މައުމޫން ޖަލުގައި ބަހައްޓައިގެން ރައީސް ޔާމީން އަށް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.
އިދިކޮޅު ޕާޓީތަކުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތު ތަކެއްގެ މައްޗަށް ބިނާކޮށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ގާނޫނާ ޚިލާފަށް އަނިޔާވެރި ގޮތުގައި ހައްޔަރުކުރި ފަހުން 120 ދުވަސް ފާއިތުވެގެންދިޔަނަމަވެސް އެމަނިކުފާނުގެ ހިތްވަރާއި އަޒުމަކަށް ކުޑަވެސް ގުޑުމެއް އައިސްފައިނުވާކަމަށެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮއްފައިވާ ކުރީގެ ރައީސް މައުމޫނުގެ މައްޗަށް ދައުވާ ކުރަނީ ދިވެހި ރައްޔިތުންގެ ހިތުގައި ރައީސް މައުމޫނަށް ދެވިފައިވާ އިހްތިރާމާއި ގަދަރާއި ލޯބި ކޮންމެވެސް ގޮތަކުން ނެތިކޮށްލާ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ރައީސް މައުމޫން ފައްޓަވާފައިވާ އިސްލާހީ މަސައްކަތްތައް ކާމިޔާބުވިޔަ ނުދިނުންކަމަށްވެސް މި ބަޔާނުގައި ވެއެވެ.
ހުކުމެއްނެތި 120 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަކުން ރައީސް މައުމޫންގެ އަޒުމަކަށް ކުޑަވެސް ގުޑުމެއް ނާންނަކަމަށާ އިދިކޮޅު އަނެއް 3 ލީޑަރުންނާއެކު ފެއްޓެވި މަސައްކަތުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ޖެހިވަޑައެއް ނުގަންނަވާކަމަށްވެސް ބުނެފައިވެއެވެ.
"މައުމޫންގެ ހަމައެކަނި ކުށަކީ ދިވެހި ގައުމު ބިނާކުރުމުގެ މަސައްކަތުގައި ދެމިހުންނެވުމާއި ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އިސްލާހީ މަސައްކަތުގައި އެމަނިކުފާނު އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުން" މިބަޔާނުގައި ވެއެވެ.
މައުމޫންގެ މައްޗަށް ދައުވާކުރަނީ 2013 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ދައުވާކަން ފާހަގަކޮށް މިބަޔާނުގައި ބުނެފައިވަނީ 2013 ވަނަ އަހަރު ރައީސް މައުމޫން ކުރެއްވީ ކޮން މަސައްކަތްތަކެއްތޯ ބަލާލާއިރު ފެންނަނީ، ވަރުބަލިކަމެއްނެތި ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށަށް ވަޑައިގެން ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދެއްވި މަންޒަރު ކަމަށެވެ.
"މައުމޫންގެ މައްޗަށް ނިރުބަވެރި ދައުވާ އުފުލާފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދެއްވުމަށް މަސައްކަތް ކުރެއްވުން ކަމާއި، އެއީ އެންމެ ބޮޑު ނިރުބަވެރި އަމަލުކަމަށް މާނަކުރުމުގެ ފުރުސަތު އެބައޮތް" މިބަޔާނުގައި ވެއެވެ.
ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ރައްޔިތުންގެ ތާއީދު އެއްވެސް މިންވަރަކަށް ހޯދިފައިނުންކަމަށާ އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ތާއީދު ލިބިގެންދާނޭ އެއްވެސް މަގެއްވެސް ނެތުންކަމަށަށް މި ބަޔާނުގައި ވެއެވެ.
މިހާރުގެ ސަރުކާރުގެ އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި އަދި ފަސާދައިގެ ވާހަކަތައް ހާމަކުރާ ހަމަކޮންމެ މީހަކު ޖަލަށްލުންކަމަށްވެސް ޕާޓީތަކުން ބުނެފައިވެއެވެ.
"ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިފައިވާ 4 ލީޑަރުން ޖަލަށް ލުމުން، އެ 4 ލީޑަރުންނަށް ދިވެހި ރައްޔިތުންގެ ކުރާ ތާއީދު މި ސަރުކާރަށް ލިބިގެންދާނެ ކަމަށް ދުށުމަށްވުރެ މޮޔަކަމެއް , މައުމޫން އަބްދުލްގައްޔޫމް ބަންދުގައި ބަހައްޓައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުވެދާނެކަމަށް ދުށުމަކީ ކުށް ހީއެއް" ބަޔާނުގައި ވެއެވެ.
މައުމޫން ޖަލުގައި ބަހައްޓައިގެން ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބެއް ނުވާނެ - އިދިކޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ