ގަރީނާގެ ގޮތުގައި ޑީއެންއޭ ބެލޭނެ: މައުމޫން

ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލޭނެ ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޒިނޭކޮށްގެން ލިބޭ ދަރިންގެ ބައްޕަ ދެނެގަތުމަށް ޑީއެންއޭގެ ބޭނުން ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމެއްގައިވެއެވެ. އަދި 2018 ވަނަ އަހަރު އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވަނީ ޒިނޭކޮށްގެން ހޯދާ ދަރީންގެ ބައްޕަ ދެނެގަތުމަކީ ހަރާމް ކަމެއް ކަމަށް ކަނޑައަޅައިފައެވެ. ހައި ކޯޓުން ހުކުމް ކޮށްފައިވަނީ ފަތުވާ މަޖިލީހުގެ އެ ފަތުވާގެ މައްޗަށް ވެސް ބުރަވެއެވެ.
ޑީއެންއޭ މައްސަލައިގައި ބަހުސް ކުރެވެމުންދާ ދަނޑިވަޅެއްގައި ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަމެއް ދެނެގަނެވޭނެ ގޮތް އިސްލާމީ ޝަރީއަތުގައި އަންގަވާފައި އޮތުމަކީ އެނޫން ގޮތްގޮތުން އެކަން ދެނެގަތުން މަނާކުރާ ކަމެއް ނޫން ކަމަށެވެ.
"އިރު ހިނގާގޮތް ބަލައިގެން ނަމާދުގެ ވަގުތުތައް ދެނެގަންނާނެ ގޮތް ސުންނަތުން އެނގެން އޮތް. ނަމަވެސް މިހާރު ނަމާދު ވަގުތު ބަލަނީ ފަލަކީ ހިސާބުން. އެހެންކަމުގައިވާނަމަ ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއް ނެތް. ފިންގަޕްރިންޓް ފަދަ ސައެންޓިފިކް ދަލީލުތައް ވެސް ގަރީނާގެ ގޮތުގައި ޝަރީއަތުން ބަލައިގަނޭ،" މައުމޫން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްވެސް ވަނީ އޭނާގެ ބްލޮގުގައި ދިގު މަޒުމޫނެއްވެސް އާންމުކޮށްފައެވެ. އެ ބްލޮގުގައި އޭނާ ވަނީ ކުރިން ބޭނުން ކުރި ލަފްޒުތަކާއި މިހާރު އެ ލަފްޒުތައް ބޭނުންކުރެވޭ ގޮތްތައް ތަފްސީލުކޮށް ކިޔައިދެއްވައިފައެވެ. އޭގައި ގާނޫނީ ޒިނޭ އާއި ޝަރުއީ ޒިނޭ ތަފްސީލުކޮށް ވަނީ ލިޔެދީފައެވެ. އެގޮތުން ގާނޫނީ ޒިނޭ ސާބިތު ކުރުމަށް ޑީއެންއޭގެ ބޭނުންކުރެވޭނެ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.
ޝަމީމްގެ އެ ލިޔުމަށް ރައްދުދެއްވައި އިސްލާމިކް މިނިސްޓްރީން ބުނީ ޝަރުއީ ލަފްޒުތައް ބޭނުންކުރަން ވާނީ އިސްލާމީ ޝަރީއަތުގައި އެ ލަފްޒުތައް ބޭނުން ކުރަމުން އަންނަ ގޮތަށް ކަމަށާއި އަދި ގާނޫނީ ގޮތުންވެސް މިފަދަ ޝަރުއީ ލަފްޒުތައް ބޭނުންކުރަމުން އަންނަނީ އިސްލާމީ ޝަރީއަތުގައި ވާގޮތަށް ކަމަށެވެ.
އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށާއި މިފަދަ ލަފްޒުތަކުގެ މާނަ ގެއްލޭނެ ފަދައިން ބޭނުންކުރުމަކީ ޝަރުއީ މިންގަނޑުތަކާއި ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަށެވެ. އެހެންކަމުން ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ އިސްލާމީ ޝަރީއަތުގައި އެ ލަފްޒުތައް ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ޒިނޭކޮށްގެން ލިބޭ ދަރިންގެ ބައްޕަ ދެނެގަތުމަށް ޑީއެންއޭގެ ބޭނުން ނުކުރެވޭނެ ކަމަށް ގިނަ އިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ އިރު، ބައެއް ފަރާތްތަކުން ދަނީ ފަތުވާ މަޖިލީހުގެ އެ ފަތުވާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ