އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ މުހައްމަދު އަމީންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނިކޮށް، އެ މައްސަލަަ ނުހިންގޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
އެ ނިންމުމާ އެކު އަމީން ބަންދުން މިނިވަން ވެފައި ވަނިކޮށް، ހައި ކޯޓުން އިއްޔެ ވަނީ އަމީން މާލެއިން ބޭރަށް ދިއުން މަނާކޮށް، އޭނާގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައެވެ. މިއަމުރުގެ ދަށުން އިރުއޮއްސި 18:00 އަކުން ފަތިހު 6:00އަށް ގެއިން ބޭރަަށް ނިކުތުންވެސް ވަނީ މަނާކޮށްފައެވެ.
އަމީންގެ މައްސަލަަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފު ކޮށްފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށް ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ހައި ކޯޓުން ނިންމީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން އަމީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި އޮތުމުން، އެ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އޭނާއަށް ދައުވާ ކުރުން ލާޒިމުވާ ކަމަށެވެ. ނަމަވެސް އޭނާއަށް ދައުވާކޮށްފައި އޮތީ އެ މުއްދަތު ހަމަވި ފަހުންނެވެ. އެހެންކަމުން ހައި ކޯޓުން ނިންމީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާތީ ދެން އެ މައްސަލަ ނުބެލޭނެ ކަމަށެވެ.
މިމައްސަލާގައި ހާއްސަ ގާނޫނެއް ކަމުގައިވާ ޓެރަރިޒަމް ހުއްޓުވުމާބެހޭ ގާނޫނުގައި ކަނޑައެޅިގެން ވަކި މުއްދަތެއް ބަޔާންކޮށްފައި ވަނިކޮށް، އާންމު ގާނޫނެއް ކަމުގައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހައިކޯޓުން ރުޖޫއަވުމަކީ ކަނޑައެޅިގެން ސުޕްރީމް ކޯޓުގެ ނިންމުމަކާ ޚިލާފްކަމެއް ކަމަށް މީގެ ކުރިން ޝަމީމް ވިދާޅުވިއެވެ.
އަމީނަށް ކުރި ދައުވާގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ