ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ނުކުރާނަން: ގާސިމް

ޖުމްހޫރީ ކޯލިޝަންގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ހަމަޖެހިފައިވާ އުސޫލުތަކާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެ ކޯލިޝަންގެ ވެރިކަމެއްގައި އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ހުރިހާ ކަމެއް ވެސް ކުރައްވާނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، ހަމަޖެހިފައިވާ އުސޫލާ ޚިލާފަށް ގާނޫނުތަކުން އެއްކިބާވެ އެއްވެސް ކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން ކަންތައް ކުރާނީ ދެފުށް ފެންނަ ގޮތަށް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ކޯލިޝަންގެ ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށް އިގްތިސޯދީ ގޮތުން ތަނަވަސްކަން ގެނެސްދިނުމަށް ކަމަށެވެ.
ރޭގެ ޖަލްސާގައި ގާސިމް ވަނީ އެމްޑީޕީ އަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ހަމަނުޖެހުން ހިންގައި ބައިނަލް އަގުވާމީ މުޖުތަމައު ގަބޫލުނުކުރާ ފެންވަރަށް ކަންތައްތައް ގެންދިޔުމަކީ އެމްޑީޕީގެ ސަރުކާރުން މީގެ ކުރިން ވެސް ކޮށްފައިވާ ކަމެއް ކަމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަށް ވަނަ ދުވަހު އެމްޑީޕީ ސަޕޯޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރި މުޒާހަރާގައި ބައެއް ރަށްރަށުގެ ކޯޓުތަކާއި ޕޮލިސްޓޭޝަންގައި ހުޅުޖަހައި އަންދާލާފައިވާ ކަމަށާއި އެއީ ތަރައްގީ އަށް މަސައްކަތް ކުރާ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ