މެމްބަރު އާޒިމާއި ނާޝިޒުގެ މައްސަލަ ސްޕްރީމް ކޯޓުގައި އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޑީއާރުޕީގެ ދެ މެންބަރުން ކަމަށްވާ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް މެންބަރުކަމުން ވަކިވެއްޖެކަމަށް ކަނޑައަޅައިދިނުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަންނަ އަންގާރަ ދުވަހަށް އެޖެންޑާކޮށްފި އެވެ.
ވީނިއުސްއަށް މިރޭ މައުލޫމާތު ދެއްވަމުން މިމައްސަލަ ކޯޓަށް ހުށަހަޅާފައިވާ ޖުމްހޫރީ ޕާޓީގެ ލީގަލް އެންޑް ޕޮލިސީ ކޮމެޓީގެ މެންބަރު ނ. ވެލިދޫ އެލްޕާސޯ، މުހަންމަދު ހަލީމް ވިދާޅުވީ އަންނަ އަންގާރަ ދުވަހަށް މައްސަލަ އެޖެންޑާކޮށްފައިވާ ކަމަށާއި، އެދުވަހު ކޯޓަށް ވަޑައިގަތުމަށް ސްޕްރީމް ކޯޓުން އޭނާއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ސްޕްރީމް ކޯޓުގެ ވެބްސައިޓުގައި މިމައްސަލަ އަންނަ އަންގާރަ ދުވަހަށް އެޖެންޑާކޮށްފައިވާ ކަން ފެންނާކަށްނެތެވެ.
މެންބަރު ނާޝިޒާއި އާޒިމުގެ ގޮނޑިއާއި މެދު ސުވާލު އުފައްދާ އެމައްސަލަ އަމިއްލަ ފަރާތަކުން ސްޕްރީމް ކޯޓަށް ހުށަހަޅާފައި މިވަނީ މިދެބޭފުޅުން ގެރެންޓީ ދެއްވައިގެން ފުނައްޑޫ ޓޫނާ ޕްރޮޑަކްސްޓްސްއިން ނަގާފައިވާ ފަސް ލޯނަކަށް ބަރާބަރަށް ފައިސާ ދައްކަމުން ނުދާތީ މިދެބޭފުޅުންވެސް ޒިންމާވާންޖެހޭ ސާބިތު ދަރަންޏެއް އޮތް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ. އަދި އެހުކުމަށް ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފަ އެވެ.
ބެންކް އޮފް މޯލްޑިވްސްއިން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްއަށް ދޫކޮށްފައިވާ ފަސް ލޯނުގެ ތެރޭގައި ހިމެނެނީ ތިރިސް ފަސް މިލިއަން ނުވަލައްކަ އައްޑިހަހާސް ރުފިޔާގެ ޑިމާންޑް ލޯނަކާއި، ތިން މިލިއަން ފަސްލައްކަ ޑޮލަރުގެ ޑިމާންޑް ލޯނަކާއި، ދިހަ މިލިއަން ދެލައްކަ އައްޑިހަހާސް ރުފިޔާގެ އޯވަރޑްރާފްޓް ފެސިލިޓީއަކާއި، ބާރަ މިލިއަން ރުފިޔާގެ އޯވަރޑްރާފްޓް ފެސިލިޓީއަކާއި ބާރަ މިލިއަން ރުފިޔާގެ އޯވަރޑްރާފްޓް ފެސިލިޓީއެކެވެ.
މިފަސްލޯނަށް ސަތޭކަ ސަތާރަ މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ދެހާސް ދިހަވަނަ އަހަރު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. މިލޯނުތަކަށް މެންބަރު ނާޝިޒާއި އާޒިމްގެ އިތުރުން ގެރެންޓީ ދީފައިވަނީ މ.ރަފީގުގޭ އަހްމަދު ރަޝީދާއި ރީތި ބީޗް ޕްރައިވެޓް ލިމިޓެޑާއި ކަނބާލިފަރު އިންވެސްޓްމަންޓްގެ ފަރާތުންނެވެ.
ގާނޫނު އަސާސީގެ 73ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ނުދައްކާކަމަށް ސާބިތުވެއްޖެނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 74ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރަންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރަކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެމައްސަލައެއް ބަލާ ގޮތެއް ކަނޑައަޅާނީ ސްޕްރީމް ކޯޓުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ