މިނިވަމް ވޭޖް ބޮޑުވެގެން ގާސިމް ޝަކުވާއެއް ނުކުރޭ: ޖޭޕީ

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައެޅި އަދަދާމެދު ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީ މުހައްމަދު ސޯލިހަށް ޝަކުވާ ކޮށްފައި ނުވާކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
“އެންމެ ކުޑަ އުޖޫރައަށް ކަނޑައެޅި މިންވަރު ބޮޑުވެގެން ގާސިމްގެ ޝަކުވާ ރައީސަށް” އެ ސުރުހީގައި ނޫހަކުން ޝާއިރުކޮށްފައިވާ ލިޔުމަކާ ގުޅިގެން ޖުމްހޫރީ ޕާޓީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ހަރުކަށި އިބާރާތުން އެ ލިޔުން ކުށްވެރި ކުރާކަމަށެވެ.
އެ ޕާޓީން ބުނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައެޅި މިންވަރު ބޮޑުވެގެން ގާސިމް ނުރުހުން ފަޅުކުރައްވާ، އަލުން އެ އަދަދު މުރާޖާ ކުރަން ނުވަތަ އެންމެ ކުޑަ އުޖޫރަ ދޭން ފެށުން ފެށުން ފަސްކުރަން އެދިފައި ނުވާނެ ކަމަށެވެ.
އޭގެ އިތުރުން، އެންމެ ކުޑަ އުޖޫރައާގުޅޭގޮތުން ވަކި ގޮތެއް ނިންމާފައި ވާކަމެއްވެސް ގާސިމްއަށް އެނގިވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީން ބުންޏެވެ. އަދި އެކަމާ ގުޅިގެން ެއްވެސް ފަރާތަކާ އެއްވެސް ހާލެއްގައި މަޝްވަރާވެސް ކޮށްފައި ނުވާކަމަށް ބުންޏެވެ.
އެ ޕާޓީން ވަނީ، ނޫސްތަކުން އެފަދަ ހަބަރުތައް ޝާއިރު ކުރުމަކީ އެ ޕާޓީގެ މެންބަރުންގެ މެދުގައި ގާސިމްއާމެދު އޮންނަ އިތުބާރު ގެއްލުވާލައި ނަފްރަތު އުފެއްދުމަށް ކުރާ ކަންކަމުގެ ގޮތުގައި ސިފަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ