ރައީސް ކަމަށް ކުރިމަތިލުމާ މެދު މައުމޫން ވަކި އެއްޗެއް ވިދާޅެއް ނުވި

"އެ ވަގުތެއް އަދި ނާދޭ" 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ ދެންނެވުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވި އެވެ. ނޫސްވެރިން ތަކުރާރުކޮށް އެ ސުވާލު ދެންނެވުމުން ވެސް އެމަނިކުފާނު އިތުރު އެއްޗެއް ވިދާޅެއް ނުވެ އެވެ. އެމަނިކުފާނު ދެން ވިދާޅުވީ އެކަން ނިންމާނީ "އެ ދުވަސް އައިމަ" ކަމަށެވެ. މައުމޫން އަލަށް އުފައްދަވާ ސިޔާސީ ޕާޓީގެ ނަން އިއުލާން ކުރުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޕާޓީގެ ނަން ވަނީ އިއުލާންކޮށްފަ އެވެ. މައުމޫން އަލަށް އުފައްދަވާ ސިޔާސީ ޕާޓީ ގެ ނަމަކީ "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް" (ޕީޕީއެމް) އެވެ. މައުމޫން ވިދާޅުވީ އެ ނަން އިހުތިޔާރު ކުރެއްވި މައިގަނޑު ސަބަބަކީ އާ ޕާޓީ އަމާޒު ކުރަނީ މިހާރާއި ކުރިމަގުގެ ޖީލަށް ކަމަށް ވާތީ ކަމަށެވެ. އެހެން ނަމަވެސް ވިދާޅުވީ ޕާޓީގެ ކުލައެއް އަދި ކަނޑައަޅާފައި ނުވާ ކަމަށާއި އެކަމާ ދޭތެރޭ ވިސްނަމުން އަންނަ ކަމަށެވެ. "ޕްރޮގްރެސިވް މި ލަފްޒު ބޭނުން ކުރެވެނީ ސަރުކާރުގެ ތެރެއިން އިސްލާހު ކުރުމުގެ މަސައްކަތަށް. ސަރުކާރުގެ ތެރެއިން އެތަނެއްގެ، އެ ގައުމެއްގެ ކަންތައްތައް އިސްލާހު ކުރަމުން ދިއުމުގެ މައްޗަށް މި ބަހުގެ މާނަ އެކުލެވިގެން ވަނީ. އެހެންވީމަ އޭގެ މާނަ އަކީ އަބަދުވެސް ރާއްޖެ އަށް ކުރިއެރުން ހޯދައިދޭ ޕާޓީ އެކޭ. އަބަދުވެސް ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ހޯދައިދޭނެ ޕާޓީއެކޭ. އެހެންވީމަ އަޅުގަނޑުމެން މި ނަން އިހުތިޔާރު ކުރީ،" މައުމޫން އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ ޑީއާރުޕީ ދޫކޮށްލައްވައި އާ ޕާޓީއެއް އުފެއްދެވުމާ ގުޅޭ ގޮތުން މައުމޫން ވިދާޅުވި އެވެ. ސިޔާސީ ކަންކަމާ ދުރަށް ވަޑައިގެންނެވި ކަމަށް ޖެނުއަރީ ،25 2010 ގައި މައުމޫން އިއުލާން ކުރައްވާފައިވާއިރު އާ ޕާޓީއެއް އުފެއްދެވުމަކީ ސިޔާސީ ކަންކަމުގައި އަމަލީ ގޮތުން އުޅުއްވުން ނޫންތޯ ދެންނެވުމުން މައުމޫން ވިދާޅުވީ ސިޔާސީ ކަންކަމާ ދުރަށް ވަޑައިގެންނެވި ކަމަށް އިއުލާން ކުރެއްވީ، ވަކި ހަމަތަކަކާއި ވަކި އުސޫލުތަކެއްގެ މަތިން ޑީއާރުޕީ ހިނގަމުންދާނެ ކަމަށް ޔަގީން ކުރައްވާފައި ކަމަށެވެ. "އެހެން ނަމަވެސް ދަންނަވާލަން ޖެހޭ ހަގީގަތަކީ އިއްޔެ ވެސް އަޅުގަނޑު ހުރީ އަދި އިއްޔެ އާ ޖެހެންދެން އަޅުގަނޑު ހުރީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީގެ އެންމެ މަތީ މަގާމުގައި. އެހެންވީމަ ސިޔާސީ ޕާޓީއެއްގެ އެންމެ މަތީ މަގާމުގައި ހުރި މީހަކީ، ކިހިނެއްތޯ ބުނާނީ އެއީ ސިޔާސީ ކަންތަކުގައި ނޫޅޭ މީހެކޭ. އެހެންވީމަ އިއްޔެ އާ ހަމައަށް ވެސް މި އޮތީ ސިޔާސީ ކަންތައްތަކުގައި އެގޮތަށް އުޅެފައި. ދެން މިއަދު އަޅުގަނޑު އާ ޕާޓީއެއް އުފައްދަން މި މަޖުބޫރުވީ ގައުމުގެ ހާލަތު އޮތްގޮތުން. ގައުމަށް މި ނޫން ގޮތެއް ހޯދައިދޭން ކޮންމެހެން ބޭނުންވާތީ،" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ އާ ޕާޓީ އުފައްދަވަނީ އެއީ "ގައުމީ ވާޖިބެއް" ކަމުގައި ދެކެވަޑައިގަންނަވާތީ ކަމަށެވެ. އަދި ވިދާޅުވީ އާ ޕާޓީ ހިނގަމުންދާނީ ލީޑަޝިޕުން ނުވަތަ މަތިން އަމުރު ކުރާ ގޮތަށް ނޫން ކަމަށާއި ލީޑަޝިޕުން އަމުރުކުރާ ގޮތަށް އަމަލު ނުކުރާ މެމްބަރުން ވަކި ކުރެވޭ ގޮތަށް ނޫން ކަމަށެވެ. ދި ޓީވީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މައުމޫން ވިދާޅުވީ އާ ޕާޓީ އުފައްދަވަނީ ވަކި މީހެއްގެ މަސްލަހަތަށް ނުވަތަ ވަކި މީހަކު ކުރިއަރުވަން ނޫން ކަމަށެވެ. އަދި ޕާޓީގެ ހުރިހާ މެމްބަރުންނަށް ހަމަހަމަ ފުރުސަތުތައް ލިބިގެންދާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި އާ ޕާޓީގެ ފަރާތުން 2013 ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ބޭފުޅަކު ކަނޑައަޅާނީ ރިޔާސީ ޕްރައިމަރީ އަކުން ކަމަށާއި ޑިމޮކްރެޓިކް އުސޫލާ ހިލާފަށް އެއްވެސް ކަމެއް ހިނގަމުން ނުދާނެ ކަމަށެވެ. " 2013 ވަނަ އަހަރު އަންނަ ރިޔާސީ އިންތިހާބު އިރާދަކުރެއްވިއްޔާ މި ޕާޓީން ކާމިޔާބު ކުރާނެ. ރިޔާސީ އިންތިހާބަށް ކުރިމަތިލާނީ ކާކުކަން މިއަދަކު އަޅުގަނޑުމެންނަކަށް ނޭނގޭ. އެކަން ނިންމާނީ ވަރަށް އިންސާފުވެރި ގޮތެއްގައި ޕާޓީގެ ތެރޭގައި ބޭއްވޭ ޕްރައިމަރީ އަކުން. ހުރިހާ މެމްބަރުންނަށް ވެސް ކުރިމަތިލެއްވުމުގެ ފުރުސަތު ވެސް އޮންނާނެ. ވަރަށް މިނިވަންކަމާއި އިންސާފުވެރިކަމާއެކުގައި ބޭއްވޭ ޕްރައިމަރީ އަކުން ހޮވޭ ބޭފުޅަކު އަޅުގަނޑުމެންގެ ޕާޓީގެ ނަމުގައި ރިޔާސީ އިންތިހާބުގައި އިރާދަކުރެއްވިއްޔާ 2013 ވަނަ އަހަރު ކުރިމަތިލައްވާނެ. އަދި އަޅުގަނޑު ޔަގީންކުރާ ގޮތުގައި އެ ކުރިމަތިލައްވާ ބޭފުޅަކު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހޮވި ވަޑައިގަންނަވާނެ،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ