މައުމޫން ޕާޓީ އުފައްދަނީ ތަސްމީނަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ނުހިއްޕެވުމުން: ޑރ. ޑީޑީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީން ވަކިވެވަޑައިގެން އަމިއްލަފުޅަށް ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ "ތަސްމީނަށް ލިބުނު ރަނުގެ ފުރުސަތު ބޭނުން ނުކުރެއްވުމުން" ކަމަށް ގަބޫލްކުރައްވާ ކަމުގައި އެމްޑީޕީގެ ރައީސް އަދި ފިޝަރީޒް މިނިސްޓަރު އިބްރާހިމްދީދީ (ޑރ. ޑީޑީ) ރޭ ވިދާޅުވެއްޖެ އެވެ.
ޑރ. ޑީޑީ ވިދާޅުވީ ޑީއާރުޕީ ހިންގެވުމަށް ތަސްމީނަށް ލިބިވަޑައިގެންނެވި ފުރުސަތުގެ ބޭނުން ރަނގަޅަށް ހިއްޕެވުނު ނަމަ ތިން ޑެޕިއުޓީ ލީޑަރުން އެ ޕާޓީން ވަކިވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ.
"ތިން ޑެޕިއުޓީ ލީޑަރުން [ޑީއާރުޕީ ދޫކޮށް] ދާނީ މައްސަލަތަކެއް ހުރެގެން ކަމަށް ގަބޫލްކުރެވޭ،" ޑރ. ޑީޑީ ވިދާޅުވި އެވެ.
މައުމޫން ޕާޓީއެއް އުފެއްދެވުމަކީ އެމްޑީޕީ ކަންބޮޑުވާނެ ކަމެއް ނޫން ކަމަށާއި ނަމަވެސް ކަންބޮޑުވަނީ ޅަފަތުގައި އޮތް ޑިމޮކްރަސީ އަށް އެކަމުން ގެއްލުމަކަށް ވެދާނެތީ ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.
"ހުދުމުހްތާރު ގޮތުގައި ވެރިކަންކޮށްފައި ހުރި ބޭފުޅަކު، ޑިމޮކްރަސީގެ ޅަފަތުގައި ނުކުންނެވުމަކީ ސިޔާސީ މައިދާނަށް ހަލަބޮލިކަން އަންނާނެ ކަމެއް. އަތޮޅުތަކުގެ ގިނަ ކައުންސިލްތައް އޮތީ ޑީއާރުޕީ އަށް. މައުމޫންގެ ޕާޓީއާއެކު އެ ކަންކަމަށް ވެސް ވަރަށް ބޮޑު ބަދަލެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.
ޑރ. ޑީޑީ ވިދާޅުވީ އެމްޑީޕީން އަބަދުވެސް ބޭނުންވަނީ ވާދަވެރި ސިޔާސީ ޕާޓީއެއް އޮތުން ކަމަށާއި ނަމަވެސް ޑީއާރުޕީގެ ދުޅަހެޔޮކަމެއް ނެތް ކަމަށެވެ. އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ މަގާމް އެ ޕާޓީ އަށް ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑީއާރުޕީ އަކީ ސިޔާސީ "ދަތެއް ނެތް" ޕާޓީއެއް ކަމަށް ސިފަކުރައްވައި މައުމޫން އިއްޔެ ވަނީ ތަސްމީނަށް އިސްތިއުފާގެ ސިޓީ ފޮނުއްވައިފަ އެވެ.
މައުމޫންގެ ސިޓީގެ ޖަވާބުގައި ތަސްމީން ހަމަ އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވީ ޑީއާރުޕީގެ އެންމެ ޝަރަފުވެރި މަގާމު މައުމޫނަށް އަރުވާފައިވީ ނަމަވެސް އެ ޝަރަފުގެ ހަގީގީ ދައުރާއި ހައިސިއްޔަތު މައުމޫނަށް ގަބޫލުކުރެއްވިފައި ނުވާކަން މިދިޔަ ދުވަސްތަކުގެ އަމަލުތަކުން ސާބިތުވާ ކަމަށެވެ. އަދި ލީޑަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ވެސް މައުމޫން މަސައްކަތްކުރައްވާފައި ވަނީ ޕާޓީގެ ހިންގުން އެ މަނިކުފާނުގެ އަތްޕުޅުމަތީގައި ބޭއްވުމަށް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ