ޔޫތު ޗެމްޕިއަންޝިޕް: ގްރީން ބަލިކޮށް މާޒިޔާއިން ފެށުން ރަނގަޅުކޮށްފި

ޔޫތު ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް ކްލަބް އެންޑް ރެކްރިއޭޝަންއާއި ކުލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގައި ފަސޭހަކަމާއެކު ގްރީން ބަލިކޮށް މާޒިޔާއިން ގްރޫޕް އޭގެ އެއްވަނައަށް ޖެހިލައިފިއެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން މާޒިޔާ މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ތިންވަނަ މިނެޓުގައި މާޒިޔާގެ ފަދުލް އިޝްފާގު އެ ޓީމުގެ މުހައްމަދު އުވެއިޝްއަށް ދިން ބޯޅަ ގްރީންގެ ގޯލަށް އަމާޒުކޮށް ފޮނުވާލިނަމަވެސް، ގްރީންގެ ކީޕަރު ގައިގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައުމުން އެ ޓީމުގެ ޑިފެންޑަރަކު ވަނީ ކުރިއަށް ފޮނުވާލާފައެވެ. ޔޫތު ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު މާޒިޔާ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ / މުހައްމަދު ހައްޔާން މެޗުގެ ފަސް ވަނަ މިނެޓުގައި މާިޒޔާއަށް ކޯނަރެއް ލިބުނެވެ. އެ ޓީމުގެ ކުޅުންތެރިޔަކު ނަގައިދިން ކޯނަރު ގްރީންގެ ޑިފެންޑަރުން ސާފުކޮށްލިއެވެ. މާޒިޔާއިން މެޗުގައި ގްރީންގެ ގޯލަށް އަމާޒުކޮށް ހަމަލާތަކެއް އުފެއްދި ނަމަވެސް، ގްރީންއަށް ވަނީ މެޗުގައި މާ އެދެވޭ ހަމަލާއެއް އުފެއްދޭ ގޮތް ނުވެފައެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި އުވައިޝް ނަގައިދިން ކޯނަރު ސީދާ ގޯލަށް ވައްދާލައިގެން މާޒިޔާއިން ވަނީ މެޗުގައި ލަނޑު ޖަހައި ލީޑު ނަގާފައެވެ. އޭގެ ހަތަރު މިނެޓު ފަހުން މާޒިޔާގެ ކެޕްޓަން މުހައްމަދު އިޔާން ހަސަން ގްރީންގެ ދެ ޑިފެންޑަރުން ކައިިރިން ވަރަށް ރީއްޗަށް ނައްޓާލުމަށްފަހު އޭރިޔާ ތެރެއަށް ދިން ބޯޅައިގެ ބޭނުންހިފާނެ ކުޅުންތެރިއަކު އޭރިއާތެރެއަކު ނެތި އެ ބޯޅަ ވަނީ ބޭކާރުވެފައެވެ. މެޗުގެ 15 ވަނަ މިނެޓުގައި މާޒިޔާގެ ޔޫޝައު ބިން އަލީ ނަޝީދު ފޮނުވާލި ބޯޅަ ވަނީ ގްރީންގެ ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައިސްފައެވެ. އަދި މެޗުގެ 17 ވަނަ މިނެޓުގައި ގްރީންގެ ކުޅުންތެރިޔަކު މާޒިޔާގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން މާޒިޔާއަށް ވަނީ ގްރީންގެ އޭރިއާ ކައިރިން ހިލޭ ޖެހުމެއް ލިބިފައެވެ. ހިލޭ ޖެހުމުން އުވެއިޝް ނަގައިދިން ބޯޅަ އާދަމް ލަޔާން ރަޝީދު ބޮލުން ފޮނުވާލި ނަމަވެސް، ބޯޅަ އަމާޒުވީ ގްރީންގެ ކީޕަރު އަލީ އަބާން މުހައްމަދުގެ އަތަށެވެ. ޔޫތު ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު މާޒިޔާ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ / މުހައްމަދު ހައްޔާން މެޗުގެ 18 ވަނަ މިނެޓުގައި މާޒިޔާއަށް އަނެއްކާވެސް ކޯނަރެއް ލިބިފައިވާއިރު، މާޒިޔާގެ ކުޅުންތެރިޔަކު ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ 21 ވަނަ މިނެޓުގައި ގްރީންގެ ކުޅުންތެރިއެއްގެ ކައިރިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި މާޒިޔާގެ މުހައްމަދު ސާއިން ސަލީމް ފޮނުވާލި ބޯޅަ ދިޔައީ ބައިކޮޅަށެވެ. އޭނާ ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު އަހުމަދު ވިޖުދާން މުހައްމަދުގެ އަތުގައި ޖެހިފައި ވަނީ ކުޅުމުގެ ތެރެއަށް އައިސްފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި މާޒިޔާގެ ޔޫޝައު ވަނީ ގްރީންގެ ކުޅުންތެރިޔަަކަށް ފައުލެއް ކޮށްފައެވެ. އެއާއެކު ގްރީންއަށް މެޗުގައި ހިލޭ ޖެހުމެއް ލިބުނެވެ. ޔޫތު ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު މާޒިޔާ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ / މުހައްމަދު ހައްޔާން މެޗުގެ 26 ވަނަ މިނެޓުގައި މާޒިޔާގެ ލަޔާން ގްރީންގެ ގޯލް އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ގްރީންގެ އޭރިޔާ ތެރެއިން މާޒިޔާގެ ކުޅުންތެރިއަކަށް ލިބޭ ގޮތް ވަނީ ނުވެފައެވެ. މެޗުގެ 27 ވަނަ މިނެޓުގައި މާޒިޔާގެ ކެޕްޓަން އިޔާންއަށް ގްރީންގެ އަހުމަދު ޝަދު ކުރި ފައުލަކާ ގުޅިގެން މާޒިޔާއަށް ރެފްރީވަނީ ވަނީ ޕެނަލްޓީއެއް ދީފައެވެ. ލިބުނު ޕެނަލްޓީ ފޮނުވާލީ މާޒިޔާގެ ލަޔާންއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ގްރީންގެ ކީޕަރު އަބާންގެ ފައިގައި ޖެހިފައި ވަނީ ކުޅުމުގެ ތެރެއަށް އައިސްފައެވެ. މެޗުގެ 29 ވަނަ މިނެޓިގައި މާޒިޔާގެ ކުޅުންތެރިޔަކަށް ގްރީންގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ވަނީ ހިލޭ ޖެހުމެއް ލިބިފައެވެ. ހިލޭ ޖެހުމުގައި އުވައިޝް ފޮނުވާލި ބޯޅަ އަމާޒުވީ ގްރީންގެ ގޯލު ދަނޑިއަށެވެ. މެޗުގެ 35 ވަނަ މިނެޓުގައި ކުޅުމުން ބޭރުން މާޒިޔާގެ ކުޅުންތެރިއެއްގެ ގައިގާ ބޯޅައިން ޖެހުމުން ގްރީންގެ ޝާމް އަނީދަށް ރެފްރީ ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. ޔޫތު ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު މާޒިޔާ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ / މުހައްމަދު ހައްޔާން މާޒިޔާއިން މެޗުގެ ދެވަނަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓު ހަމަވެ، އިތުރަށް ދެއްކި ދެ މިނެޓު ތެރޭގައެވެ. ހިލޭ ޖެހުމަަކުން މާޒިޔާގެ ޔޫޝާއު ނަގައިދިން ހުރަހެއް، ގްރީންގެ ގޯލަށް ފޮނުވާލައިގެން މާޒިޔާއަށް ލީޑު ފުޅާ ކޮށްދިނީ އެ ޓީމުގެ ކެޕްޓަން އިޔާންއެވެ. މި ގޯލާއެކު ފުރަތަމަ ހާފު ނިމުނީ 2-0 އިން މާޒިޔާ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގެ ކުޅުން ފަށައިގެން 52 ވަނަ މިނެޓުގައި މާޒިޔާއިން އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައިވާއިރު، މިއީ ގްރީންގެ ކުޅުންތެރިޔަކު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މާޒިޔާގެ މުހައްމަދު ނާއިޝް އަސްޖަދު ހުރަސްކުރި ބޯޅަ ގްރީންގެ މުހައްމަދު ވިއާމް ވަހީދުގެ ބޮލުގައި ޖެހިފައި ވަނީ ބައިކޮޅަށެވެ. މެޗުގެ 72 ވަނަ މިނެޓުގައި މާޒިޔާގެ ކުޅުންތެރިޔަކަށް ގްރީންގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ހިލޭ ޖެހުމެއް ލިބުނެވެ. ހިލޭ ޖެހުމުގައި ފޮނުވާލި ބޯޅަ ދިޔައީ ގްރީންގެ ގޯލް ދަނޑިމަތިން ބޭރަށެވެ. މި ހާފުގެ މާޒިޔާއިން ގިނަ ވަގުތު ގްރީންގެ ހާފު ތެރޭގައި ބޯޅަ ގެންގުޅުނު ނަމަވެސް އެ ޓީމަށްވެސް މާ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ޔޫތު ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު މާޒިޔާ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ / މުހައްމަދު ހައްޔާން މެޗުގެ 83 މިނެޓުގައި ގްރީންގެ ގޯލް އޭރިޔާ ތެރޭ ހުސްކޮށްހުރެ މާޒިޔާގެ ސާއިން ފޮނުވާލި ބޯޅަ ދިޔައީ ގްރީންގެ ގޯލްގެ މަތީ ދަނޑިއާ ދިމާލުން ބޭރަށެވެ. މެޗުގެ 88 ވަނަ މިނެޓުގައި މާޒިޔާގެ ޔޫޝައު ގްރީންގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ގޯލް އޭރިއާ ތެރެއަށް ވަދެ ގްރީންގެ ކީޕަރު އަބާންގެ ކައިރިން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އަދި 89 ވަނަ މިނެޓުގައި އަނެއްކާވެސް ގްރީންގެ އޭރިޔާ ތެރެއިން ޔޫޝައު ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތިން ބޭރަށެވެ. މެޗު ނިމުނީ 3-0 އިން މާޒިޔާއިން ގްރީންގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މާޒިޔާގެ ކެޕްޓަން މުހައްމަދު އިޔާން ހަސަންއެވެ. މުބާރާތުގެ ކުޅުން މިރޭވެސް އޮންނަ އިރު، މިރޭ ގްރޫޕް ބީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބް ވެލެންސިއާއެވެ. މިރޭގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ