ކ. ތުލުސްދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ފަނޑިޔާރުންނާ ބެހޭ ގޮތުން ރައީސްގެ އެޑްވައިޒަރު އިބްރާހިމް އިސްމާއިލް (އިބްރާ) ދެއްކެވި ވާހަކަތަކަކީ ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓުމަށް މަގުފަހިކޮށްދޭ އަމަލެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން އޭނާ އަށް ރައްދު ދީފި އެވެ.
ސުޕްރީމް ކޯޓުން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އޭނާގެ ވާހަކަތަކަކީ ގާނޫނުއަސާސީން ރައްކާތެރިކަމާއި ހިމާޔަތް ލިބިދީފައިވާ ކޯޓުތަކާއި އެ ކޯޓުތަކުގެ ފަނޑިޔާރުންގެ މަގާމުގެ ހައިސިއްޔަތާއި ގަދަރަށް އިހާނާތް ރައްދުވާ ވާހަކަތަކެއް ކަމަށާއި އަދި ރައްޔިތުން ނިކުމެ، ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މަސައްކަތް ގާނޫނާ ހިލާފަށް ހުއްޓުމަކަށް ގެނައުމަށް ހިތްވަރުދޭ ވާހަކަތަކެއް ކަމަށެވެ.
"... ދިވެހި ދައުލަތް ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގެނައުމަށްޓަކައި އެއްވެސް ކަމެއް ކުރުމަކީ އެއްވެސް އޮޅުމެއްނެތް ގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލުން ކަމަށްވާތީއާއި، އަމިއްލަ ފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކުކަމުގައިވިޔަސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒް ފޯރުވާ ހަދައިގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ސާފުބަހުން ކަނޑައަޅާ ބަޔާންކޮށްފައިވާތީއާއި، ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދީ ކޯޓުތަކަށް އެހީތެރިވާން ވާނެކަމަށް ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ )ރ( ގައި ސާފުބަހުން ބުނެފައިވާތީއާއި، ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ކޯޓުތަކާއި އެ ކޯޓުތަކުގެ ފަނޑިޔާރުންނަށް އިޙާނާތްތެރިވުމަކީ ޤާނޫނީގޮތުން ހުއްދަ ޢަމަލެއް ނޫން...،" ބަޔާނުގައި ވެ އެވެ.
ބަޔާނުގައި އަދި ބުނެފައި ވެ އެވެ: "މއ. ބޯގަންވިލާ އިބްރާހިމް އިސްމާޢީލް މިހިނގާ ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހުގެރޭ ކ. ތުލުސްދޫގައި ބޭއްވި ޢާއްމު ޖަލްސާއެއްގައި ދެއްކިކަމަށް ޚަބަރުފަތުރާ ބައެއް ވަޞީލަތްތަކުން ހާމަކޮށްފައިވާ ވާހަކަތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިމިޤްރާތީ އުޞޫލުތަކާއި ޚިލާފަށް ދިވެހި ޖުމްހޫރީ ދައުލަތުގެ އަމަންއަމާންކަމާއި ސަލާމަތްތެރިކަން ގެއްލި، އަދި މުޅި ޤައުމު ހަލަބޮލި ކަމެއްގެތެރެއަށް ވެއްޓިގެން ދިއުމަށް މަގުފަހިކޮށްދޭފަދަ ޢަމަލަކަށްވާތީ، ޤާނޫނުގެ ވެރިކަން ހިނގާ މިނިވަން ދިމިޤްރާތީ މުޖްތަމަޢުއެއްގައި އެފަދަ ވާހަކަ ދެއްކުމަކީ، ތަހުޒީބާއި ތަމައްދުންގެ އުޞޫލުތަކާއި ޚިލާފަށް ދިވެހި މުޖްތަމަޢުގައި އެފަދަ އެއްވެސް ޣައިރު ޤާނޫނީ ޢަމަލެއް ހިންގުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ތަންނުދޭކަން ހަނދުމަފުޅުކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުން ހިފާއިރު، އެއްވެސް ސަބަބަކަށްޓަކައި ދިވެހިރާއްޖޭގައި ޤާއިމްވެފައިވާ ދިމިޤްރާތީ ނިޒާމާއި ދިމިޤްރާތީ މުޢައްސަސާތަކާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ހައްޤުތަކަށް އުނިކަމެއް ލިބިދާނެފަދަ އެއްވެސް ޢަމަލަކަށް ދިވެހިރާއްޖޭގައި ފުރުޞަތު ލިބިނުދެވޭނޭ ކަމުގެ ޔަޤީންކަން ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ކަށަވަރުކޮށްދެމެވެ."
"ތުލުސްދޫ ޒުވާނުން ހެސް ކިޔާފައި އެމްޑީޕީއަށް" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރާއްޖެ އަށް ގެންނަން ހުރި އިސްލާހުތައް އަދިވެސް ވަރަށް ގިނަ ކަމަށާއި އަދުލް އިންސާފުގެ ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އިބުރާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ފަނޑިޔާރުން ހުކުމް ކުރައްވަމުން އެ ގެންދަވަނީ ހިތު ހުރި ގޮތަކަށް ކަމަށާއި އެ ބޭފުޅުން ހަމައަކަށް އެޅުވޭނީ ރައްޔިތުން ނުކުމެގެން ކަމަށެވެ.
"ތިން ވަނަ ބާރު. ފަނޑިޔާރުން. ހިތު ހުރި ގޮތަކަށް ހުކުމް ކުރަމުން އެ ދަނީ. މިކަމާ އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް ކުޑައެއް ނޫން އެއްގޮތަކަށް ވެސް،" އިބްރާ ވިދާޅުވެފައިވެ އެވެ. "މައުމޫން ވެރިކަމުން ބޭލުވީ ވެސް ރައްޔިތުން ނުކުމެގެން. މި ފަނޑިޔާރުންގެ ކަންތައް ހަމައަކަށް އެޅުވޭނީ ވެސް ރައްޔިތުން ނުކުމެގެން."
އިބްރާ އެހެން ވިދާޅުވެފައިވާތީ އެ މައްސަލަ ބަލައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ވެސް ނިންމައިފަ އެވެ.
އިބްރާ ދެއްކެވި ވާހަކަތަކަށް ސުޕްރީމް ކޯޓުން ރައްދު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ