ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައަކަތް ކުރުމަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެ އެތެރެކޮށް، މުވައްޒަފުންނަށް މުސާރަނުދީ މަސައްކަތް ކުރުވި މައްސަލާގައި ދައުލަތުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް އުފުލާފައިވާ ހިއުމަން ޓްރެފިކިންގެ ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވި ހުއްޓާލައިފިއެވެ.
މިމައްސަލައިގެ އަޑުއެހުމެއް މީގެކުރިން ބާއްވާފައިވާއިރު، އެ އަޑުއެހުމަށް ވަކީލަކާނުލައި ހާޒިރު ވުމުން ތިން މީހުނަށްވެސް ވަނީ ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދީފައެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމަށްފަހު ދިފާއުން ޖަވާބުދާރީވާން ހަމަޖެހިފައިވީ ނަމަވެސް، އަޑުއެހުން ފެށުމާއެކު ހުށަހަޅާފައިވާ ދައުވާގައި ލިޔުމުގެ ކުށެއް އޮތުމުން އެކުށް އިސްލާހު ކުރުމަށް ގާޒީގެ އިޒުނަ ދެއްވުމަށް ދައުލަތުގެ ވަކީލު އެދިވަޑައި ގަތެވެ.
އެކަމަށް ދިފާއުން އިންކާރު ނުކުރި ނަމަވެސް އިސްލާހުކުރާ މާއްދާ ދިރާސާކުރުމަށް ދެހަފްތާ ދިނުމަށް ވަނީ އެދިފައެވެ.
ދިފާއުން އިތުރު މުއްދަތަށް އެދުމުން ދައުލަތުން ބުނީ އެއީ އިތުރު މުހުލަތެއް ދޭންޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ދީބަނާޒް ފަހްމީ ވިދާޅުވީ، ދައުވާގެ ޝީގާގައި ހަވާލާ ދީފައިވާ މާއްދާތައް އިސްލާހު ކުރުމަށް ފުރުސަތު ދިނުމަށް ނިންމާ ކަމަށާއި އަދި އިސްލާހުތަކާއެކު އަންނަ އާދިއްތަ ދުވަހުގެ ކުރިން ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މެމްބަރު ރިޒާގެ އިތުރުން، މިމައްސަލާގައި ށ. މިލަންދޫ ރެޑްރޯސް، ނަސްރުﷲ އުސްމާން އަދި ނ. މާފަރު ބްލާސަމްގެ، ހަސަން އުމަރުގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ކުށުގައި ބައިވެރިވުމުގެ ދައުވާވެސް ދައުލަތުން ވަނީ އުފުލާފައެވެ.
މިމައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ އަންނަ މަހުގެ 26 ވަނަ ދުވަހު ކަމަށް ގާޒީ ވިދާޅުވިއެވެ.
މެމްބަރު ރިޒާގެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ