އަފްޣާނިސްތާނަކީ އެމެރިކާއަށާއި އިނގިރޭސިންނަށްވާ މަރުގެ ދަންތުރައެއް

އިބްރާހީމް ނާޒިމްފާއިތުވެގެން ދިޔަ 2009ވަނަ އަހަރަށް އަފްޣާނިސްތާނު އަލްވަދާއުކީ ބޮޑަތި ލޭއޮހޮރުވުންތަކަކާ އެކުގަ އެވެ. ދެން މި ފެށުނު އަހަރަކީ ވެސް އެ ޤައުމުގައި އިތުރު ހަމަނުޖެހުމާއި ބޮޑަތި ލޭއޮހޮރުވުންތައް ހިނގާނެ އަހަރެއްކަމުގައި ވަނީ ބެލެވިފަ އެވެ. އެމެރިކާއިން އަފްޣާނިސްތާނަށް ފޮނުވަން ނިންމި އިތުރު 37,000 ސިފައިން މިހާރު ވަނީ އެ ޤައުމަށް ވާސިލުވުމުގެ މަގުމަތީގަ އެވެ. މިބައިމީހުން އައުމުން ޤަތުލުކުރުންތައް އިތުރަށް ހިނގާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ. އޭރުން އެމެރިކާ އާއި ގުޅިގެން އަފްޣާނިސްތާނުގައި ޠާލިބާނުންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ސިފައިންގެ އަދަދު 166,200 އަށް އަރާނެ އެވެ. މީގެ ތެރޭގައި އަފްޣާނިސްތާނުގައި އެމެރިކާ ޤާއިމްކޮށްގެންއުޅޭ ގޮނޑިކޮއްކޮ ސަރުކާރުގެ 55,000 ސިފައިން ވެސް ހިމެނެ އެވެ.އެމެރިކާއިން 8 އަހަރު ވަންދެން އަފްޣާނިސްތާނުގައި ހަނގުރާމަކުރިއިރު ވެސް ލިބުނު ކުރި އެރުމެއް ނެތެވެ. މި ހަނގުރާމައަށް އެމެރިކާ އާއި ޔޫރަޕުން މިހާތަނަށް 300,000 ބިލިޔަން ޔޫ.އެސް ޑޮލަރަށްވުރެ ގިނައިން ވަނީ ހޭދަކޮށްފަ އެވެ. އެމެރިކާ އާއި އިނގިރޭސިންގެ ތެރެއިންނާއި އަދި ޔޫރަޕްގެ އެހެނިހެން ޤައުމުތަކުން 1567 ސިފައިން ވަނީ މަރުވެފަ އެވެ. ޢިރާޤުގައި މަރާލެވިފައިވާ މި ދެޤައުމުގެ ސިފައިންގެ އަދަދު މީގެ ތިންގުނައަށް އަރަ އެވެ. 2001ސެޕްޓެމްބަރު 11ގެ ހަމަލާ އާއި ގުޅިގެން ޓެރަރިޒަމް ހުއްޓުވުމުގެ ނަމުގައި އެމެރިކާ ފެށި ހަނގުރާމަ މިހާރު ވަނީ އެ ޤައުމުގެ ކަރަށް އަމިއްލައަށް މަހާލި ދަންމަޅިއަކަށް ވެފަ އެވެ. އެމެރިކާއަށާއި ހުޅަނގުގެ ޤައުމުތަކަށް ޖެހުނު އިޤްތިޞާދީ ދަތިތަކުގެ ކޮޅިގަނޑުން އަދިވެސް މުޅިން އަރައެއް ނުގަނެވެ އެވެ. ހަނގުރާމައަށް ޚަރަދުކުރާނެ ފައިސާ ނެތިގެން އެމެރިކާ ވަނީ އެ ޤައުމުގެ ބައިވެރިން ކައިރީ މި ކަމުގައި އެހީވުމަށް އެދި އާދޭސްކުރަން ފަށާފަ އެވެ. އުސާމާ ބިން ލާދިން ހުރިތަނަކުން ހޯދާ ހައްޔަރުކުރާނެ ކަމަށާއި، އަލްޤާޢިދާ ބަލިކޮށްލާނެކަމަށް ގޮވަމުން އައި ގޮވެލިފަތި މިހާރު ގޮވާ އަޑެއް ނުއިވެ އެވެ. މިހާރު ކިޔާ އަޑު އިވެނީ އެމެރިކާއަށާއި ހުޅަނގު ދުނިޔެއަށް އޮތް ނުރައްކާތައް ކުޑަކުރާ ވާހަކަ އެވެ. ދެން މިހެން ކިޔަކިޔާ ތިއްބައި އަލްޤާޢިދާ ހަނގުރާމަވެރިން ޔަމަން އާއި ސޯމާލިޔާގައި މަރުކަޒުކޮށްފި އެވެ.އެމެރިކާ ސިފައިންނަށް މިހާރު އަފްޣާނިސްތާނުގައި ތިބެވޭކަށް ނެތެވެ. އަދި އެތަނުން ފައިބައިގެން ދެވޭކަށް ވެސް ނެތެވެ. ވިއެޓްނާމަށްވުރެ ވެސް ނުބައި ދަންތުރައެއް ކަމުގައިމެނުވީ އެމެރިކާއަށް އަފްޣާނިސްތާން ނުވެ އެވެ. މިހެންކަމާއެކު އެމެރިކާ އަށް ގޮތްހުސްވާ ހިސާބަށް ކަންތައްތައް ގޮސްފައި ވާތީ ކޮންމެވެސް ހީލަތަކުން މި ހަނގުރާމައިގެ ތެރެއަށް ޕާކިސްތާނު ސިފައިން ވެއްދީ އެވެ. ނަމަވެސް މިކަމުގައި އެމެރިކާއަށް ލިބޭނެކަމަށް ހީކުރި ފަސޭހައަށްވުރެ ލިބެމުންދާ ގެއްލުން ބޮޑެވެ. އެހެނީ ޕާކިސްތާނުގެ އާންމު ރައްޔިތުން މިއަދު ވަނީ ޠާލިބާން ހަނގުރާމަވެރިންނަށް އެއްބާރުލުންދޭން ފަށާފަ އެވެ. އަފްޣާނިސްތާނުގައި އޮތް އެމެރިކާގެ ބޮޑު ލަޝްކަރަށް ގޮންޖެހުންތައް ކުރިމަތިކުރަމުންދާ ޠާލިބާން ހަނގުރާމަވެރިންގެ އަދަދަކީ އެންމެ ވިއްސަކަށް ހާސް ކަމުގައި ވެއެވެ. ގަދަ ފިނީގައި ހަނގުރާމަކުރަމުން ދަނީ ގައިގައި ބޯ ފޮތިގަނޑެއް އޮޅާލައިގެންނެވެ. ކާން ލިބެނީ ދެއިރު ރޮށްޓެކެވެ. އެބައިމީހުންގެ އަތުގައި ޒަމާނީ ބަރުހަތިޔާރުތަކާއި މަތިންދުއްވާ ބޯޓްތަކެއް ނެތެވެ. ހަމައެކަނި އޮތީ ނުގުޑާފަދަ އަޒުމަކާއި އީމާނެވެ.އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ރޮބަޓް ގޭޓްސް ބުނާގޮތުން އަލްޤާޢިދާ އާއި ޠާލިބާން އަކީ އެއްބަޔަކު އަނެއްބައެއްގެ ވާގިވެރިންނެވެ. މިހެންކަމުން މި ދެބައިމީހުންނާ އެއްފަހަރާ ކުރިމަތިލުމަކީ އެހާ ފަސޭހައިން ކުރެވޭވަރުގެ ކަމެއް ނޫނެވެ. އަފްޢާނިސްތާނުގައި ހުރި އެމެރިކާ ސިފައިންގެ އިސް ކޮމާންޑަރު ޖެނެރަލް ސްޓޭންލީ މެކްރިސްޓްލް ބުނާގޮތުން އުސާމާ ބިން ލާދިން ހައްޔަރުކުރުމަކީ އަލްޤާޢިދާ އާއި ޠާލިބާން ބަލިކޮށްލުމަށްޓަކައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. މިހާރު އަފްޣާނިސްތާނުގައި ޖާނުންފިދާގެން ދެވޭ ހަމަލާތައް އިތުރުވާންފަށާފައި ވާކަމުން ދޭހަވަނީ އަލްޤާޢިދާގެ ގޮތްތައް ޠާލިބާނުން ގެންގުޅެން ފަށައިފިކަމެވެ. އެހެނީ މިހާތަނަށް މަދު ފަހަރަކުމެނުވީ ޠާލިބާނުން މިފަދަ ހަމަލާތައް ދީފައި ނުވާތީ އެވެ. މިކަމުގެ ހުރި ނުރައްކާތެރިކަން އެމެރިކާއަށް އޮތް އިތުރު ގޮންޖެހުމެއް ކަމުގައި ނޫނީ ނުވެ އެވެ. އެމެރިކާއަށް ދިން އައު އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ޠާލިބާނުން ވަނީ އެފަދަ ހަމަލާއަކުން އެމެރިކާގެ ސީ.އައި.އޭ އެޖެންޓުންގެ 8 މީހުން އެއްފަހަރާ މަރާލާފަ އެވެ. އެމެރިކާގެ ޖާސޫސީ އިދާރާގެ މީހުންނަކީ އެ ޤައުމުގެ ސިފައިންގެ އޮފިސަރުންނަށްވުރެ ވެސް ބޮޑަށް އެމީހުން ހިމާޔަތްކޮށްގެން ގެންގުޅޭ ބައެކެވެ. މިކަމުގައި އަޖާއިބުކުރުވާ ކަމަކީ ޠާލިބާނުން އެމެރިކާގެ ސަލާމަތީ ހުރަސްތައް ފޫއަޅުވާލާފައި ވާ ގޮތަކާމެދު އެވެ. މިކަމުން ދޭހަވަނީ ޠާލިބާނުންގެ ޖާސޫސީ އިންޓެލިޖެންސް އެމެރިކާއަށް ވަކި ދޫނުކުރާކަމެވެ. މިކަމާއެކު ދެން އިވިގެންދިޔައީ ޠާލިބާނުންގެ ހަމަލާއެއްގައި ކެނެޑާ ސިފައިންގެ 5 މީހުން މަރާލި ޚަބަރެވެ.އެމެރިކާ ސިފައިން މަރަށް ބިރުގެންފައި ތިބޭ ވަރަކީ ސިހިގެން ގޮސް ކުރެވޭނުކުރެވޭ ކަމެއް ނޭނގޭ ހިސާބަށް ކަންތައްތައް ދާތީ އެވެ. ކިތަންމެ ފަހަރަކު އޮޅިގެން އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ބަޑީގެ ހަމަލާތަށް ބަދަލުކުރާތީ އެވެ. މިހެންގޮސް އޮޅުމަކުންނާއި ‘އެކްސިޑެންޓް’ ތަކުގައި މަރުވި ސިފައިން ހިމަނައިގެން މި ފާއިތުވީ 2009ވަނަ އަހަރު އެމެރިކާ އާއި ނޭޓޯ ސިފައިންގެ ތެރެއިން 520 މީހުން ވަނީ މަރުވެފަ އެވެ. މިހާރު މުޅިއެކު ހަމައެކަނި އަފްޣާނިސްތާނުގައި މަރުވި ނުވަތަ މަރާލެވުނު އެމެރިކާ ސިފައިންގެ އަދަދު 949ކަށް އަރަ އެވެ.އަފްޣާނިސްތާނުގެ އާންމު ރައްޔިތުންގެ ‘ހިތްތައް ފަތަޙަކުރަން’ އުޅެނީކަމަށް އަޑުގެކޮޅަށް ގޮވާއުޅޭ ނޭޓޯގެ އިސްތިޢުމާރީ ސިފައިންގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެ ޤައުމުގެ ރައްޔިތުންގެ ރުޅިވެރިކަން އިތުރުވުން ނޫންކަމެއް މިހާރަކު ނުވެ އެވެ. ފާއިތުވި އަހަރު ނިމުނު ކޮޅުމަތީގައި ނޭޓޯ ސިފައިން ވަނީ ޕާކިސްތާނާއި އިންވެގެން އޮންނަ ކުނާރު ޕްރޮވިންސްގައި ވަރަށް އަނިޔާވެރިގޮތަކަށް 8 ކުޑަކުދީން މަރާލާފަ އެވެ. މިކަމާއެކު އަފްޣާނިސްތާނުގެ އެތަންމިތަނުގައި އެމެރިކާ އާއި ދެކޮޅަށް މުޒާހަރާތައް ކުރެވުނެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިކަމާގުޅިގެން އެމެރިކާގެ ސިފައިންގެ ބޯމައްޗަށް ދެން ބިންދާލަން ނަގާ ރާޅު މާބޮޑުވާނެ އެވެ. އެހެނީ މި ހާދިސާއަށްފަހު ކިތަންމެ ބަޔަކު އަލަށް ޠާލިބާން ހަނގުރާމަވެރިންނާ ވަނީ ގުޅިފަ އެވެ.ތާރީޚް ދައްކާގޮތުން އަފްޣާނިސްތާނު ވެގެން ގޮސްފައި ވަނީ މިހާނަށް އެތަން އިސްތިޢުމާރުކުރަން އެރި ކޮންމެ ބަޔަށް މަރުގެ ދަންތުރައަކަށެވެ. ޤަދީމީ ތާރީޚަށް ބަލާއިރު މަޝްހޫރު އެލެގްޒަންޑަރ ދަ ގްރޭޓް ވަނީ އޭނާގެ ބޮޑު ލަޝްކަރާއެކު އެތަންދޫކޮށް ދާން މަޖުބޫރުވެފަ އެވެ. ނަވާރަވަނަ ޤަރުނުގެ ފަހުކޮޅު، 1879ގައި އެތަނަށް އެރި 40,000އިނގިރޭސި ސިފައިންގެ ބޮޑު ލަޝްކަރުން 1630 މީހުން މަރުވުމާއެކު ބަލިވެގެން އެތަންދޫކޮށް ދިޔައީ އެވެ. 1979ވަނަ އަހަރު އަފްޣާނިސްތާނަށް އެރި ސޯވިއެޓް ޔޫނިއަން ނުވަތަ ރަޝިޔާގެ ބިޔަ ލަޝްކަރު ވަނީ އޭގެ ދިހަވަރަކަށް އަހަރު ފަހުން ސުންނާފަތިވެގެން ގޮސްފަ އެވެ. ރަޝިޔާގެ 15000 ސިފައިން މަރުވެ އަގުނުކުރެވޭވަރުގެ އެތަކެއް ބޮޑަތި ގެއްލުންތައް ލިބެންފެށުމުން އަމިއްލައަށް ފައިބައިގެން ދާންޖެހުނީ އެވެ. އެމެރިކާއަށް ވެސް ޖެހޭނީ ހަމަ މި ދަތުރުކަމުގައި ބުނާ އެތަކެއް ބަޔަކު ދުނިޔޭގައި އެބައުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ