ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނަށް އާ ރައީސަކު އައްޔަންކޮށްފި

އެކި ދާއިރާތަކުން ޕާކިސްތާނާއި ރާއްޖޭގެ ގުޅުން ހަރުދަނާ ކުރުމަށްޓަކައި އުފައްދާފައިވާ ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (ޕީއެމްއެފްއޭ) އަށް އާ ރައީސަކު އައްޔަންކޮށްފިއެވެ. ޕީއެމްއެފްއޭގެ އިސް މަގާމުތަކަށް މެންބަރުން އައްޔަން ކުރީ އިއްޔެ އެ ޖަމިއްޔާއިން ބޭއްވި އަހަރީ އާއްމު ޖަލްސާގައެވެ. ޕާކިސްތާން ހައި ކޮމިޝަންގައި ބޭއްވި އެ ޖަލްސާގައި ޕީއެމްއެފްއޭގެ މެންބަރުންގެ އިތުރުން ޕާކިސްތާނުގެ ސަފީރު، ވައިސް އެޑްމިރަލް އަތަރު މުހްތާރު އާއި ހައިކޮމިޝަނުގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރުނައިން އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ. ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (ޕީއެމްއެފްއޭ)އަށް އާ ރައީސަކު ވަނީ އިންތިހާބުކޮށްފަ -- ފޮޓޯ: ޕާކިސްތާން ހައި ކޮމިޝަން އެ ޖަލްސާގައި ޕީއެމްއެފްއޭގެ ރައީސް ކަމަށް ހޮވުނީ މަސްއޫދު އިމާދު އެވެ. އަދި ނައިބު ރައީސް ކަމަށް ހަމްދޫން ރަޝީދު އާއި މުހައްމަދު ތޯރިގު އާއި އަައްމާރާ މުރްކު ހޮވުނެވެ. މީގެ އިތުރުން ޖެނެރަލް ސެކްރެޓަރީ ކަމަށް ޝަހީފާ އަހުމަދު އަދި ޓްރެޝަރާގެ މަގާމަށް ޖަންނަތު އަހުމަދު ވަނީ އިންތިހާބުވެފައިއެވެ. އެ ހުރިހާ މަގާމުތަކަށްވެސް މެންބަރުން ހޮވީ ފަސް އަހަރުގެ ދައުރަކަށެވެ. އެ ރަސްމިއްޔާތުގައި ޕީއެމްއެފްއޭގެ އާ ރައީސް މަސްއޫދު އިމާދު ވިދާޅުވީ ޕާކިސްތާނާއި ރާއްޖޭގެ ސަގާފަތާއި ތައުލީމާއި ކުޅިވަރު ކުރިއެރުވުމުގެ އިތުރުން، އެހެން ގޮތްގޮތުންވެސް ދެގައުމުގެ ގުޅުން ބަދަހި ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދިވެހި ޒުވާނުންނަކީ ހުނަރުވެރި ބަޔެއްކަން ފާހަގަ ކުރައްވައި، އެމީހުންނަށް ތައުލީމާއި ކުޅިވަރުގެ މައިދާނުން އެންމެ ރަނގަޅު ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޕީއެމްއެފްއޭގެ އިސް މެންބަރުން ހޮވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕާކިސްތާން ސަފީރު އަތަރު މުހްތާރު ވާހަކަ ދެއްކެވި -- ފޮޓޯ: ޕާކިސްތާން ހައި ކޮމިޝަން އެ ޖަލްސާގައި ސަފީރު އަތަރު މުހްތާރު ވަނީ ޕީއެމްއެފްއޭގެ އިސް މަގާމުތަކަށް ހޮވުނު މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެ ޖަމިއްޔާގެ މެންޑޭޓުގައިވާ ގޮތުގެ މަތިން، ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި ދިވެހިންނަށް ފައިދާ ވާނެ ހަރަކާތްތައް އާ މެނޭޖްމެންޓުން ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު ސަފީރު ވަނީ ޕާކިސްތާނާއި ރާއްޖޭގެ ތާރީހީ ގުޅުމަށް އަލިއަޅުއްވައިލައްވައި، މިއީ ދެގައުމުން ސިޔާސީ ގުޅުން ގާއިމު ކުރިތާ 55 ވަނަ އަހަރުކަން ފާހަގަ ކުރައްވައިފައެވެ. މީގެ އިތުރުން ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގަރުނައިން އަހުމަދު ވެސް އެ ބައްދަލުވުމުގައި ވާހަކަ ދައްކަވައި، ޕީއެމްއެފްއޭގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ކުރާ މަސައްކަތްތަކަށް އެ ޖަމިއްޔާގެ މެންބަރުން ދޭ އަހައްމިއްޔަތު ކަމަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި ދިވެހިންނާ ދެމެދު ގުޅުން ގާއިމު ކުރުމަށާއި މިހާރު އޮތް ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް އެފަދަ ޖަމިއްޔާއެއް ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ