ޒިނޭގެ ކުށް ސާބިތުކުރަން ޑީއެންއޭ ހެކި ބަލައިގަނެވޭނެ: ސުޕްރީމް ކޯޓު

ޒިނޭގެ ކުށް ސާބިތުކުރުމަށްޓަކައި ޑީއެންއޭއަކީ ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ ފިރިހެނެއްގެ މައްޗަށް އުފުލި ޒިނޭ ކުރުމުގެ ދައުވާ ސާބިތުނުވާކަމަށް ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި މައްސަލައަށް ހައިކޯޓުންވެސް ތާއީދުކޮށްފައި ވަނިކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުންނެވެ.
ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން އެގޮތަށް ނިންމީ އިސްލާމީ ޝަރީއަތުގައިވާ ގޮތުން ޒިނޭކުރިކަން ޝަރީއަތަށް ސާބިތުކުރެވޭނީ ޒިނޭކުރި މީހާގެ އިއުތިރާފުން ނުވަތަ މަދުވެގެން ހަތަރު ފިރިހެނުންގެ ހެކިބަހުން ކަމަށް ބުނެއެވެ. އަދި ޑީއެންއޭގެ ހެކީގެ މައްޗަށް ބިނާކޮށް ޒިނޭގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށްވެސް އެ ނިންމުމުގައި ބުނެފައިވެއެވެ.
ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައިކޯޓުންވެސް ވަނީ އެނިންމުމަށް ތާއީދުކޮށްފައެވެ.
މި މައްސަލަ ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ޒިނޭގެ ކުށް ސާބިތުކުރުމަށް ޑީއެންއޭ ހެކި ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ދަށު ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލުކުރުމަށާއި ޑީއެންއޭ ހެއްކަކީ އެއަށް ބާރުދެނިވި ހަރުދަނާ ގަރީނާ ހުރިނަމަ ބަލައިގަންނަންޖެހޭ ހެއްކެއް ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން ޒިނޭގެ ކުށުގެ ދައުވާ އުފުލި މީހާގެ މައްސަލަ އަލުން ބެލުމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ