ޑްރަގް ވިއްކާ މީހުންގެ މޫތަށް ދައުލަތުގެ ތެރޭގައި ފުންކޮށް އެބައޮތް: އުމަރު

ޑްރަގް ވިއްކާ މީހުންގެ މޫތަށް ދައުލަތުގެ ތެރެއަށް ފުންކޮށް އެބައޮތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ފަޅުރަށެއް ކަމަށްވާ ގދ. ހުޅުވާރުލުން 2019 ވަނަ އަހަރު އަތުލައިގަތް 149 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާކޮށްފައިވާ ފަސް މީހުންގެ މައްސަލަ ގދ. ގައްދޫ ކޯޓުން ބޭރުކޮށްލި މައްސަލަ އިސްތިއުނާފް ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިސްތިއުނާފް ނުކުރަން ނިންމުމުންނެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރި ނަމަވެސް އެކަމާ ގުޅިގެން އަޅަންޖެހޭ އެހެން ފިޔަވަޅުތައް ދިރާސާކުރަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅިގެން އުމަރު މިރޭ ވިދާޅުވީ މި މައްސަލައިން ދައްކުވާދެނީ މަސްތުވާ އެއްޗެތި އެތެރެކޮށް ވިއްކާ މީހުންގެ މޫތަށް ދައުލަތުގެ ތެރެއަށް ފައިބައިފައިވާ ފުންމިން ކަމަށާއި އަދި އޭގެ ސަބަބުން ޤާނޫނު ތަކުގެ ބާރުކެޑިފައިވާ މިންވަރު ކަމަށެވެ.
މި މޫތަށް ކަނޑާލާ، ދައުލަތް ސަލާމަތް ކުރެވޭނީ ޤައުމަށް އިޚުލާސްތެރި، ހަރުދަނާ، އަޒުމް ވަރުގަދަ ވެރިކަމެއް ޤާއިމް ކުރެވިގެން ކަމަށް އުމަރު ވިދާޅުވިއެވެ.
"އިރާދަ ކުރެއްވިއްޔާ އެދުވަސް ދިވެހިން ދެކޭނެ. މަސްތުވާ އެއްޗެތީގެ ނުރައްކަލުން އާއިލާތައް ސަލާމަތް ކުރެވިފައިވާ މުޖްތަމަޢެއް ދިވެހިން ދެކޭނެ" އުމަރު ވިދާޅުވިއެވެ.
މި މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލާފައިވަނީ ދައުވާކުރުމަށް ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުން ދައުވާ ކޮށްފައިވާކަމަށް ބުނެ އެވެ.
މި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާއިރު ފަސްވަނަ މީހާގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. މި ތަކެތި ފުލުހުން 2019 ވަނަ އަހަރު އަތުލައިގެންފައި ވަނީ އެ ރަށުގައި ވަޅުލާފައި ހުއްޓަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ