އަފްރާޝީމްގެ މަރަށް އިންސާފު ނުލިބުމަކީ ލަދުވެތިކަމެއް: މެމްބަރު ވަހީދު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީއަށް އިންސާފު ނުލިބުމަކީ ލަދުވެތިކަމެއްކަމަށް އުނގޫފާރު ދާއިރާގެ މިހާރުގެ މެމްބަރ މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
މެމްބަރު ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑރ. އަފްރާޝީމަށް ވަރަށް ލާއިންސާނީ ރަހުމުކުޑަ އަނިޔާތަކެއްދީ އަވަހާރަކޮށްލިތާ ބަރާބަރު 9 އަހަރު ފުރިފައިވާކަމަށާއި، މި ޖަރީމާގައި ބައިވެރިވި ފަރާތްތަކާއި، ފަހަތުގައި ތިބި ބަޔަކު ނުހޯދި، އިންސާފު ޤާއިމް ނުކުރެވި މިހާ ދިގު މުއްދަތެއް ފާއިތުވެގެން ދިޔުމަކީ ލަދުވެތިކަމުގެ އިންތިހާކަމަށެވެ.
މިފަދަ ޖަރީމާތައް ބަލައި، ޢާއިލާތަކަށް އިންސާފު ހޯދައިދިނުމަކީ މިވެރިކަމުގެ އެންމެ ބޮޑު ވަޢުދުކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެކަމަށް މެމްބަރު ވަހީދު ވަނީ ވިދާޅުވެފައެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ އެއްވަނަ ދުވަހުގެ ރޭ ޓީވީއެމުން ކުރިއަށްގެންދިޔަ "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމް ނިންމަވާލެއްވުމަށްފަހު އެނބުރި ގެއަށް ވަޑައިގަތް ވަގުތު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލުގެ ސިޑިމަތިން ދިން ލާއިންސާނީ ހަމަލާތަކެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓު ބުނާގޮތުން އަފްރާޝީމްގެ މަރުގެ ފަހަތުގައިވަނީ ދީނީ ހަރުކަށި ފިކުރުގެ ބައެއްގެ އަތެވެ. މިކަމުގައި ސިޔާސީ އެއްވެސް ބައެއްގެ އަތެއްވާކަން ކޮމިޝަނުގެ ތަހުގީގަށް އެނގިފައި ނުވާކަމަށް ކޮމިޝަންގެ ރިޕޯޓުގައި ވެއެވެ.
މި ރިޕޯޓުގައި ބުނެފައި ވަނީ، އެ ކޮމިޝަނަށް ލިބިފައިވާ ހެއްކާ ގަރީނާތަކުގެ އަލީގައި އެ ކޮމިޝަނަށް ބުރަވެވެނީ ޑރ. އަފްރާޝީމް ޢަލީ ގަތުލުކުރުމަށް ރާވައި އެކަމަށް ޚަރަދުކޮށް މިކަން ތަންފީޒުކޮށްފައި ވަނީ މާލޭ ފުރުގާން މިސްކިތާއި ނޫރު މިސްކިތުގައި ހަރަކާތްތެރިވާ ހަރުކަށި ޖިހާދީ ފިކުރުގެ ޖަމާއަތުން ކަމަށެވެ. އަދި އެކޮމިޝަނަށް މައުލޫމާތުދިން 4 ސިއްރު ހެކިންގެ ބަހުންނާއި، ފުލުހުން އެކިއެކި މައްސަލަތަކުގައި އެއްކޮށްފައިވާ އިންޓެލިޖެންސް މައުލޫމާތުތަކުން އެނގޭގޮތުގައި، އެކަމުގެ އަޑީގައި ތިބީ، އަދި އެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ވެސް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
ރިޔާސީ ކޮމިޝަނުން ބުނީ އެކޮމިޝަނަށް ލިބިފައިވާ ހެއްކާއި ގަރިނާތަކަށް ބަލާއިރު، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ އަމަލީ މަސައްކަތުގައި ހ. ހިލްޓަން އަޒްލިފް ރައޫފްއާއި ހ. ލޮބީ ހުސައިން ހުމާމް އަހްމަދު އާއި، ހ. ހިކޯސްޓް އަލީ ޝާންއާއި ކުޑަކުއްޖެއްގެ އިތުރަށް، އިތުރަށް އެހެން ބަޔަކު އެމަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެމީހުން ޑރ. އަފްރާޝީމްގެ މަރުގެ ހާދިސާއަށްފަހު ރާއްޖެއިން ބޭރަށް ހަނގުރާމައަށް ގޮސްފައިވާތީވެ، އެމައްސަލާގެ އެބައި ތަހުގީގުކުރުމަށް ހުރަސްއެޅިފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓް ގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ