އަބުދުﷲ ގާޒީ ހައްޔަރު ކުރުމަށް ޕީޖީ ވެސް މަސައްކަތް ކުރެއްވި: ޖިނާ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރުމުގެ ކުރިން ވެސް އޭނާ ހައްޔަރު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒާއި ބަންޑާރަ ނައިބާއި ފުލުހުން ގުޅިގެން މަސައްކަތް ކުރި ކަމަށް ފުލުހުންގެ އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ކުރީގެ ހެޑް ސްޕްރިންޓެންޑެންޓް މުހައްމަދު ޖިނާހު ވިދާޅުވެއްޖެއެވެ.
ކޯނީގެ ރިޕޯޓު ދިރާސާ ކުރި ކޮމިޓީގައި ވާހަކަ ދައްކަވަމުން ޖިނާ ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސްގާޒީގެ ނުރައްކާތެރިކަން ފާހަގަ ކުރެވުނީ ހަމައެކަނި ފުލުހުންނަށް ނޫން ކަމަށާއި އެކަން ސީދާ ޕީޖީއަށް ވެސް ފާހަގަ ކުރެވުނު ކަމަށެވެ.
އަދި އޭރު އޭނާ ހައްޔަރު ކުރުމަށް ޕީޖީއާއި އޭޖީއާއި ފުލުހުން ގުޅިގެން އެހެން ކޯޓަކުން އަމުރެއް ހޯދުމުގެ މަސައްކަތް ވެސް ވަރަށް ބޮޑަށް ކޮށްފައިވާނެ ކަމަށް ޖިނާ ވިދާޅުވިއެވެ. ޖިނާ ވިދާޅުވީ އޭރު ފަނޑިޔާރުންނާ ބެހޭ ގާނޫނެއް ވުޖޫދުގައި ނުވެސް ނެތް ކަމަށެވެ. ނަމަވެސް އެހެން ކޯޓަކުން އަމުރެއް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދިޔައީ ފުލުހުންގެ މަސައްކަތް ޕްރޮފެޝަނަލްކޮށް ކުރުމަށް ކަމަށެވެ. ޖިނާ ވިދާޅުވީ ވަރަށް ބޮޑަށް އެމަސައްކަތް ކުރުމަށްފަހު ވަކި ހިސާބަކުން އެމަސައްކަތް މަޑު ޖައްސާލުމަށް ޕީޖީ އެންގެވި ކަމަށެވެ.
އަދި ޕީޖީއަށް ނާނގާ އެމަސައްކަތް އިތުރަށް ކުރިއަށް ނުގެންދިއުމަށް އެންގެވި ކަމަށް ވެސް ޖިނާ ވިދާޅުވެފައިވެއެވެ.
ކޮމިޓީގައި ފުލުހުންނަށް އަބުދުﷲ ގާޒީ ކުރިމަތި ކުރުވަމުން ދިޔަ ފިއްތުންތައް ޖިނާވަނީ ކޮންމެވެސް ވަރަކަށް ހިއްސާ ކުރައްވާފައެވެ.
އެގޮތުން ސީދާ ވަކި ކަންތައްތަކެއް ނުކުރުމަށް މަސައްކަތް ކުރެއްވި ކަމަށާއި ފުލުހުންނަށް ކޯޓު އަމުރުތައް ދިނުމަށް އިންކާރު ކުރެއްވި ކަމަށް ޖިނާ ވިދާޅުވިއެވެ.
އެގޮތުން 2010 ވަނަ އަހަރު މެމްބަރުންތަކެއްގެ މައްސަލަ ބަލަމުން ދިޔަ އިރު ތަފާތު އުނދަގޫތައް ކުރިމަތި ކުރުވި ކަމަށާއި ތިއުޅެނީ 77 މެމްބަރުންނާއި ފަނޑިޔާރުން ހައްޔަރު ކުރަން ހޭ އެއްސެވި ކަމަށް ޖިނާ ވިދާޅުވެފައިވެއެވެ. އަދި އެއް ކިލޯގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރަކަށް އެދުމުން އެކަން ކޮށް ނުދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ޖިނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ