ކަރަންޓު ނިޒާމުގައި އެލުމިނިއަމް ކޭބަލް ބޭނުންކުރުން ރައްކާތެރިއެއް ނޫން: އެނާޖީ އޮތޯރިޓީ

ކަރަންޓު ނިޒާމްތަކުގައި އެލުމިނިއަމް ކޭބަލް ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެނާޖީ އޮތޯރިޓީން ބުނެފި އެވެ.
ކަރަންޓުގެ ނިޒާމުތަކުގައި އެލުމިނިއަމް ކޭބަލް ބޭނުންކުރުމުގެ ހުއްދައަށް އެދި ގިނަ ފަރާތްތަކުން އެދެމުންދާތީ އެ އޮތޯރިޓީން އާންމު ކުރި ލިޔުމެއްގައި ބުނީ ރާއްޖޭގެ ކަރަންޓުގެ ނިޒާމުތަކުގައި ބޭނުންކުރަން އެންމެ ރަނގަޅު ބާވަތަކާ ގުޅޭގޮތުން މިހާތަނަށް ހެދި ސާވޭތަކުން ރާއްޖޭގައި ބޭނުންކުރުން އެންމެ ރަނގަޅީ ކޮޕާ ކޭބަލް ކަން ދެނެގަނެވިފައިވާ ކަމަށެވެ.
ރާއްޖޭގެ މާހައުލުގައި ލޮނުގެ އަސަރު މަތިވުމުގެ ސަބަބުން ކޮޕަ ކޭބަލްއާ އަޅާ ބަލާއިރު އެލުމިނިއަމް ކޭބަލް މާއަވަހަށް ހަލާކުވާތީ، އެލުމިނިއަމް ކޭބަލްގެ މެއިންޓަނަންސް މަސައްކަތްތައް އަވަސް އަވަހަށް ކުރަންޖެހޭ ކަމަށްވެސް މި ލިޔުމުގައިވެ އެވެ. މި ވަގުތު ރާއްޖޭގައި ހާލަތައް ބަލާއިރު އެލުމިނިއަމް ކޭބަލްގެ މެއިންޓަނަންސަށް ކުރަންޖެހޭ ކަންކަމަށް އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެހިފައި ނުހުންނަ ކަމަށްވެސް ލިޔުމުގައި ފާހަަގަކޮށްފައިވެ އެވެ. އެހެންކަމުން ކަރަންޓުގެ ނިޒާމުތަކުގައި އެލުމިނިއަމް ކޭބަލް ބޭނުންކުރުމަކީ ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށްވެސް މިލިޔުމުގައި ބުނެފައިވެ އެވެ.
"ރާއްޖޭގައި ދޭ ކަރަންޓުގެ ހިދުމަތަކީ މުދަލާއި ފުރާނައިގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ރަނގަޅަށް ޔަގީންކޮށްގެންދޭ ހިދުމަތެއް ކަމުގައި ހެދުމަށް އެކަންކަމަށް ސަމާލުވުމަށް އެކަމާ ގުޅުން ހުރި ފަރާތްތަކަށް އިލްތިމާސް ކުރަން،" އެ އޮތޯރިޓީން ބުނެ އެވެ.
އެނާޖީ އޮތޯރިޓީން އިތުރަށް ބުނީ ބަޔަކު ހުއްދައަށް އެދުނު ނަަމަވެސް ކަރަންޓުގެ ނިޒާމުތަކުގައި އެލުމިނިއަމް ކޭބަލާއި ނަރު ބޭނުންކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ