ނިހާދުގެ ކެންޑިޑެސީ ބާތިލްކުރުމާ މެދު މާދަމާ ކޯޓުން ގޮތެއް ނިންމަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ފޭދޫ ދާއިރާއަށް ވާދަކުރާ މުހައްމަދު ނިހާދުގެ ކެންޑިޑެސީ ބާތިލް ކުރުމާ މެދު މާދަމާ ގޮތެއް ނިންމުމަށް ސިވިލް ކޯޓުގައި ތާވަލްކޮށްފި އެވެ. ނިހާދުގެ ކެންޑިޑެސީ ބާތިލްކުރަން ހުށަހެޅީ އެ ޕްރައިމަރީގައި ނާކާމިޔާބުވެ ވަޑައިގަތް އަދި މިހާރުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އެވެ. އޭނާ އެ މައްސަލަ ހުށަހެޅުއްވީ އެ ޕްރައިމަރީގައި ގަވާއިދާ ޚިލާފް ކަންތައްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކޮށެވެ. އެ މައްސަލައިގެ ހުރިހާ އަޑުއެހުންތައް ކޯޓުން ވަނީ ކުރިން ނިންމާލައިފަ އެވެ. އަލްހާންގެ ވަކީލް އަދި އޭނާގެ ކޮއްކޮ ނޫރުބާން ފަހުމީ މިއަދު ވިދާޅުވީ އެ މައްސަލަ އޮތީ މާދަމާ މެންދުރުފަހު 3:00 ގައި ކަމަށާއި އެ މަޖިލީހުގައި ހުކުމް އިއްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަލްހާން އެ މައްސަލަ ހުށަހެޅީ ޕާޓީގެ އިސްތިއުނާފް ކޮމެޓީއަށް ނުގޮސް ކަމަށްވާތީ އެ މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެމްޑީޕީން ވަނީ އިޖްރާއީ މައްސަލައެއް ސިވިލް ކޯޓުގައި ފާހަގަކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. ނިހާދުގެ ކެންޑިޑެސީ ބާތިލް ކުރުމަށް އަލްހާން ހުށަހެޅުއްވިއިރު އަމިއްލަ ގޮތުން އަލްހާން ވަނީ ފޭދޫ ދާއިރާއަށް ކުރިމަތިލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ