ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމުން މުޅި ދުނިޔެ ވެސް ސަރުކާރަށް "ޖޯކު ޖަހަމުން" އަންނަ ކަމަށާއި ނަޝީދު ދޫކޮށްލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
އެމްޑީޕީ-ޖޭޕީ އިން ދިރާގު ކަންމަތީގައި ރޭ ބޭއްވި މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގައި ހިނގާ ހުރިހާ ކަމެއް ދިވެހިންނެކޭ އެއްފަދައިން ބައިނަލްއަގުވާމީ ދުނިޔެއިން އަންނަނީ ބަލަމުން ކަމަށެވެ. ގާސިމް ވިދާޅުވީ މިއަދުގެ ސަރުކާރުން ކުރަމުން އަންނަ ކަންކަމަކީ އެއްވެސް ގައުމަކުން ބަލައި ގަންނަ ކަމެއް ނޫން ކަމަށެވެ.
"މިހާރު ވެސް ޔޫއެން އިން ވެސް އަދި ކޮމަންވެލްތުން ވެސް ބަޔާން ނެރެފައި ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ހިނގައި ދިޔަ އޮޑިޓާ ޖެނެރަލް ވަކިކުރުމާއި ސުޕްރީމް ކޯޓުގެ ބެންޗަށް ގެނައި ބަދަލާއި ގުޅިގެންނާ. އެބޭފުޅުން ވެސް ވަނީ އެކަމާ ދެކޮޅަށް ގޮވާލާފައި. މިހެން މިކަން އޮތް އިރު އިހަށް ދުވަހު ނަޝީދުގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސް އަނެއްކާ އަނބުރާ ވެއްދުމުން އެކަމަށް މުޅި ދުނިޔެ ވެސް އަންނަނީ ޖޯކު ޖަހަމުން." ގާސިމް ވިދާޅުވި އެވެ.
ރޭގެ މުޒާހަރާގައި ގާސިމް ވަނީ ރައީސް ނަޝީދު ހައްޔަރުކޮށްފައި ވާތީ އެކަން ހަރު އަޑުން ކުށްވެރި ކުރައްވައި "ވަގުތުން ވަގުތަށް" އެމަނިކުފާނު ދޫކޮށްލެއްވުމަށް ގޮވާލާފަ އެވެ. ގާސިމް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަކީ، ގާނޫނު އަސާސީއާ އެއް ހަމަވާ ގާނޫނެއް ނޫން ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ފަހު އެމަނިކުފާނު ހައްޔަރު ކުރެއްވީ އިއްޔެގެ ވަގުތެއްގަ އެވެ.
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައިގެން، ސިފައިން މެދުވެރިކޮށް އަބްދުﷲ ގާޒީ ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައި ވާތީ އެވެ.
ނަޝީދު ދޫކޮށްލުމަށް ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ