ނަހުލާގެ ދިފާއުގައި ގާސިމް: އައިޝާއަށް މަގާމު ލިބުނީ ގާސިމްގެ އަންބަކަށް ވެގެނެއް ނޫން

އައިޝަތު ނަހުލާއަށް މިނިސްޓަރުކަން ލިބިވަޑައިގެންނެވީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނަށް ވީތީ ނޫން ކަމަށް ވިދާޅުވެ އެކަމަނާގެ ދިފާއުގައި ފިރިކަލުން ވާހަކަ ދައްކަވައިފި އެވެ.
ވަޒީރުކަން ލިބިވަޑައިގެންނެވީ ގާސިމްގެ އަނބިކަނބަލަށް ވުމުންތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ނަހުލާ ވިދާޅުވީ ވަކި މީހެއްގެ އަންބަކަަށް ވެގެން ކެބިނެޓުން ޖާގަ ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކެބިނެޓަށް ވަޒީރަކު އައްޔަން ކުރާނެ ކަމަކަށް ވަކި މީހެއްގެ އަންބަކަށް ވެގެން،"
އެ ކަމާއި ގުޅިގެން އައިޝާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ގާސިމް މިއަދު ވަނީ ވާހަކަދައްކަވާފައެވެ. ނޫސްވެރިންނަށް އެމަނިކުފާނު ފޮނުއްވެވި މެސެޖެއްގައި ވަނީ ގާސިމްގެ އަނބިކަނބަލަކަށް ވެގެން އެއްވެސް ވަޒީފާއެއް ދޭން ޖެހޭ ގޮތަށް ގާނޫނު އަސާސީގައި އޮތްތޯ ސުވާލު ކުރައްވާފައެވެ. އަދި ގާސިމްގެ އަނބިކަނބަލަކަށް ވެގެން ދެއްވަން ޖެހޭ ވަޒީފާއެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
"އައިޝާ [މިނިސްޓަރު] އަކީ ކަންކުރެވޭނެ ހިތްވަރު ހުރި އަދި ވިސްނުންތެރި، ކުޅަދާނަ، ތެދުވެރި، ތައުލީމީ، އަދަބުވެރި، ކިޔަމަންތެރި، ގާބިލް ބޭފުޅެއްކަން ގާސިމް އަށް ޔަގީން ވާތީ އެކަމަނާ އެދިވަޑައިގެންނެވި ވަޒީފާ ދެއްވުމަށް ޖޭޕީގެ ފަރާތުން އަޅުގަނޑު ރައީސަށް ހުށައެޅީ. އެ މަގާމު ރައީސް ދެއްވީ އެކަމަނާގެ ގާބިލްކަން ރަނގަޅަށް އެނގިވަޑައިގެންފައިވާތީކަން ކަށަވަރު. އެއީ ގާސިމްގެ އަންބަކަށް ވެގެނެއް ނޫން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސަށް އެކަން އެނގިވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި އައިޝާ ކުރެއްވި ދަތުރުތަކުގައި އައިޝާ އެކި ސްޓޭޖްތަކުގައި ދައްކަމުން ގެންދެވި ވާހަކަތަކުގައި ހުރި ހަރުދަނާ ކަމާއި ކުރެއްވި ހިތްވަރާއި އަހުލާގު އަދި ތެދުވެރިކަން އެނގިވަޑައިގަތުމުން ކަމަށެވެ.
"އައިޝާއަށް މަގާމު ދެއްވީ ވަކި މީހެއްގެ އަންބަކަށް ވެގެންނޫން ކަމަށް އައިޝާ ވިދާޅުވީމަ އެ ބަހުގައި ހިފައިގެން އެކޮޅަށް ދަމާ މި ކޮޅަށް ދަމާ ހަދަމުން ތިޔަ ގެންދަވަނީ ހަމަ 'ހަޖަމް' ނުކުރެވިގެން ދޯ؟ އަދި ހުރި ދުޝްމިނު ކަމުން ނޫން ކޮން ކަމެއްބާ ތިޔައީ، ވީމާ ތިޔަ ގޮތަށް އެކަކާވެސް ދިމާކޮށް ކޮޅުކޮޅަށް ދެމުން ވަގުތުން ހުއްޓާލެއްވުމަށް ނަސޭހަތްތެރިވަން،" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ