ތާރީހުގެ ތެރެއިން، ދިވެހި ފައިސާ

ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި އެންމެ ކުރީ ޒަމާނުގައި ރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުން ކުރީ ދިވެހި ބޮއްޔެވެ. ތާރީހުން އެނގޭ ގޮތުގައި، ރާއްޖޭގައި، ފައިސާގެ ގޮތުގައި ބޮލި ގެންގުޅެން ފެށީ މީލާދީ ގޮތުން 1200 ވަނަ އަހަރަށް ވުރެ ކުރިންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ލާރި ޖަހާފައިވާ ކަމަށް ބެލެވެނީ އައްސުލްތާން އަލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ރަސްކަމުގައެވެ. އެއީ ދިގު ލާރިއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޖެހި ކަމަށް ބެލެވޭ ދިިގު ލާރި. މިހާރު ބޭނުންކުރާ ބައްޓަމަށް ވަށް ލާރި ޖަހަން ފެށީ މީލާދީ ގޮތުން 1648 ން 1687 ވަނަ އަހަރަށް ރަސްކަން ކުރެއްވި އައްސުލްތާން އިބްރާހިމް އިސްކަންދަރު (އެއްވަނަ)ގެ ވެރިކަމުގައި ކަމަށް ބެލެވެއެވެ. އެއަށްފަހު އެކި ރަސްކަލުންގެ ވެރިކަމުގައި ވަށް ލާރި ޖަހާފައިވެއެވެ. ފުރަތަމަ ފަހަރަށް ރާއްޖޭން ބޭރުން ލާރި ޖަހާފައިވަނީ 1913 ވަނަ އަހަރު، އައްސުލްތާން މުހައްމަދު ޝަމްސުއްދީން އިސްކަންދަރު (ތިން ވަނަ)ގެ ރަސްކަމުގައެވެ. އޭރު ޖެހީ ތިން ލާރިއާއި ހަތަރު ލާރިއެވެ. ރާއްޖޭގަ އެންމެ ފުރަތަމަ ބޭނުން ކުރަން ފެށި ވަށް ލާރި. ފުރިހަމަ ސެޓެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ދިވެހި ލާރި ޖަހާފައިވަނީ 1960 ވަނަ އަހަރު، އައްސުލްތާން މުހައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައެވެ. އޭގެ ތެރެއިން 25 ލާރި އާއި 50 ލާރި ފިޔަވާ އެހެން ހުރިހާ ލާރިއެއް، ދެ ވަނަ ފަހަރަށް 1979 ވަނަ އަހަރު ޖެހިއެވެ. އެ ލާރި ސެޓުގައި ހިމެނޭ އެއް ލާރިއާއި ފަސް ލާރި އަދި 10 ލާރިއާއި 25 ލާރީގެ އިތުރުން 50 ލާރީގެ ފައިސާ ފޮތީގެ ޑިޒައިނަށް ބަދަލު ގެނެސް، އާ ލާރި ސެޓެއް އެމްއެމްއޭއިން 1984 ވަނަ އަހަރު ނެރުނެވެ. އޭރުގެ ލާރި ސެޓުގައި އެއް ރުފިޔާއާއި ދެ ރުފިޔާގެ ފައިސާ ފޮއްޗެއް ނުހިމެނެއެވެ. އެއް ރުފިޔާގެ ފައިސާ ފޮތި އެންމެ ފުރަތަމަ ނެރުނީ 1983 ވަނަ އަހަރުއެވެ. އަދި ދެ ރުފިޔާގެ ފައިސާ ފޮތި ނެރުނީ 1995 ވަނަ އަހަރުއެވެ. ފުރަތަމަ ފަހަރަށް ކަރުދާސް ނޫޓު ރާއްޖެއަށް ތައާރަފް ކުރީ 1947 ވަނަ އަހަރުއެވެ. އެ ނޫޓް ސީރީސްގައި ހިމެނެނީ 60 ލާރި، އެއް ރުފިޔާ، ދެ ރުފިޔާ، ފަސް ރުފިޔާ އަދި 10 ރުފިޔާއެވެ. ނޫޓް ސީރީޒްއަށް 50 ރުފިޔާއާއި 100 ރުފިޔާ އިތުރު ކުރީ 1951 ވަނަ އަހަރުއެވެ. ފުރަތަމަ ނޫޓު ސީރީޒްގައި ސޮއި ކުރެއްވީ މަހްކަމަތުލް މާލިއްޔާގެ އޭރުގެ ވެރިޔާ އަލްއަމީރު މުހައްމަދު އަމީން ދީދީއެވެ. "މަލިން، މުދިން، ޚަތީބް، ރައްޓެހި، ބީރައްޓެހި، ކުދި ބޮޑު، ކަމުވޮށި، ނުވޮށި، މީސްތަކުންނަށް އަންގަމެވެ. މި ރާއްޖޭގައި މިހާރުވެސް ގެންގުޅޭ ފައިސާގެ އިތުރަށް މިއަދުން ފެށިގެން ރާއްޖޭގެ ނޫޓު ހިންގުމަށް ފަށައިގަނެވޭނެއެވެ. މިހެން އަހައި ދެކެ ދެނެތިބެ މި ނޫޓު ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ގަބޫލުނުކުޅަ ކޮންމެ މީހަކު އަހައި ދެކެ ދެނެގެންފިނަމަ..." ފުރަތަމަ ނޫޓް ސީރީޒް ސާކިއުލޭޝަނަށް ނެރުނު އިއުލާނު ނުވަތަ އޭރުގެ ބަހުރުވައިން ނަމަ ނޫޓު ހިންގުމަށް ލެވުނު ކޮލީގައި ބުނެފައިވެއެވެ. އެ ނޫޓު ސީރީޒްގެ ބައި ރުފިޔާގެ ނޫޓް ފިޔަވައި އެހެން ހުރިހާ ނޫޓެއްގެ ރީޕްރިންޓެއް 1960 ވަނަ އަހަރު ވުޒާރަތުލް މާލިއްޔާގެ ވެރިޔާ އިބްރާހިމް ނާސިރު ސޮއި ކުރައްވައިގެން ނެރެފައިވެއެވެ. އަދި 50 ރުފިޔާގެ ރީޕްރިންޓެއް 1980 ވަނަ އަހަރު، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވެރިޔާ އަދި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ސޮއިކުރައްވައިގެން ނެރުއްވިއެވެ. ރައީސް މައުމޫނު، 1981 ވަނަ އަހަރު އެމްއެމްއޭ ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަނީ. ދިވެހި ރުފިޔާގެ ދެ ވަނަ ނޫޓު ސީރީޒް ނެރުނީ 1983 ވަނަ އަހަރު، އެމްއެމްއޭގެ ފަރާތުންނެވެ. އެ ނޫޓު ސީރީޒްއަށް 500 ރުފިޔާ އިތުރުކޮށް، ރާއްޖޭގައި އަލަށް 500 ރުފިޔާގެ ނޫޓު ބޭނުންކުރަން ފެށީ 1990 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ. ދެވަނަ ނޫޓު ސީރީޒްގައިވެސް ސޮއި ކުރެއްވީ ރައީސް މައުމޫނެވެ. އެ ނޫޓު ސީރީޒްގައި މައުމޫނު ސޮއި ކުރެއްވީ އެމްއެމްއޭގެ ގަވަރުނަރުގެ ހައިސިއްޔަތުންނެވެ. އޭރު ގަވަރުނަރުގެ މަގާމުގައި ހުންނަވާނީ ސީދާ ރައީސެވެ. އެ ނޫޓުތަކުގެ ތެރެއިން ދެ ރުފިޔާގެ ނޫޓު ނުހިމެނޭ ގޮތަށް އެހެން ނޫޓުތަކުގެ ސަލާމަތީ ސިފަތަކަށް ބަދަލު ގެނެސް، އެކި ފަހަރު މަތިން އަލުން ޗާޕު ކުރިއެވެ. އެގޮތުން ޗާޕްކުރި ނޫޓޫތަކުގައި ސޮއި ކުރެއްވީ އެ ވަގުތެއްގައި އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނޫޓް ތަކުގައި ސޮއި ކުރެއްވި ކުރީގެ ގަވަރުނަރުން: ގާސިމް އިބްރާހިމް (2006 ވަނަ އަހަރު ޗާޕްކުރި ނޫޓްތަކުގައި) ފަޒީލް ނަޖީބް (2008-2013 އާ ދެމެދު ޗާޕްކުރި ނޫޓްތަކުގައި) އަޒީމާ އާދަމް (2015 ވަނަ އަހަރު ނެރުނު ނޫޓް ސީރީޒް) މި ފަހުގެ ތާރީހެއްގައި ދިވެހި ފައިސާއަށް ގެނައި އެންމެ ބޮޑު ބަދަލަކީ 2015 ވަނަ އަހަރު، "ރަން ދިހަ ފަހެއް"ގެ ނަމުގައި ތައާރަފު ކޮށް، 2016 ވަނަ އަހަރު ބޭނުންކުރަން ފެށި ނޫޓު ސީރީޒްއެވެ. އެންމެ ޒަމާނީ، ސަލާމަތީ ސިފަތައް ބޭނުންކޮށްގެން، ޕޮލިމާގައި ޗާޕް ކޮށްފައިވާ ނޫޓް ސީރީޒްގައި އެންމެ ފުރަތަމަ ހިމެނުނީ 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓެވެ. އެ ސީރީޒަށް ފަސް ރުފިޔާގެ ނޫޓު އިތުރުކޮށް، ބޭނުންކުރަން ފެށީ މިދިޔަ އަހަރުއެވެ. ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒާއެކު، ދެ ރުފިޔާގެ ފައިސާ ފޮއްޗަށްވެސް އެމްއެމްއޭއިން ވަނީ މިދިޔަ އަހަރު ބަދަލު ގެނެސް، ލުއި ފައިސާ ފޮއްޗެއް ނެރެފައެވެ. މައުލޫމާތު ނެގީ: ދިވެހި ރާއްޖޭގެ ފައިސާ (އެމްއެމްއޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ