާބެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. މައުމޫންގެ ވެރިކަމުގައި ކޮންމެ ފަހަރަކު ޅ. އަތޮޅުން ވެސް 98 ޕަސެންޓް ލިބިވަޑައިގެންނެވި ނަމަވެސް އެމަނިކުފާނާ އެކު ފުރަތަމަ ފަހަރަށް ވާދަކުރެއްވި ފަހަރު މައުމޫނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ. "ވޯޓުގެ ޒަރިއްޔާ އިން ވެރިކަމެއް ހިންގުމަށް އަޅުގަނޑުމެން ބޭނުންވަނީ ވަރަށް މުހިއްމު ސަބަބުތަކަކަށްޓަކައި. ވަރަށް މުހިއްމު ތަރައްގީގެ ވަސީލަތެއް ވޯޓަކީ،" ނަޝީދު ވިދާޅުވި އެވެ. މައުމޫންގެ ވެރިކަމުގެ ހަ ދައުރު ނިމުނުއިރު ނައިފަރަށް ކޮށްދެއްވުމަށް އެމަނިކުފާނު ވެވަޑައިގެންނެވީ ކޮންވައުދެއްތޯ އަދި ވައުދެއްވެވަޑައިގެންފައިވާ ނަމަ އެ ވައުދު ފުއްދެވިތޯ ނަޝީދު ސުވާލު އުފެއްދެވި އެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީ ނޫން ބަޔަކަށް ޑިމޮކްރެޓިކް ނިޒާމް ނުހިންގޭނެކަން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސާފުވެފައިވާ ކަމަށެވެ. އެމްޑީޕީ ސަރުކާރުން ނައިފަރުގައި ކުރުމަށް ނިންމާފައިވާ ޕްރޮޖެކްޓްތައް މިހާރުގެ ސަރުކާރަށް ކުރިއަށް ނުގެންދެވުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އަމާޒަކީ ރައްޔިތުންނަށް ތަރައްގީ ހޯދައިދިނުމެވެ. ބޯހިޔާވަހިކަމާއި ބޭސްފަރުވާ އާއި އިޖުތިމާއީ ރައްކާތެރިކަމާއި ވަޒީފާގެ ފުރުސަތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެމްޑީޕީގެ އަމާޒު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންތައްތައް އެމްޑީޕީން އޮޅުން ފިލުވާފައިވާ ކަމަށާއި ނައިފަރު ރައްޔިތުން ބޭނުން ވަނީ ބޯހިޔާވަހިކަން ވެސް އެ ޕާޓީ އަށް ސާފު ކަމަށެވެ. އެމްޑީޕީގެ ވެރިކަމެއްގައި ނައިފަރުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ނަޝީދު ވައުދުވެވަޑައިގަތެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ނައިފަރާއި މަޑިވަރު ގުޅާލައި އެތަނުގައި ނައިފަރު ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދެއްވާނެ އެވެ. "އަޅުގަނޑަކީ ފްލެޓް ދޮންބެ. ތިޔަ ބޭފުޅުންނަށް ފްލެޓް ހޯދައިނުދީ އަޅުގަނޑުމެންގެ ފަސް އަހަރު ނިންމައެއް ނުލާނަން. ނައިފަރާއި މަޑިވަރު ގުޅާލަދޭނެ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ