"ހަވީރު"ގެ ޚާއްސަ ނޫސްބަޔާން

"ހަވީރު" ގެ ކިޔުންތެރިންނަށް ޖެނުއަރީ 1، 1979 ގައި ނެރެން ފެށި މި ނޫހަށް މިއަދު 35 އަހަރު ފުރުނީ އެވެ. މެދުކެނޑުމެއް ނެތި ރާއްޖޭގައި އެންމެ ގިނަ ދުވަހު ނެރުނު ނޫހަށް "ހަވީރު" ވީ ކިއުންތެރިންނާއި މުވައްޒަފުންނާއި ވިޔަފާރިވެރިންގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކުގަ އެވެ. ކިޔުންތެރިން ކޮންމެ ދުވަހަކު ވެސް "ހަވީރު" ކިޔަން ބެހެއްޓި ޝައުގުވެރިކަމެވެ. ތަފާތު އަހަރުތަކުގައި އެއިރަކު ތިބި މުވައްޒަފުން ވަރުބަލިވުމެއް ނެތި ކުރި މަސައްކަތްތަކެވެ. ވިޔަފާރިވެރިން ޔަގީންކަމާ އެކު ޖެހި އިސްތިހާރުތަކެވެ. "ހަވީރު" ދުނިޔޭގެ އަލިކަން ދުށީ ނޮވެލްޓީ ޕްރެސްގައި ހިލޭ ކޮށްދިން ޗާޕުންނެވެ. ރާއްޖޭގައި އޮފްސެޓް ޗާޕުކޮށްގެން ނެރުނު އެންމެ ފުރަތަމަ ދުވަހު ނޫހަށް "ހަވީރު" ވީ ނޮވެލްޓީގެ ވެރިޔާ އަލީ ހުސެންގެ ދީލަތި އެހީ އާއި ނޫހެއް ނެރުއްވަން އޭނާގެ ވެސް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އުމުރުން 35 އަހަރު ހޭދަ މިކުރެވުނީ މި ނޫހުގެ ފުރަތަމަކޮޅު އެފަދަ އެތަކެއް ބޭފުޅުން، ވިޔަފާރީގެ ފައިދާ އަށް ވުރެ، ނޫސްވެރިކަމުގެ މުހިންމުކަން އިސްކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ގަބޫލުކުރަމެވެ. މިދިއަ އަހަރުތަކުގައި "ހަވީރަ"ށް ވަނީ ބޮޑެތި ކުރިއެރުންތަކެއް، ޒަމާނީ ތަރައްގީ އާއި ޓެކްނޮލޮޖީގެ ސަބަބުން ލިބިފަ އެވެ. ހަމައެކަނި ޗާޕްކޮށްފައި އޮންނަ ނޫހެއްގެ ބަދަލުގައި އިންޓަނެޓް މެދުވެރިކޮށް ޚަބަރާއި މައުލޫމާތު ފެތުރުމަށް "ހަވީރު އޮންލައިން" 1996 ގައި އުފެއްދި ފަހުން ނޫހުގެ މަގުބޫލުކަން އެތައް ތަނެއް މައްޗަށް ދިޔަ އެވެ. މިއަދު "ހަވީރަ"ކީ އޭގެ އޮންލައިނާއި ޗާޕް އަދަދުގެ ސަބަބުން ދިވެހިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ މީޑިއާއެއްކަން އަޅުގަނޑުމެން ގަބޫލުކުރަނީ އުފަލާ އެކުގަ އެވެ. "ހަވީރު" ގަންނަން މިދިއަ އަހަރު ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. އަދި "ހަވީރު" ވިއްކާލަން މެނޭޖްމަންޓުން ނިންމި ވެސް މެ އެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ ކިއުންތެރިން މާޔޫސްވެ، ޝަކުވާ ވެސް އުފުލި އެވެ. "ހަވީރާ" އެހާ ބޮޑަށް ގުޅިފައިވާ ކިއުންތެރިންނާއި ވިޔަފާރިވެރިން ތިބުމުން އެކަމާ މިއަދު އަޅުގަނޑުމެން ފަޚުރުވެރިވަމެވެ. "ހަވީރު" އާ އަހަރަކާ މި ކުރިމަތިލަނީ، ފާއިތުވި މާޒީގެ ތަޖުރިބާގެ އަލީގައި ހަވީރުގެ ޒުވާން އާ ޖީލެއް އުފެއްދުމުގެ އުންމީދުގަ އެވެ. "ހަވީރު" ވިއްކާލަން ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭ ގޮތް ނުވުމުގެ ނަތީޖާއަކަށް ވީ، ނޫސް ވިއްކާލުމުގެ މަސައްކަތް ހުއްޓާލުމެވެ. އެހެންކަމުން އޭގެ ބަދަލުގައި، އާ އަހަރަކާ މިކުރިމަތިލަނީ މީޑިއާގެ އިތުރު ތަރައްގީތަކެއް "ހަވީރު"ގެ ނަމުގެ ތެރެއިން ރައްޔިތުންނަށް ދެއްކިދާނެކަމުގެ އުއްމީދުގަ އެވެ. އަހަރީ ދުވަހު އަޅުގަނޑުމެން ދުވަހަކު ވެސް ކިއުންތެރިންގެ މަތިން ހަނދާނެއް ނުނެތޭނެ އެވެ. އެކި ދުވަސްވަރު މަސައްކަތްކޮށްދެއްވި ހީވާގި މުވައްޒަފުންގެ މަތިން ހަނދާނެއް ނުނެތޭނެ އެވެ. ރާއްޖޭގައި ވެރިކަން ކުރި އެކި ސަރުކާރުތަކުން ދިން އެއްބާރުލުން ހަނދާނެއް ނުނެތޭނެ އެވެ. އަދި އެންމެ ޚާއްސަ ގޮތެއްގައި، ވިޔަފާރިވެރިން ބެހެއްޓި ގާތްކަމާއި އިތުބާރު ހަނދާނެއް ނުނެތޭނެ އެވެ. އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދެންނެވުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި އޮތް ދަރަންޏެކެވެ. އެ ދަރަނި މި އަދާކުރަނީ ނޫސްވެރިކަމުގައި "ހަވީރު"ގެ ނަން މިހާރަށް ވުރެ ވެސް މަގުބޫލުކުރެވެން އޮތް ކޮންމެ މަސައްކަތެއް، ވަރުބަލިވުމެއް ނެތި، ކުރުމުގެ ނިޔަތާ އެކުގަ އެވެ. "ހަވީރު"ގެ އައު ޖީލަށް އަޅުގަނޑުމެން "ހަވީރު" މި ހުޅުވާލަނީ އެއްވެސް ހިފެހެއްޓުމެއް ނެތި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލިޔުންތެރިންނާއި މުރާސިލުން އުފެއްދުމުގެ ބޭނުން ދަނެގެންނެވެ. ރާއްޖޭގެ ނޫސްވެރިކަން ކޮންމެ އަތޮޅަކަށް ކޮންމެ ރަށަކަށް ވާސިލް ކުރުމުގެ ނިޔަތުގަ އެވެ. ޖެނުއަރީ 1، 2014 ޗެއާމަން މުހައްމަދު ޒާހިރު ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ